Roadha Mihaaru
ފުޓްބޯޅަ ރަނގަޅުކުރަން އެއްވެސް ބަޔަކު ނުޅޭ: ނިޒާމް

ދިވެހި ފުޓްބޯޅަ ރަނގަޅު ކުރަން އެއްވެސް ބަޔަކު މަސައްކަތެއް ނުކުރޭ: ނިޒާމް

06 ފެބުރުއަރީ 2024

ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުން ނަގަން، އެއްވެސް ބަޔަކު ބިނާ ކުރުވަނިވި މަސައްކަތެއް ނުކުރާކަމަށް، ބުރު ސްޕޯޓްސްގެ މުހައްމަދު ނިޒާމް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުން ނަގަން، އެއްވެސް ބަޔަކު ބިނާ ކުރުވަނިވި މަސައްކަތެއް ނުކުރާކަމަށް، ބުރު ސްޕޯޓްސްގެ މުހައްމަދު ނިޒާމް ބުނެފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތާ މެދު ކަންބޮޑުވެ ވެޑައިގެން ފުޓްބޯޅައިގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވި އެވެ. އެ މަނިކުފާނުގެ އެ ވާހަކަފުޅާ ގުޅިގެން "މިހާރު" އިން ޕަބްލިޝް ކުރި ޚަބަރު ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ނިޒާމް ލިޔެފައިވާނީ ވަނީ "ނެކްސްޓް ސްޓެޕް" މިހެންނެވެ.

އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓާ ގުޅިގެން، ސުވާލު ކުރުމުން ކުރިން 17 އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި ނިޒާމް ބުނީ ފުޓްބޯޅަ ދަށް ހާލަތަކަށް ވެއްޓިފައިވާ އިރު މި ހާލަތުން ރާއްޖޭގެ ފުޓްބޯޅަ ނަގަން ސަރުކާރުން ވެސް އެފްއޭއެމުން ވެސް އަދި ކްލަބްތަކުން ވެސް އެކަށޭނެ މަސައްކަތެއް ނުކުރާ ކަމަށެވެ.

"ހަމައެކަނި ސަރުކާރާއި އެފްއޭ އެކަންޏެއް ނޫން. ހަމަ އެއް ވެސް ބަޔަކު ފުޓްބޯޅަ ރަނގަޅު ކުރަން ދެމެހެއްޓެނިވި މަސައްކަތެއް ނުކުރޭ،" ދިވެހި ލީގުގެ ޗެމްޕިއަންކަން 2018 ގައި ޓީސީ އާ އެކު ހޯދި ކޯޗު ބުންޏެވެ.

ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ކުރިން އަދާކުރި ނިޒާމު ބުނީ ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުޅިވަރު އެސޯސިއޭޝަންތަކަށް އެ ސަރުކާރުން ގަޔާވާ ބަޔަކު ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.

"އެކަން ނުވެއްޖެއްޔާ [ސަރުކާރުން ބޭނުންވާ ބަޔަކު އެސޯސިއޭޝަންތަކުގެ ލީޑާޝިޕަށް ނުގެނެވިއްޖެއްޔާ] އެ ކުޅިވަރެއް އޮޔާދާން ދޫކޮށްލަނީ،" ނިޒާމް ބުންޏެވެ.

ކޯޗް މުހައްމަދު ނިޒާމް: އޭނާ ބުނީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ފުޓްބޯޅައިގެ ޕްލޭން ބަދަލުވަ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޯޗް މުހައްމަދު ނިޒާމް: އޭނާ ބުނީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ފުޓްބޯޅައިގެ ޕްލޭން ބަދަލުވަ ކަމަށް --- ފޮޓޯ: ނިޝާން އަލީ | މިހާރު

"ފެންނާނެ މިދިޔަ ސަރުކާރުގައި ކަންތައް ވީ ގޮތް. ފުޓްބޯޅަ އަށް ކުރާ ހޭދައަކީ ވެސް ބޭކާރު އެއްޗެއް ކަމަށް ދައްކަން ވެސް މަސައްކަތްކޮށްފަ ހުރީ."

ނިޒާމް ބުނީ ކުޅިވަރުގެ މީހުންނަށް ކުޅިވަރުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ. ފުޓްބޯޅަ މިހާލަތަށް ވެއްޓުނު ސަބަބުތައް ހޯދައި ފުޓްބޯޅައިގައި ޝާމިލުވާ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭކަން ނިޒާމް ފާހަގަ ކުރި އެވެ.

"ފުޓްބޯޅަ ޑިވެލޮޕްމެންޓަށް މަސައްކަތް ކުރުމުގައި މާސްޓާ ޕްލޭނެއް އޮންނަން އެބަޖެހޭ ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު ބަދަލު ނުވާނެ. ކޮންމެ ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު އެ ސަރުކާރެއްގެ ވިސްނުން ބަދަލުވީމަ ފުޓްބޯޅަ އަށް ސަސްޓެއިނަބަލް ކުރިއެރުމެއް ނުގެނެވޭނެ،" އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީގެ ކުރީގެ މެންބަރު ނިޒާމް ބުންޏެވެ.