Roadha Mihaaru

ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ސުލްހަވެރިކަމާއެކު ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ "ނިއުޔޯކް ޑިކްލަރޭޝަން" ބަލައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ފަލަސްތީނާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުހަބާ

ސުލްހަވެރިކަމާއެކު ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ "ނިއުޔޯކް ޑިކްލަރޭޝަން" ބަލައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ނެރުއްވި ހިތާބެއްގައި ވިދާޅުވީ ސައުދީ އަދި ފްރާންސްގެ ރިޔާސަތުގެ ދަށުން އދ. ގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ "ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން" ގެ ނަތީޖާ ކަރުދާހުގައި ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، "ނިއުޔޯކް ޑިކްލެރޭޝަން" ބަލައިގަތުމަކީ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

ނިއުޔޯކް ޑިކްލަރޭޝަނަކީ ފަލަސްތީނުގެ އާއްމުންގެ ދާއިމީ ސިޔާދަތާއި އެ ގައުމުގެ ދައުލަތް ބަލައިގަތުމާއި އެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން އެއްބާރުލުން ދޭކަމުގެ ބޮޑު ހެއްކެއް ކަމަށް ރައީސް ޥިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ އެ ޑިކްލަރޭޝަނަކީ ފަލަސްތީނަށް މެދުކެނޑުމެއް ނެތި ދެމުންދާ ހަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމާއި ފަލަސްތީނުގެ އިގުތިސޯދީ ގާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އެއްބާރުލުން ދިނުމަށް ބައިނަލްއަގުވާމީ މައިދާނުން ދިން ވަރުގަދަ އިލްތިޒާމެއް ކަމަށެވެ.

އިރުމަތީ ގުދުސް ހިމެނޭހެން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގުޅުންހުރި ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.