Roadha Mihaaru

އެމްޔޫ މަނިކާ މެދު އެންމެންގެ ހިތުގައި ހިނގަނީ އެއް ޝުއޫރެއް

އޭރު ރާއްޖެ އަކީ ނުހަނު ފަގީރު ގައުމެކެވެ. ބޭރު ފައިސާ ވަންނާނެ މާގިނަ ދޮރުތަކެއް ނެތެވެ. އިގުތިސާދުގެ ދުވެލި އެހާމެ މަޑެވެ. އެ ހާލަތުގައި އޮތް ގައުމެއް، އޭގެ ބައިގަރުނެއްހާ އަހަރު ފަހުން، ދުނިޔޭގެ މަތީ ފެންވަރުގެ ޓޫރިޒަމް މަންޒިލަކަށްވެ، އެ ސިނާއަތަށް މުޅި ގައުމު ބަރޯސާވެވޭ ވަރަށް ފުޅާކުރެވޭނީ ޔަގީނުން ވެސް ކޮންމެވެސް ބަޔެއްގެ ހިތްވަރުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އުމުރުން 78 އަހަރުގައި މިއަދު ހެނދުނު އަވަހާރަވި ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

އެމްޔޫ މަނިކާ މެދު އެންމެންގެ ހިތުގައި އެއް ޝުއޫރެއް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

30 އޯގަސްޓް 2025

އޭރު ރާއްޖެ އަކީ ނުހަނު ފަގީރު ގައުމެކެވެ. ބޭރު ފައިސާ ވަންނާނެ މާގިނަ ދޮރުތަކެއް ނެތެވެ. އިގުތިސާދުގެ ދުވެލި އެހާމެ މަޑެވެ. އެ ހާލަތުގައި އޮތް ގައުމެއް، އޭގެ ބައިގަރުނެއްހާ އަހަރު ފަހުން، ދުނިޔޭގެ މަތީ ފެންވަރުގެ ޓޫރިޒަމް މަންޒިލަކަށްވެ، އެ ސިނާއަތަށް މުޅި ގައުމު ބަރޯސާވެވޭ ވަރަށް ފުޅާކުރެވޭނީ ޔަގީނުން ވެސް ކޮންމެވެސް ބަޔެއްގެ ހިތްވަރުންނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އުމުރުން 78 އަހަރުގައި މިއަދު ހެނދުނު އަވަހާރަވި ކޮލިގޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރުގެ ވަކިވުމާ އެކު، މިއަދަކީ ދިވެހީންނަށް ހިތާމައިގެ ދުވަހެކެވެ. މުޅި ގައުމަށް ލިބުނު ބޮޑު ހިތާމައެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓޫރިޒަމް މިއަދާ ހަމައަށް ތަރައްގީވެ، ކުރިއަރައި ދިއުމުގައި އެމްޔޫ މަނިކު ކުރައްވާފައިވަނީ ތައުރީފް ހައްގު މަސައްކަތްޕުޅެކެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ، ޓޫރިޒަމްގެ ހާއްސަ މަންޒިލަކަށް ހެއްދެވުމުގައި އެމްޔޫ މަނިކު އަދާކުރެއްވި ބުރަ މަސައްކަތާއި ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމްޔޫ މަނިކަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަކުރެއްވި ގޮތުގައި، މިއަދުގެ ދިވެހިރާއްޖެ މިގޮތުގައި ބައްޓަންކޮށް ބިނާކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ.

ރާއްޖެ އައި އެންމެ ފުރަތަމަ ޓޫރިސްޓް ގްރޫޕް މާލޭގައި ތިބުމާއި ކައިރި ރަށްރަށަށް ޑައިވް ކުރަން ދިއުމުގެ އިންތިޒާމު ހަމަޖެއްސުމުން ފެށިގެން، ފުރަތަމަ ރިސޯޓު ކަމަށްވާ ކުރުނބާ ވިލެޖް ތަރައްގީ ކުރުމާއި ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ ވެސް ނެންގެވި އެމްޔޫ މަނިކު ފަހުން ކުރެއްވި މަސައްކަތަކީ ރިސޯޓު އޮޕަރޭޓް ކުރެއްވުމެވެ. ކުރުނބާ ވިލެޖް ސަރުކާރުން ބީލަމަށް ލުމުން ނަންގަވައި، އެ ތަން ފައިވް ސްޓާ ފެންވަރަށް ތަރައްގީ ކުރައްވައި ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ރިސޯޓު ހުޅުއްވެވި އެވެ.

ރިސޯޓު އިމާރާތްކޮށް، ތަރައްގީ ކުރެއްވުމުގެ ފަންނުވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހު ލިޔުއްވި ގޮތުގައި "ރާއްޖެ ކަހަލަ ގައުމަކަށް، އެމްޔޫ މަނިކުގެ މަސައްކަތްތަކާއި ހިދުމަތްތަކަކީ އަގުނުކުރެވޭ ވަރުގެ މަސައްކަތެއް" ކަމަށެވެ.

"ޓޫރިޒަމާއި، ވިޔަފާރީގެ ރޮނގުން އޭނާ އިސް ނަންގަވައިގެން ކުރެއްވި މަސައްކަތްތަކުގެ ފައިދާ ރާއްޖެ ދެމިއޮތްހާ ހިނދަކު ކުރާނެ. އޭނާގެ ލެގަސީ ޖީލުތަކަށް ދެމިގެންދާނެ،" ޖަނާހު ލިޔުއްވި އެވެ.

އެމްޔޫ މަނިކު (ކ) އޭނާގެ އެކުވެރި ބައެއް ވިޔަފާރިވެރިން ކަމަށްވާ ގާސިމް އިބްރާހީމް (މ) އާއި ޗަމްޕާ ހުސެއިން އަފީފާ އެކު.

އެމްޔޫ މަނިކު (ކ) އޭނާގެ އެކުވެރި ބައެއް ވިޔަފާރިވެރިން ކަމަށްވާ ގާސިމް އިބްރާހީމް (މ) އާއި ޗަމްޕާ ހުސެއިން އަފީފާ އެކު.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމުން ދެކެވަޑައިގެންނެވި ގޮތުގައި އެމްޔޫ މަނިކަކީ ހަމައެކަނި ޓޫރިޒަމް ފަށައިގަތުމުގެ ހިއްސާދާރެއް ނޫނެވެ. އޭނާ އަކީ، މައުސޫމް ލިޔުއްވި ގޮތުގައި އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމުން ހޯދި ކުރިއެރުންތަކުގެ ވެސް އެންމެ ބޮޑު އެއް ހިއްސާދާރެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލިޔުއްވި ގޮތުގައި ޓޫރިޒަމް ތައާރަފު ކުރެއްވުމަށް ފަހު، އެ ސިނާއަތުން އޭގެ ފަހުން ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއްގައި އެމްޔޫ މަނިކު މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށެވެ.

"ރާއްޖެއަށް ފަތުރުވެރިންނާއި އެއާލައިންތައް ގެނައުމަށް ބޭރުގެ ގައުމުތަކަށް ސީދާ އަމިއްލަފުޅަށް މަރުހޫމް އެމްޔޫ މަނިކު ދަތުރުތައް ކުރެއްވި އެވެ. ރާއްޖެ އިޝްތިހާރު ކުރެއްވުމުގެ މަރުހަލާގައި ވެސް، އެހާމެ ބުރަކޮށް އުޅުއްވި އެވެ. ހަމަ އެހެންމެ، ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ މަންޒިލެއްކަން ކަށަވަރު ކުރުމަށް އެތައް ހަރުފަތެއްގައި ކިތަންމެ ކަމެއް ތައާރަފްކުރެއްވި އެވެ،"

ރާއްޖޭގެ ފާހަގަކޮށްލެވޭ ޓުއާ އޮޕަރޭޓަރު އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ލިޔުއްވި ގޮތުގައި، އެމްޔޫ މަނިކުގެ ނަން ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނީ މި ގައުމު ބިނާކުރެއްވީ ހަގީގީ އެއް މޭސްތިރިޔާގެ ގޮތުގަ އެވެ. ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ އަހުމަދު އަލާ ދީދީ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ޒަމާނީ ދުނިޔެއަށް ހޭލައިގަނެ ދިވެހިރާއްޖެ ކުރިޔަށް ހިނގައިގަތީ އެ ދުވަސްވަރު އެޅި އިގުތިސާދީ ބިންގާތަކެއްގެ ސަބަބުން ކަމަށް ވާތީ މިކަމުގައި އެމްޔޫ މަނިކާއި އޭނާގެ އާއިލާގެ ހިއްެސާ ވަރަށް ބޮޑެވެ.

ޓޫރިޒަމްގެ ކާމިޔާބު ވިޔަފާރިވެރިޔާ އިބްރާހީމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) ވިދާޅުވީ "ދުނިޔެމަތީގެ ސުވަރުގެ ބިނާކުރި މީހާ" ގެ ލަގަބު އެމްޔޫ މަނިކު ހޯއްދެއްވީ ބުރަ މަސައްކަތުން ކަމަށާއި އޭނާ އަކީ ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އެސްޓެބްލިޝް ކުރެއްވި ބޭފުޅާ ކަމަށެވެ.

އެމްޔޫ މަނިކު ޖީއެމް ފޯރަމުގައި ވާހަކަދައްކަވަނީ.

އެމްޔޫ މަނިކު ޖީއެމް ފޯރަމުގައި ވާހަކަދައްކަވަނީ.

އެމްޔޫ މަނިކަކީ ޓޫރިޒަމްގެ ސިޔާސަތު އެކަށައެޅުމާއި ލަފާދެއްވުމުގައި ވެސް، އަބަދުވެސް ކުރީ ސަފުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން ހުރިހާ ސަރުކާރަކަށް ވެސް އޭނާގެ ހިދުމަތް ލިބިވަޑައިގަތެވެ. ކޮވިޑުގެ ބިރުވެރި ދުވަސްވަރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ހިންގެވި އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެ ފަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހި ދިމާވި ކަންކަމުގައި އެމްޔޫ މަނިކު އަގުހުރި ލަފާތަކެއް ދެއްވި ކަމަށެވެ.

"ކޮވިޑްގެ އުނދަގޫ ހާލަތުގައި ދެއްވި ނަސޭހަތާއި އިރުޝާދަކީ ބޯޑަރު ބަންދުކުރުމާއި ހުޅުވާލުމުގައި ލިބުނު ހިކުމަތެކެވެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޔޫ މަނިކަކީ މުއްސަނދިކަމުގެ ފައިދާ މުޖުތަމައު އަށާއި އާއްމުންނަށް ފޯރުކޮށްދެއްވި ދީލަތި ބޭފުޅެއް ވެސް މެ އެވެ. އެގޮތުން ޔުނިވާސަލް ފައުންޑޭޝަން މެދުވެރިކުރައްވައި ވަރަށް ގިނަ ސްކޮލަޝިޕްތައް ދެއްވި އެވެ. ހާއްސަކޮށް ސްޕެޝަލައިޒް ޑޮކްޓަރުން ތަމްރީން ކުރެއްވުމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗުގައި ޑައިލިސިސް މެޝިނެއް ބަހައްޓަވައި، އެކަމަށް ބޭނުންވާ މީހުން އަމިއްލަ ހަރަދުގައި ތަމްރީނުކޮށްދެއްވާފައިވެ އެވެ.

ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ލިޔުއްވި ގޮތުގައި އެމްޔޫ މަނިކުގެ އެންމެ ރިވެތި ކަމަކީ، އެހެން ބައެއް މީހުންނާ ހިލާފަށް، އާއްމު ފަރުދުންނަށް ދެއްވާ އެހީތަކާއި ކޮށްދެއްވާ އެހެނިހެން ކަންތައްތައް ފަރުދާގެ ފުރަގަހުން ކުރައްވަމުން ގެންދެވިކަމެވެ.

އެމްޔޫ މަނިކާ މެދު މިއަދު ފާޅުކުރަމުންދާ ޝުއޫރުތަކުން އެނގިގެން ދަނީ އޭނާ އަކީ ހަމައެކަނި ޓޫރިޒަމްގެ ހިދުމަތްތެރިއެއް ނޫން ކަމެވެ. އެއީ ގައުމު ބިނާކުރެއްވުމުގެ އާރުކާޓީއެއް ކަމެވެ. އަދި ސިޔާސީ ވަކި ވިސްނުމެއް ނުގެންގުޅުވާ ކޮންމެ ސަރުކާރެއް އޮތަސް ލަފަޔާއި، ހިޔާލު ދެއްވި ބޭފުޅެއް ކަމެވެ. އިޖުތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި، ހިތްތިރި ބޭފުޅެއް ކަމެވެ.