Roadha Mihaaru

ސިޔާސީ މަގާމުތަކުގައި މިހާރު ތިބީ 922 މީހުން: ރައީސް އޮފީސް

މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެންމެފަހުން އާންމުކޮށް، އެ މަގާމުތަކުގައި ތިބީ 922 މީހުން ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922: ރައީސް އޮފީސް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 ޖުލައި 2025

މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެންމެފަހުން އާންމުކޮށް، އެ މަގާމުތަކުގައި ތިބީ 922 މީހުން ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ނުކުރާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުން މިރޭ ބުނީ ސިޔާސީ މަގާމުތަކުގައި މިވަގުތު ތިބީ 922 މުވައްޒަފުން ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

ސިޔާސީ މަގާމުތަކުގެ ތަފްސީލުތައް

- މިނިސްޓަރުންގެ ގޮތުގައި 20 ބޭފުޅުން

- މިނިސްޓަރުންގެ ފެންވަރުގައި 14 ބޭފުޅުން

- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން

- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ހަތް ބޭފުޅުން

- ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން

- ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން

- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން

- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި އަށް ބޭފުޅުން

- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން

- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން

- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން

- އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން

ރައީސް އޮފީހުން ބުނީ ސިޔާސީ މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދެއްވުން އަދި އަލަށް ބޭފުޅުން އައްޔަން ކުރައްވާތީ ޖުމްލަ އަދަދަށް އަބަދުވެސް ބަދަލު އަންނާނެ ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ރައީސް އޮފީހުން އެންމެ ފަހުން އާއްމުކުރިއިރު، އެ މައުލޫމާތުތައް ހޯދުމަށް މީޑިއާތަކުން މީގެ ކުރިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވެސް ފޯމުތައް ހުށަހަޅައިފަ އެވެ. އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު ކުރިން އެންގެވި އެވެ. ނަމަވެސް ޖުމްލަ އަދަދު ހާމަ ނުކުރަނީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިގުތިސޯދު ރިފޯމް އެޖެންޑާގެ ދަށުން 248 ސިޔާސީ މުވައްޒަފަކު މިދިޔަ އަހަރު ވަކިކުރައްވައިފަ އެވެ.

އެކި މިނިސްޓްރީތަކުން މީގެ ކުރިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،400 އަށް ވުރެ ގިނަ އެވެ. ނަމަވެސް، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ރައީސްގެ އޭރުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.