Roadha Mihaaru

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ބިލް ރައީސް ތަސްދީގު ކުރައްވައިފި

ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމާއި ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރިފަރެންޑަމް ބިލް ރައީސް ތަސްދީގު ކުރައްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 ސެޕްޓެމްބަރ 2025

ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމާއި ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވައި މަޖިލީހުން އިއްޔެ ފާސްކުރި ބިލު ވަނީ ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ނެގޭ ގޮތަށް ބަދަލުތައް ގެނެސްފަ އެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލް، ރައީސް ތަސްދީގުކުރެއްވުމުން މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

ނަމަވެސް އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު މިއަދު ތަސްދީގުކުރި ގާނޫނުގެ ދަށުން އޮވެ އެވެ.

އެ ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އަހަން ޖެހެނީ ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކަށް އިސްލާހު ގެނައުމާއި މަޖިލީހުގެ ދައުރާއި ރިޔާސީ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާ ހާލަތްތަކުގައި ވެސް އެ ގާނޫނުގެ ދަށުން ވޯޓު ނަގަން ޖެހެ އެވެ.