ކުޅިވަރުގެ އިސްސަފުން ނުފެނުނު ނަމަވެސް، މަރްހޫމް ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ، ފަރުދާގެ ފުރަގަހުގައި ހުންނަވައި، ދިވެހި ކުޅިވަރަށް ވަރަށް ގިނަ ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހި ޓޫރިޒަމްގެ އެއް މުއައްސިސް އެމްޔޫ މަނިކު މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވުމުން ކުޅިވަރުގެ ވަރަށް ގިނަ ހަރަކާތްތެރިން އަންނަނީ ތައުޒިޔާ ފޮނުވައި، އޭނާގެ ކުޅިވަރުގެ ހަނދާންތައް އާކުރަމުންނެވެ.
02 ސެޕްޓެމްބަރ 2025
ކުޅިވަރުގެ އިސްސަފުން ނުފެނުނު ނަމަވެސް، މަރްހޫމް ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަކީ، ފަރުދާގެ ފުރަގަހުގައި ހުންނަވައި، ދިވެހި ކުޅިވަރަށް ވަރަށް ގިނަ ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހި ޓޫރިޒަމްގެ އެއް މުއައްސިސް އެމްޔޫ މަނިކު މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވުމުން ކުޅިވަރުގެ ވަރަށް ގިނަ ހަރަކާތްތެރިން އަންނަނީ ތައުޒިޔާ ފޮނުވައި، އޭނާގެ ކުޅިވަރުގެ ހަނދާންތައް އާކުރަމުންނެވެ.
ކުޅިވަރުގެ ތެރެއިން އެމްޔޫ މަނިކުގެ އެންމެ ފުރަތަމަ ލޯތްބަކީ ކްރިކެޓެވެ. ހިތްޖެހުނީ 1960ގެ އަހަރުތަކުގައި ސްރީ ލަންކާގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރެވެ. އޭގެ ފަހުން އިރުމަތީ ޕާކިސްތާން (މިހާރުގެ ބަންގްލަދޭޝް) ގައި ދަނޑުވެރިކަމުގެ ރޮނގުން ޑިގްރީ ހާސިލްކުރައްވަން ހުންނެވި ދުވަސްވަރު ވެސް ކްރިކެޓް ކުޅުއްވި އެވެ.
އެނބުރި ރާއްޖެ ވަޑައިގެން އެމްޔޫ މަނިކު ވަނީ، 1981 ވަނަ އަހަރު އޮތް ރާއްޖޭގެ ފުރަތަމަ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގައި ނިއު ރޭޑިއަންޓަށް ކުޅުއްވައިފަ އެވެެ. އޭގެ ފަހުން ވެސް ވަރަށް ގިނަ މުބާރާތްތަކުގައި ނިއުގެ ޓީމުގައި ހިމެނިވަޑައިގަތެވެ. ނަމަވެސް ޓޫރިޒަމްގެ ވިޔަފާރީގެ މަސައްކަތުގެ ބުރަކަމުން، ގިނަ ފަހަރަށް މެޗުތަކަށް ވަޑައިގެންނެވޭ ގޮތެއް ނުވެ އެވެ.
އެމްޔޫ މަނިކު ކްރިކެޓް ކިޓުގައި.
އެކަމަކު ޗެރިޓީ މެޗުތަކާއި، އެކުވެރިކަމުގެ މެޗުތަކުގައި ގަވާއިދުން ކުޅުއްވެވި އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީސް ހުޅުވަން ބާއްވާ ތާރީހީ މެޗުގައި ކޮންމެ އަހަރަކު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އޭރުގެ ކްރިކެޓް ތަރި މުހައްމަދު ފާއިޒް ސަމަދު ވިދާޅުވީ އެމްޔޫ މަނިކަކީ ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރަށް އޭރުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެހީތެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ.
"ވަރަށް މޮޅަށް އުއްކަވާނެ. އެހާމެ މޮޅަށް ބެޓް ވެސް ކުރައްވާ. ވަރަށް މަދުން ކުޅުއްވާނީ، އެކަމަކު އޭރަށް ބަލާއިރު ވަރަށް ހުނަރުވެރި ކުޅުންތެރިއެއް މޮހޮދޭ އަކީ،" ސްރީ ލަންކާ އަށް އުފަން ފާއިޒް ވިދާޅުވި އެވެ.
"އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ އަޅުގަނޑުމެން ކުޅުންތެރިންނަށް ފޯރުކޮށްދެއްވި އެހީތެރިކަން."
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ އެމްޔޫ މަނިކަކީ، ރައީސް މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން ކްރިކެޓް ދިރުވައި، އާލާ ކުރެއްވުމަށް ކުރެއްވި މަސައްކަތުގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.
"ކްރިކެޓް މަރުނުވެ އޮތީ މައުމޫން އޭރު ކުރެއްވި މަސައްކަތުން. އެކަމުގެ އެއްކޮޅުގައި މޮހޮދޭ ހިއްޕެވި،" ވިކްޓްރީގެ ކްރިކެޓް ޓީމުގެ އޭރުގެ ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.
އެމްޔޫ މަނިކު (ކޮޅަށް ކަނާތް ފަރާތުން ތިން ވަނައިގައި) 1981 ވަނަ އަހަރު ނިއުގެ ކްރިކެޓް ޓީމާ އެކު.
އެމްޔޫ މަނިކު ވަނީ ކްރިކެޓް ބޯޑުގެ އޮނަރަރީ ރައީސްކަން 10 އަހަރު ކުރައްވައިފަ އެވެ. އެ ބޯޑުން ބުނީ ދާއިމީ ގޮތެއްގައި ފައިސާގެ ގޮތުންނާއި، ހިތްވަރުގެ ގޮތުން އޭނާ ކްރިކެޓަށް ކޮށްދެއްވި ހިދުމަތްތައް އަބަދަށް ދެމި ހުންނާނެ ކަމަށެވެ.
ކްރިކެޓް ބޯޑާއި، ކްލަބްތަކާއި، ކުޅުންތެރިންގެ އުއްމީދު ހާސިލްކޮށްދޭން އޭނާ ވެދެއްވި އެހީތެރިކަމަށް ސެލިއުޓް ހައްގު،" ބޯޑުގެ ބަޔާނުގައިވެ އެވެ.
އެމްޔޫ މަނިކު ވަނީ އޭނާ ކްރިކެޓް ކުޅުއްވި ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓުގެ ފުޓްބޯޅަ ޓީމަށް ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. އެގޮތުން ޓީމަށް ކުޅުންތެރިން ހޯދުމަށް މާލީ އެހީތެރިކަން ދެއްވުމުގެ އިތުރަށް މެޗުތަކުން މޮޅުވުމުން އިނާމު ވެސް ދެއްވަ އެވެ.
"ނިއު އަށް ވަރަށް ރަނގަޅު އެހީތަކެއް ވެދެއްވި ބޭފުޅެއް އެއީ،" އެ ކްލަބުގެ މަސްއޫލުވެރިޔާ އަހުމަދު ވަހީދު (ކުއީން ވަހީދު) ވިދާޅުވި އެވެ.
"އެކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރާނަން."
އެމްޔޫ މަނިކަކީ ޓޫރިޒަމްގެ އިތުރުން، އޭވިއޭޝަން ހިމެނޭހެން ގައުމަށް އެކި ރޮނގުރޮނގުން ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ތައުލީމީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ޒުވާނުން ބިނާކުރެއްވުމުގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވެވި އެވެ. އެކަމުގައި ކުޅިވަރު ވެސް އިސްތިސްނާ ނުކުރައްވަ އެވެ.
އެމްޔޫ މަނިކާ މެދު އެންމެންގެ ހިތުގައި އެއް ޝުއޫރެއް
ރާއްޖޭގެ ޓޫރިޒަމްގެ ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
އެމްޔޫ މަނިކުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ސަސް ޖޫރިމަނާކޮށް ނިއުއަށް އެއްވަނަ ޑިވިޝަނުން ޖާގަދީފި
އެމްޔޫ މަނިކުގެ ފަހު އުއްމީދަކީ މިސްކިތެއް ބިނާކުރުން
"އެމްޔޫ މަނިކަކީ ވިޔަފާރީގައި ފަރުވާތެރި ނަމޫނާއެއް"
ޓޫރިޒަމް ކުރިއަރުވަން އެމްޔޫމަނިކުގެ ދައުރު ބޮޑު:ރައީސް
އިރޭގެ ޝުކުރު މާޒިޔާ އަށް