Roadha Mihaaru

ނިއުގެ ހަތުރުވެރިޔާ އެންމެ ފަހުން އެ ޓީމުގެ މިތުރަކަށް

ނިއު ރޭޑިއަންޓުގެ ކޯޗުގެ މަގާމާ އަލީ ސުޒޭން ހަވާލުވެއްޖެޔޭ، މީގެ އަހަރުތަކެއް ކުރިން ފުޓްބޯޅަ ސަޕޯޓަރެއް ކައިރީ ބުނެފި ނަމަ އެ ވާހަކަ ގަބޫލުނުކޮށްފާނެ އެވެ. ސުޒޭނަކީ، ނިއުއާ އެންމެ ވާދަވެރި ޓީމު ކަމަށްވާ ވިކްޓްރީގެ ރަތްލާޖެހި މީހަކަށްވާތީވެ އެވެ. އަދި އޭނާ އަކީ ނިއު އަށް އަމާޒުކޮށް ވިކްޓްރީން އެންމެ ގިނަ ބަހުގެ ހަމަލާތައް ފޮނުވާލި އެކަކަށް ވެސް ވާތީވެ އެވެ.

ނިއުގެ ހަތުރުވެރިޔާ އެންމެ ފަހުން އެ ޓީމުގެ މިތުރަކަށް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

28 އޯގަސްޓް 2025

ނިއު ރޭޑިއަންޓުގެ ކޯޗުގެ މަގާމާ އަލީ ސުޒޭން ހަވާލުވެއްޖެޔޭ، މީގެ އަހަރުތަކެއް ކުރިން ފުޓްބޯޅަ ސަޕޯޓަރެއް ކައިރީ ބުނެފި ނަމަ އެ ވާހަކަ ގަބޫލުނުކޮށްފާނެ އެވެ. ސުޒޭނަކީ، ނިއުއާ އެންމެ ވާދަވެރި ޓީމު ކަމަށްވާ ވިކްޓްރީގެ ރަތްލާޖެހި މީހަކަށްވާތީވެ އެވެ. އަދި އޭނާ އަކީ ނިއު އަށް އަމާޒުކޮށް ވިކްޓްރީން އެންމެ ގިނަ ބަހުގެ ހަމަލާތައް ފޮނުވާލި އެކަކަށް ވެސް ވާތީވެ އެވެ.

މިއަދު ދިވެހި ފުޓްބޯޅައިގެ ފޯރިކެނޑިފައި އޮތުމުން، ސުޒޭނުގެ މި ނިންމުން މާބޮޑު ކަމަކަށް ނުވިޔަސް މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހަށް އިތުރުވާނެ މުހިއްމު ސަފުހާއެކެވެ. ސުޒޭނުގެ މި ނިންމުމުގެ ޝައުގުވެރިކަން ބޮޑުވި އަނެއް ސަބަބަކީ، އޭނާ ނިއުއާ މި ހަވާލުވީ، އެ ޓީމަށް އޭނާ ހޯދައިދޭނެ ކޮންމެ ކާމިޔާބެއްގެ އަގު ވެސް ނުހަނު ބޮޑުވާނެ ދަނޑިވަޅެއްގައި ކަމަށްވާތީވެ އެވެ. ނިއު އިން ސުޒޭނާ ހަވާލުކުރީ އަހަރުތަކަށް ފަހު އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާނެ ފުރަތަމަ ސީޒަނަށް ވާނެ ކަމަށް ބެލެވޭތީ، މި ފަހަރު ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ ނިއު އިން ކުރީގެ މަގާމް ހޯދުމަށް ކަޑައްތުކުރާނެ ބޮޑު ރާސްތާއަކަށް ވާނެ އެވެ.

ނިއު އަށް ސޮއިކުރުމަށް ފަހު ސުޒޭން "މިހާރަ"ށް ބުނީ އެ ޓީމާ އޮތް ވާދަވެރިކަމަކީ މިވަގުތު މާޒީ ކަމަށާއި، މިއީ ޕްރޮފެޝަނަލީ ނިންމި ނިންމުމެއް ކަމަށެވެ. އޭނާ ސަބަބެއް ވެސް ދިނެވެ. ފުރަތަމަ ކަމަކީ ނިއު ފަދަ ޓީމަކާ ހަވާލުވެ ކާމިޔާބީ ހޯދައިދެވުމަކީ ސީވީ އަށް ލިބޭނެ ކުރިއެރުމަކަށް ވުމެވެ.

"ދެ ވަނަ ސަބަބަކީ ނިއު އިން ހުށަހެޅި ޕްރޮޖެކްޓް ރަނގަޅުވުން. ދެ އަހަރުގެ ކޮންޓްރެކްޓަކާ އެކު، ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިދިން،" ސުޒޭން ބުންޏެވެ.

"މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ ނިއު އަށް ކާމިޔާބު ހޯދައިދޭން."

ވިކްޓްރީ ނިސްބަތްވާ ގަލޮޅަށް އުފަން ސުޒޭނަކީ ހަމައެކަނި ވިކްޓްރީގެ ކުރީގެ ކުޅުންތެރިއެއް ނޫނެވެ. ލެޖެންޑަރީ ކޯޗެއް ވެސް މެ އެވެ. ޓީމަށް ކުޅުންތެރިން ހަމަކުރުމާއި، ފައިސާ ހޯދުމުގައި ވެސް އޭނާ ބޮޑު ދައުރެއް އަދާކުރި އެވެ. އަބަދުވެސް އޭނާ އިސްކަން ދިނީ ވިކްޓްރީ އަށެވެ. އެގޮތުން 2004 ގައި ވިކްޓްރީގެ އެސިސްޓަންޓް ކޯޗަކަށް ހުއްޓާ ކ. ހުރާ ހުއްރިއްޔާގެ ހެޑްކޯޗުކަން ލިބުމުން ދޫކޮށްލީ ވެސް ވިކްޓްރީއަށްޓަކަ އެވެ.

ވިކްޓްރީ ދެކެ އެވަރަށް ލޯބިވާ މީހަކު، ނިއުއާ ވާދަވެރިކަމެއް ނެތިނުދާނެ އެވެ. އެ ވާދަވެރިކަމުގެ ދިލަ ގަދަވީ ސުޒޭން ވިކްޓްރީގެ ކޯޗަކަށް ހުރިއިރު 2006 ގެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ނިއު އާއި ވިކްޓްރީ 2-2 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގައި ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި ވިކްޓްރީގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ރެފްރީ އަހުމަދު އަމީޒު، ދަގަނޑޭ އަށް ރަތްކާޑު ދެއްކުމަށް ފަހު އިމްރާނަށް ކާޑު ނުދެއްކުމުން ނިއުގެ ސަޕޯޓަރުން ދަނޑުގެ އިސްތިހާރު ބޯޑުތައް ވައްޓާލައި މެޗު ކުޅެން ހުރަސް އެޅީ އެވެ. އެންމެ ފަހުން އެފްއޭއެމުން ނިންމީ އެ މެޗު ސަޕޯޓަރުން ނުވައްދާ އަލުން ކުޅޭށެވެ.

ސަޕޯޓަރުން ނެތި ކުޅެން ޖެހުމުން އުނދަގޫވާނީ ނިއު އަށް ކަމަށް އިޝާރާތްކޮށް ނިއުގެ ޗެއާމަން އަލީ އާޒިމް ވިދާޅުވީ "ވިކްޓްރީގައި ސަޕޯޓަރުން ނުތިބޭނެ" ކަމަށެވެ. ރައްދުގައި ސުޒޭން ބުނީ އާޒިމް ވިދާޅުވީ ތެދެއް ކަމަށާއި "ދަނޑަށް ފުޅިއުކައި ހަމަނުޖެހުން ހިންގާ ސަޕޯޓަރުން ވިކްޓްރީގައި" ނުތިބޭނެ ކަމަށެވެ. އޭގެ ފަހުން ނިއުގެ ސަޕޯޓަރުން ތިބޭ ކެރެލާ ސިޑިބަރިން، ސުޒޭނަށް ހަޅޭކާއި، ނުރުހުން އަބަދުވެސް ހުންނަނީ އަމާޒުވޭވޭ އެވެ.

ސުޒޭން (ކ) "ހަވީރު" އެވޯޑް ހަފުލާގައި ނިއުގެ މަސްއޫލުވެރިޔާ ކުއީން ވަހީދުއާ ސަލާމްކުރަނީ. -- ފައިލް ފޮޓޯ

ސުޒޭން (ކ) "ހަވީރު" އެވޯޑް ހަފުލާގައި ނިއުގެ މަސްއޫލުވެރިޔާ ކުއީން ވަހީދުއާ ސަލާމްކުރަނީ. -- ފައިލް ފޮޓޯ

ޖެހިގެން އައި އަހަރު ނިއުގެ ޖަރުމަން ކޯޗު ގާޑް ފްރެޑްރިކް އާއި ސުޒޭނާ ދެމެދު ވެސް ވަރުގަދަ ޒުވާބުތަކެއް ހިނގި އެވެ. އެއް ދުވަހެއްގައި ދެ ކޯޗުންގެ ޕްރެސް ކޮންފަރެންސެއް ހޫނުވެ، އެފްއޭއެމުން ނިންމީ ދެ ކޯޗުން ވަކިން އެ ބައްދަލުވުން ކުރިއަށް ގެންދާށެވެ.

އެ ހުރިހާ ކަމަކާ އެކު ވެސް ސުޒޭން ނިއު އަށް ގެންނަން އެ ޓީމުގެ ބައެއް ސަޕޯޓަރުން ތިބީ ބޭނުންވެފަ އެވެ. އޭގެ ތެރެއިން އެކަކަކީ، ނިއުގެ މަސްއޫލުވެރިޔާ އަދި ކުރީގެ ވަރުގަދަ ހިންގުންތެރިޔާ އަހުމަދު ވަހީދު (ކުއީން ވަހީދު) އެވެ. ތަޖުރިބާކާރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އިއްޔެ ފޭސްބުކުގައި ލިޔުނު ގޮތުގައި، ކުޅިވަރުގައި ހާސިލްނުވާ ކަމެއް އޮތްތޯ ވަހީދު ގާތު އެއްސެވުމުން ވިދާޅުވީ އޭގެ ތެރެއިން އެއް ކަމަކީ ސުޒޭން ނިއު އަށް ގެނައުން ކަމަށެވެ.

"ކީއްވެތޯ ވެސް އެހީމެވެ. ވިދާޅުވީ އެއީ އަބަދު ނިއު އަށް އެއްޗެހި ކިޔާތީ ކަމަށެވެ،"

"މިހާރު" އާ ވާހަކަދައްކަމުން ސުޒޭން ބުނީ އޭނާ ނިއުއާ ހަވާލުވުމުން ޖެހިގެން އައި ދުވަހުގެ ހެނދުނު ވަހީދު ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށެވެ.

"ނިއުގެ ސަޕޯޓަރުންގެ ބްލެސިން އޮތްކަން އެނގުމުން ވަރަށް ހިތްހަމަޖެހުނު،" މާޒިޔާ އަށް ކޯޗުކޮށްދިން އިރު ވެސް ނިއުއާ ވާދަވެރިކަމެއް އޮތް ސުޒޭން ބުންޏެވެ.

ނޫ ކުލައަކީ ސުޒޭނާ ބީރައްޓެހި ކުލައަކަށްވީ ނަމަވެސް، އޭނާގެ ދެ ކޮއްކޮއިން ވަނީ އެ ޓީމަށް ކުޅެ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މުހައްމަދު ނަޒީހު އަކީ 1998-2000 އަށް ނިއުގެ މެދުތެރޭގެ މުހިއްމު ތަނބެކެވެ. އޭނާ އެ ޓީމާ އެކު ކަޕްވިނާސް ކަޕާއި، އެފްއޭ ކަޕާއި، މާލޭ ލީގު ކާމިޔާބުކުރި އެވެ. ސުޒޭނުގެ ހަގު ކޮއްކޮ އިބްރާހީމް ސިޒާން (ސިިނާ) ނިއު އަށް ކުޅުނީ 2001 ގަ އެވެ.

އޭގެ ފަންސަވީހަކަށް އަހަރު ފަހުން ސުޒޭން ވެސް ނިއުއާ ގުޅުނީ އެވެ. ވިކްޓްރީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެހެން ބައެއް ކްލަބްތަކަށް ވެސް ކޯޗުކޮށްދިނުމަށް ފަހު އެވެ. އެކަމަކު ސުޒޭނުގެ މާޒީ އަށް ބަލާއިރު ނިއުއާ ގުޅުން މިވަނީ ވަރަށް ހާއްސަ ކަމަކަށެވެ.