Roadha Mihaaru
ރައީސްގެ އެދިވަޑައިގަތުމަށް ފުޓްބޯޅައިގެ މަޝްވަރާތަކެއް

ރައީސްގެ އެދިވަޑައިގަތުމަކަށް ރައީސް އޮފީހުން ފުޓްބޯޅައާ ގުޅޭ މަޝްވަރާތަކެއް ބާއްވައިފި

30 ޖުލައި 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް، ފުޓްބޯޅައިގައި ޝާމިލުވާ ބައެއް ބޭފުޅުންނާ އެކު ރައީސް އޮފީހުން މަޝްވަރާތަކެއް ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް، ފުޓްބޯޅައިގައި ޝާމިލުވާ ބައެއް ބޭފުޅުންނާ އެކު ރައީސް އޮފީހުން މަޝްވަރާތަކެއް ފަށައިފި އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން، އެކި ދުވަސްތަކުގެ މަތިން ފުޓްބޯޅައިގެ އެކި ބޭފުޅުން ރައީސް އޮފީހަށް ގެންދަވައިގެން އެ މަޝްވަރާތައް ކުރިއަށް ގެންދާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދަވަނީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް އިސްވެ ހުންނަވައިގެންނެވެ. އެ ބައްދަލުވުންތަކުގެ މައުލޫމާތެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ބެހޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ހަލީލް ވިދާޅުވީ ރާއްޖޭގެ އެކި ކަންކަމާ ގުޅޭ ގޮތުން ތަޖުރިބާކާރު އެކި ބޭފުޅުންނަށް ދައުވަތު ދީގެން ރައީސް އޮފީހުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ އަބަދުވެސް ކުރާ މަސައްކަތެއް ކަމަށެވެ.

އެ ބައްދަލުވުންތަކަށް ވަޑައިގެންނެވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އެ މަޝްވަރާތައް ފެއްޓެވީ ރައީސް އެދިވަޑައިގަތުމަށް ކަމަށް ހަލީލް ވިދާޅުވި ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ނެގުމަށް މަސައްކަތް ކުރާނެ ގޮތްތަކުގެ ހިޔާލު ހޯއްދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުޓްބޯޅަ ރަނގަޅު ކުރަން ރައީސް އަމިއްލަފުޅަށް އެ އިނީޝިއޭޓް ނަންގަވައިގެން އެކަން ކުރައްވާތަން ފެނުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ހަމަ ގައިމުވެސް އަޅުގަނޑުމެންގެ ބައްދަލުވުމުގައި ވަރަށް ޕްރޮޑެކްޓިވް މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު މިހާރު އޮތް ހާލަތުން ފުޓްބޯޅަ ނެގުމަށްޓަކައި،" ނަން ހާމަ ކުރަން ބޭނުން ނުވެ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ނުދެކެން މީގެ ކުރިއަކުން ސީދާ ރައީސް އޮފީހުގެ ބައިވެރިވުން އޮވެގެން ފުޓްބޯޅައާ ބެހޭގޮތުން މިހާ ފުޅާކޮށް މަޝްވަރާތަކެއް ކުރިއަށް ގެންދެވި ތަނެއް."

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ، މުއިއްޒު ވަނީ ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފުޓްބޯޅައިގެ އިސް މަގާމުތަކެއް ކުރިން އަދާކުރެއްވި ބޭބޭފުޅުންނާ އެކު ހަތަރު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މަޝްވަރާތަކުގައި އެންމެ ފުރަތަމަ ދުވަހު ހަލީލް ބައްދަލުކުރެއްވީ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ކަލީމް، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ)، ކުރީގެ އެއް ވަނަ ފޯވާޑް އަދި އެފްއޭއެމް ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި ޝާހު އިސްމާއީލް، އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެރެޓަރީ އަބްދުލް ހަމީދު އަބްދުލް ޣަފޫރު (އައްޑޯ) އަދި ފުޓްބޯޅައިގެ ހިދުމަތްތެރިޔާ އަދި ކްލަބް ވެލެންސިއާގެ ކުރީގެ ބޯޑް މެންބަރު އަހުމަދު މުހައްމަދު (ދޮނާ) އާ އެވެ.

ދެ ވަނަ ބައްދަލުވުމަކަށް ގައުމީ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަން އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ އިބްރާހިމް އިސްމާއީލާއި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ހާމިދު އަބްދުލް ޣަފޫރު ވެސް ވަޑައިގެންނެވި އެވެ.

ހިންގުން ބޮއްސުންލާފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އޮތީ ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުވުމުގެ މަރުހަލާގަ އެވެ.

ފީފާއިން ނިންމާފައި ވަނީ އެފްއޭއެމްގެ ހިންގުން ހަރުދަނާކޮށް މާލީ ގެންޖެހުންތަކުން އެ އެސޯސިއޭޝަން އަރައިގަނެ އާ އިންތިހާބަކަށް ފުރުސަތު ތަނަވަސްކޮށް ދިނުމުގެ އެއް އަހަރުގެ ދައުރެއް އެ ކޮމިޓީ އަށް ދިނުމަށެވެ. އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށް ކޮމިޓީގެ ދައުރު ހަމަވާނެ އެވެ. އެކަމަކު އަދި މިހާތަނަށް ފީފާ އިން އެ ކޮމިޓީ އެކުލަވާލާފައެއް ނުވެ އެވެ.