Roadha Mihaaru

ރިސޯޓް ތަރައްގީކުރަން ފަރުމުލި އަކީ މާފަރުގެ ބައެއް ނޫން ކަމަަށް ކަނޑައަޅުއްވައިފި

ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލި ޓޫރިޒަމަށް ހުޅުވާލައި ތަރައްގީކުރަން، އެ ފަޅުރަށަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ފަރުމުލި، މާފަރު ބައެއް ނޫން ކަމަށް ކަނޑައަޅުއްވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލި ޓޫރިޒަމަށް ހުޅުވާލައި ތަރައްގީކުރަން، އެ ފަޅުރަށަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފަރުމުލި މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ކަނޑައެޅުއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެެވެ.

އެ ނިންމެވުމާ އެކު ފަރުމުލި ބޭނުންކުރާނީ ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގަ އެވެ. މި ރަށުގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

މާފަރުގެ ރައްޔިތުން ވެސް ބޭނުން ވަނީ ޓޫރިޒަމަށް ހުޅުވާލައި އެ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަށެވެ.

މާފަރުގެ އިހްތިސޯސުން އެ ފަޅުރަށް މި ވަކިކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރައީސް ނެރުއްވި ގަރާރަކުން ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ފަހު އެވެ.

ފަރުމުލިއަކީ މާފަރުގެ ބައެއް ނޫން ކަަމަށް އަނެއްކާ ވެސް ކަނޑައެޅިއިރު ފަރުމުލި އާއި ކަނޑިންމާހުރާ ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކި ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު ތެރޭގައި ނިންމި އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މާފަރު ކައުންސިލުން ވަނީ އެ ގަރާރު އިސްލާހު ކޮށްދެއްވައި ދެ ފަޅު ރަށް ވެސް މާފަރަށް އަނބުރާ ލިބޭ ގޮތް ހަދައި ދިނުމަށް އޭރުގެ ސަރުކާރަށް ދަންނަވައިފަ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި، މި ސަރުކާރުން ފަރުމުލި މާފަރުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި މިވަނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެންނެވެ.