Roadha Mihaaru

ޣައްޒާގައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުން ނިންމުމުން ރައީސް ކުށްވެރިކުރައްވައިފި

ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.

އިޒްރޭލްގެ ނިންމުން ރައީސް ކުށްވެރިކުރައްވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

08 އޯގަސްޓް 2025

ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް އިޒްރޭލުގެ އިދާރާތަކުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެކަމުގެ ސަބަބުން އެއްކޮށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޒްރޭލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޣައްޒާ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ.

ރައީސް ވަނީ އިޒުރޭލުގެ މި އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، އެކަން ވަގުތުން ވަގުތަށް ހުއްޓުވައިދޭން ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި މުޖުތަމައުއަށް ގޮވާލައްވައިފަ އެވެ. އަދި އިޒުރޭލުގެ މި ލާއިންސާނީ އަމަލުތަކަށް އެމީހުން ޖަވާބުދާރީކުރުވުމަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

"ޣައްޒާގެ ހަނގުރާމަ ނިންމުމަށް" ގެނައުމަށް ކަމަށް ބުނެ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހުށަހެޅުމަކަށް ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް އެތަނުގައި ފަލަސްތީނުގެ މައި ދެ ޖަމާއަތުގެ ބައިވެރިވުމެއް ނެތް ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ބޮޑުވަރީޒުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެއީ ހަމާސް ނައްތާލުން ފުރިހަމަކުރުން ކަމަށާއި އެކަން ކުރިއަށް ދާއިރު އަސްކަރީ ހަރަކާތްތައް ނުހިނގާ ހިސާބުތަކުގައި އާންމުންނަށް ކާނާ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.

އިޒްރޭލުން އެގޮތަށް ނިންމާފައި ވަނީ ޣައްޒާގައި ހަމަލާ ދޭތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެފައިވާއިރު، އެތަނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަނޑުހައިހޫނުކަމުގައި މަރުވަމުން ދިއުން ނިމުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންވާނެ އެއްބަސްވުމަކަށް އަވަހަށް ދިއުމަށް އެތެރެއިންނާއި ބޭރުން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފިއްތުން އިތުރުވެފައި ވަނިކޮށެވެ.