Roadha Mihaaru
ކެޕިޓަލް ސިޓީ އަށް 80،000 ރުފިޔާގެ ޖޫރިމަނާއެއް

މެޗުތަކަށް ހާޒިރުނުވި ކެޕިޓަލް ސިޓީ އަށް 80،000 ރުފިޔާގެ ޖޫރިމަނާއެއް

10 އޯގަސްޓް 2022

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބުން ކުޅެން އޮތް ދެ މެޗަކަށް ހާޒިރުނުވި މައްސަލައިގައި އެ ކްލަބް 80،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބުން ކުޅެން އޮތް ދެ މެޗަކަށް ހާޒިރުނުވި މައްސަލައިގައި އެ ކްލަބް 80،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެފްއޭއެމުން ނިންމައިފި އެވެ.

ދެވަނަ ޑިވިޝަންގައި އެ ޓީމު ކުޅެން އޮތް ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށާއި މިދިޔަ ހޮނިހިރު ދުވަހު ޓެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެސް ކުޅެން އޮތް މެޗަށް ވެސް ކެޕިޓަލް ހާޒިރުވެފައެއް ނުވެ އެވެ.

ސިފައިންނާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހަމަވީ، ކެޕިޓަލްގެ ފުރަތަމަ 11 ގައި ކުޅޭ ކުޅުންތެރިންނެވެ. ޓީމުގެ އޮފީޝަލަކު ވެސް އަދި އިތުރު ކުޅުންތެރިޔަކު ވެސް ދަނޑަށް ހާޒިރެއް ނުވެ އެވެ. އެފްއޭއެމުން ނިންމީ އެ ޓީމު މެޗަށް ހާޒިރު ނުވިކަމަށް ބަލައި އިދިކޮޅު ޓީމު މޮޅުވީ ކަމަށް ނިންމައި ފައިދާ ދެ ގޯލް ވެސް ދިނުމަށެވެ. ޓެންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރު ނުވި އެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ ޖުލައި 13 ވަނަ ދުވަހު ކުޅެން އޮތް މެޗަށް ހާޒިރު ނުވުމުން 30،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި އެކަން މިދިޔަ ހޮނިހިރު ދުވަހު ތަކުރާރުވުމުން ދައްކަން ޖެހޭ ފައިސާގެ އަދަދު 50،000 މަތި ކުރި އެވެ. އެހެން ކަމުން ޖުމުލަ 80،000 ރުފިޔާގެ ޖޫރިމަނާއެއް ކެޕިޓަލް އަށް ވަނީ ކުރިމަތި ވެފަ އެވެ.

ކެޕިޓަލް އޮތީ ގުރޫޕް 1 ގެ އެންމެ ފުލުގަ އެވެ. އެ ޓީމަށް އަދި އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ.

އެފްއޭއެމުން ބުނީ އެ މައްސަލަ އިތުރަށް ބެލުމަށް ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވުމަށް މުބާރާތުގެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގައި ޓީމު މެޗަށް ހާޒިރު ނުވުމުގެ މައްސަލަ މިފަހަކަށް އައިސް ކުރިމަތިވާލެ ގިނަ އެވެ.

މިއަހަރު އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްރިލިމިނަރު މަރުހަލާގެ ދެވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް، ރާއްޖޭގެ ކްލަބް ވެލެންސިއާ ދަތުރު ނުކުރުމުން އޭއެފްސީން ނިންމީ ވެލެންސިއާ މެޗަށް ހާޒިރުނުވާ ކަމަށެވެ. އޮކްޓޯބަރު 2019 ގައި އެފްއޭއެމުން ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރި އެއް ސަބަބަކީ ވިދިވިދިގެން ތިން މެޗު އެ ޓީމު ހާޒިރު ނުވުމެވެ. ކުޅުންތެރިން ދަނޑަށް ހާޒިރުވިޔަސް މެޗު ފެށޭ މިންވަރަށް ޓީމު ހަމަކުރެވޭ ގޮތެއް ނުވެ އެވެ.