Roadha Mihaaru
މިއަދަކީ އެމްޔޫ މަނިކުގެ މުހިންމު ދެ ތާރީހެއް!

އެމްޔޫ މަނިކުގެ ހަޔާތުން މުހިންމު ދެ ތާރީހު: މިއަދަކީ 50 އަދި 75

16 ފެބުރުއަރީ 2022

ޖީޑީޕީގައި އެންމެ ދެ މިލިއަނެއްހާ ޑޮލަރު ދައުރު ވަމުން ދިޔަ ކުޑަކުޑަ ގައުމެއް، 50 އަހަރުގެ ތެރޭގައި އަނެއްފުށަށް ޖަހާލުމުގެ ސިއްރަކީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ) ވިދާޅުވި ގޮތުގައި ޓޫރިޒަމެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ޖީޑީޕީގައި އެންމެ ދެ މިލިއަނެއްހާ ޑޮލަރު ދައުރު ވަމުން ދިޔަ ކުޑަކުޑަ ގައުމެއް، 50 އަހަރުގެ ތެރޭގައި އަނެއްފުށަށް ޖަހާލުމުގެ ސިއްރަކީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ) ވިދާޅުވި ގޮތުގައި ޓޫރިޒަމެވެ.

"ވަރަށް ބޮޑު ބަދަލެއް މިއޮތީ އައިސްފައި. ރާއްޖޭގައި އަޅުގަނޑު ނުދާ ނޯންނާނެ ހަމަ އެއްވެސް ރަށެއް މީހުން އުޅޭ. މީހުން އޭރު ހާދަހާއޭ ފަގީރީ. ހާދަ ހާލެއްގައޭ އުޅެމުން ދިޔައީ،" ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޓޫރިސްޓުން އައިތާ މިއަދު 50 އަހަރު ފުރުމާ ގުޅިގެން "ރާއްޖެ ޓީވީ" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި، އެމްޔޫ މަނިކު ވިދާޅުވި އެވެ.

މިއަދަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެކެވެ. ރާއްޖެ އަށް އިޓަލީން 22 މީހުންގެ ޓޫރިސްޓް ގުރޫޕެއް އައިތާ މިއަދަށް 50 އަހަރު ފުރޭއިރު، އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ހަތަރު ބޭފުޅުންގެ ތެރޭގައި އެމްޔޫ މަނިކު ހިމެނިވަޑައިގަންނަވަ އެވެ. އެ ތާރީހު އިއްތިފާގަކުން އޭރު ދިމާވީ އޭނާގެ އުމުރުން 25 އަހަރު، އަދި މިއަދު 75 އަހަރު ފުރުމާ ދިމާކޮށެވެ.

"އަޅުގަނޑު އެ ތާރީހު އެހާ ބޮޑަށް ހަނދާން ވަނީ ވެސް އެހެންވެ،" ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި، ރިސޯޓް، ކުރުނބާ ވިލެޖް، އަދި މިހާރު ކުރުނބާ މޯލްޑިވްސްގައި ދެއްވި އިންޓަވިއުގައި އޭނާގެ މުޅި ހަޔާތުގެ ސޮފްހާތައް އުއްކަވަމުން ވިދާޅުވި އެވެ.

މި އިންޓަވިއުގައި އޭނާ ވަނީ، ރާއްޖޭގައި ޓޫރިޒަމް ފެށުނު ގޮތާއި ދިމާވި ގޮންޖެހުންތަކާއި އޭނާގެ ވިޔަފާރި ކުންފުނި ޔުނިވާސަލްގެ ކުރިމަގާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ.

މުޅި ހަޔާތް ބަދަލުވި، ޖަލަށް އަދި އަހަރުވަންދެން ބަންދުގައި!

ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ހިލާފަށް، ރާއްޖޭގައި ޓޫރިޒަމް ފެށުނީ ބޮޑު ބޭންކަކުން އައިސް ފައިސާތަކެއް އޮއްސާލައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި، މިހާރު މި ދެކޭ މަލްޓި މިލިއަން ޑޮލަރުގެ ބޮޑު އިންޑަސްޓްރީ ފެށި ބޯހިއްލައިލީ ވަރަށް ހަނި ފުރުސަތުތަކެއްގެ ތެރެއިން، އަދި އެހާމެ ދަތި އުނދަގުލުންނެވެ. ޓޫރިޒަމް ރާއްޖެ އަށް ގެނައުމާއި ފެށުމުގައި އެންމެ އިސްކޮށް އުޅުއްވީ، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފާއި އިނގިރޭސިވިލާތުގެ ޓުއަ އޮޕަރޭޓަރެއް ކަމަށްވާ ޖޯޖް ކޯބިންގެ އިތުރުން އެމްޔޫ މަނިކެވެ.

އެމްޔޫ މަނިކާއި ޗަމްޕާ ހުސެން އަފީފް .-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޔޫ މަނިކާއި ޗަމްޕާ ހުސެން އަފީފް .-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކޯބިން އާ ނަސީމް ލަންކާ އިން ދިމާވީ. ނަސީމާއި އަފީފާއި އަޅުގަނޑަކީ [ލަންކާގައި] ސޯސަންވިލާގައި ކިޔަވަން އުޅުނުއިރުން ފެށިގެން ރައްޓެހިން. ނަސީމް، ކޯބިންގެ ވާހަކަ އަޅުގަނޑުމެން ކައިރީގައި ބުނުމުން އަޅުގަނޑުމެން ވެސް ވަރަށް އިންޓަރެސްޓް ވެއްޖެ މިކަމަށް. ކޯބިން އާ ވާހަކަ ދެއްކީމަ ކޯބިން މިތަން ބަލަން ބޭނުންވެއްޖެ،" މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ ޓޫރިޒަމް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން ވިދާޅުވި އެވެ.

"އޭނަ [ކޯބިން] ބޭނުން ވަނީ މަސް މަރަން އާ ތަންތަން ހޯދަން. އަޅުގަނޑުމެން އޭނަ ގެންދިޔައީ މިތާ ކައިރި ރަށްރަށަށް. އޭނަ ޑައިވް ވެސް ކުރި. އޭނަ ވަރަށް އިންޓަރެސްޓް ނަގައިފި. ފުރަތަމަ ވެސް ބުނެފި މިތަނަށް ބަޔަކު ގެންނަން ވީއޭ. ދެން ގޮތް ބަލާލަން ވެގެން ބަޔަކު ގެނައީ."

ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓް ގުރޫޕުގައި މުޅިން ވެސް ހިމެނެނީ އިޓަލީގެ މީހުންނެވެ. އޭގެ ތެރޭގައި ނުފޫޒުގަދަ ނޫސްވެރިޔާއާ އެކު 22 މީހުން ހިމެނެ އެވެ. އެ މީހުން ރާއްޖޭގައި 13 ދުވަސް ހޭދަކުރި އެވެ.

ކުރުނބާ ވިލެޖް 70ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

ކުރުނބާ ވިލެޖް 70ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

"މިކަން ކުރާ ގޮތް އަޅުގަނޑުމެންނަށް ސިލޯނުން އޮތީ ފެނިފައި. އަޅުގަނޑު ބުނެފިން އެ މީހުންނަށް ވަންޏާ އަޅުގަނޑުމެންނަށް ވެސް ވާނެއޭ. އަޅުގަނޑުމެންނަށް [އަބަދުވެސް] އެނގޭ މި ރާއްޖެ އަކީ ވަރަށް ރީތި މަންޒިލެއްކަން. އެކަމަކު މީހުން ނުގެނެވެންޏާ އެކަމެއް [ޓޫރިޒަމް ވިޔަފާރިއެއް] ނުވާނެ ނޫންތޯ. މީހުން ގެނެވުނު ހިސާބުން އެނގިއްޖެ މިކަން ވެދާނެކަން."

ރާއްޖެ އަށް އެންމެ ފުރަތަމަ ޓޫރިސްޓުން އައި ދުވަސް އެމްޔޫ މަނިކުގެ ތާރީހުގެ ތެރެއަށް ދަނީ ވަރަށް ގިނަ ސަބަބުތަކާ ހެދި އެވެ. ފުރަތަމަ ފަހަރަށް އެކަހަލަ ކަމެއްގެ ތެރެއަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގަތުމާ އެކު، މުޅި ހަޔާތް ވެސް އެއަށް ފަހު މަޑުމަޑުން ދިޔައީ ބަދަލުވަމުންނެވެ. ކުރިން ކުރަން ޖެހިފައިވާ ނުވާ އެތައް ކަމެއް ކުރައްވަން ޖެހިވަޑައިގަތެވެ.

ތޭރަ ދުވަހު ވަރަށް ބުރަ އުފެއްލެވުމަށް ފަހު، ޓޫރިސްޓް ގުރޫޕް ރާއްޖެ އިން ފުރުވާލީ އުންމީދުތަކާ އެކު އެވެ. އެކަން ފުޅާ ކުރުމުގެ ފުރުސަތު ރާއްޖޭގައި އޮތް ކަން، އެމްޔޫ ވިދާޅުވި ގޮތުގައި، ޝައްކެއް ނެތް މިންވަރަށް އެނގިގެން ދިޔަ އެވެ.

"އޭރު ކޯބިން ބުނަން ފަށައިފި ދެން މިކަން ކުރެވޭނީ 30 ކޮޓަރީގެ ތަނެއް އަޅައިގެންނޭ. އެ ހިސާބުން ކުރުނބާ ހަދާ ވާހަކަ ދެކެވެން ފެށީ."

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

އެމްޔޫ ވިދާޅުވި ގޮތުގައި ރާއްޖޭގައި ރިސޯޓެއް ހަދަން ކުރުނބާވިލެޖް ނިންމީ، އެއާޕޯޓާ ވެސް ވަރަށް ކައިރީގައި އޮތް ރަށެއް ކަމަށް ވާތީ، ކޯބިންގެ ހިޔާލާ އެކު އެވެ. އެ ހިޔާލު ތަރައްގީވެ، ރަށުގައި ޓޫރިޒަމްގެ ބިންގާ އެޅިއިރު ވެސް، "ސަރުކާރު އޮތީ ބަލަހައްޓައިގެން" ކަމަށް އެމްޔޫ ވިދާޅުވި އެވެ.

"އޭރު ޔޫއެންޑީޕީގެ ރިޕޯޓެއްގައި ވެސް މިކަން [ޓޫރިޒަމް] ނުވާނެ ކަމަށް އޮތް. އެހެންވީމަ ސަރުކާރަށް މާ ބޮޑު ކޮންފިޑެންސެއް ނެތް މިކަން ވާނެ ކަމުގެ. އެހެންވެ ހާއްސަކޮށް ނާސިރު [އޭރުގެ ރައީސް އިބްރާހިމް ނާސިރު] ވެސް ހުންނެވީ ކީއްބާއޭ މި ވަނީ ބައްލަވަން."

ކުރުނބާގައި 30 ކޮޓަރީގެ މަސައްކަތް ފެއްޓެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ނާސިރު އިސްވެ ހުންނަވައި ޓޫރިޒަމް ތެރެއަށް ވަންނަވައިފި އެވެ.

"ދެން އިނގޭނެ ނޫންތޯ ވާނެ ގޮތް،" އެމްޔޫ ވިދާޅުވި އެވެ.

ދެން ވީ ވަރަށް ދެރަ ގޮތެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރުނބާވިލެޖްގެ މަސައްކަތުގެ މެދުތެރެއިން މައްސަލައެއްގައި، އޭނާ އާއި ނަސީމާއި އަފީފު ވެސް ބަންދުކުރީ އެވެ. އެމްޔޫ ވިދާޅުވި ގޮތުގައި އެއް ރޭ މާލޭ ޖަލުގައި އޮންނަން ޖެހިވަޑައިގަތެވެ. އަދި އަހަރެއް ވަންދެން ގޭ ބަންދުގައި ބެހެއްޓި އެވެ. އޭނާ ގަބޫލުކުރައްވަނީ އެ އަދަބަކީ ވިޔަފާރީގެ ތެރެއިން އައި ވާދަވެރި ކަމެއް ކަމަށެވެ.

"މިހާރު ވިސްނާލާއިރު ވަނީ އެކަހަލަ ގޮތަކަށް. ވިޔަފާރީގެ ކޮމްޕެޓިޝަން އޮންނާނެ ގޮތް އެނގޭ ނޫންތޯ. ފަހުންފަހުން ކުރުނބާ އަށް އަންނަ މީހުންނަށް ނުދެވޭ އެހެން ރަށަކަށް ވެސް. ވަރަށް ބޮޑު އުނދަގޫތަކާ އެކު. މާތްކަލާނގެ އިރާދަކުރެއްވީތީ މިކަން ދެން ވާން ހުރީމަ ހެން އަޅުގަނޑަށް ހީވަނީ މިކަންވީ."

ރާއްޖެ އަށް އައި ޓޫރިސްޓުންތަކެއް 70ގެ ތެރޭގައި ކުރުނބާ ވިލެޖަށް ފައިބަނީ -- ފޮޓޯ: ކުރުނބާ ވިލެޖް

ރާއްޖެ އަށް އައި ޓޫރިސްޓުންތަކެއް 70ގެ ތެރޭގައި ކުރުނބާ ވިލެޖަށް ފައިބަނީ -- ފޮޓޯ: ކުރުނބާ ވިލެޖް

ކުރުނބާ ވިލެޖް ހުޅުވީ އޮކްޓޫބަރު 3، 1972 ގަ އެވެ. ރާއްޖޭގައި ޓޫރިޒަމް ފެށުނު ކަމަށް ބަލާ ދުވަހަކީ ވެސް އެއީ އެވެ. އޭރު 30 ކޮޓަރީގެ ކުރުނބާ ވިލެޖް ހުޅުވީ އާދައިގެ ގޮތަކަށް ތަން ހަދައިގެންނެވެ. އެކަން ފެށީ، އެމްޔޫ ވިދާޅުވި ގޮތުގައި އަތުގައި ފައިސާތަކެއް ހުރެގެނެއް ވެސް ނޫނެވެ.

"އަޅުގަނޑުގެ އަތުގައި ވެސް އޮތް އެއްޗެއް، ނަސީމްގެ އަތުގައި ވެސް އޮތް އެއްޗެއް ލައިގެން ދެން މިކަން ކޮމްޕްލީޓް ކުރެވޭތޯ ބެލީ. ކޯބިން ގެނައި ބޭރުން ގެންނަން ޖެހޭ އެއްޗެހި. [އޭރަކު] ބޭންކެއް މިތާކު. ދިހަ ހާސް ޑޮލަރު ވެސް މާރުކޮށްލެވޭނެ ގޮތެއް [ރާއްޖޭގެ އިގްތިސާދަކު] ނެތް،" އޭނާ ވިދާޅުވި އެވެ.

ކުރުނބާ ވިލެޖް ހުޅުވުމުގެ ކުރިން، އެ ރިސޯޓްގެ މަސައްކަތް ތިން ބޭފުޅުން ބައްސަވާލެއްވި އެވެ. އެއީ ރަށުގެ އޮޕަރޭޝަންގެ ކަންކަމަށް އެމްޔޫ، ފައިސާގެ ކަންކަމަށް އަފީފު އަދި ކޮންސްޓްރަކްޝަން މަސައްކަތަށް ނަސީމެވެ. ރިސޯޓް ހުޅުވުމަށް ފަހު ރިސޯޓްގެ ޖެނެރަލް މެނޭޖަރަކަށް ހަމަޖެއްސީ އަފީފެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު އޮފީސް ނިންމައިފައި 1:30 ގައި އަންނަނީ ރިސޯޓަށް. އައިސް ދެން މިކަމުގެ ތެރޭގައި އުޅެނީ. ބަދިގޭގެ މަސައްކަތްތަކާއި މިހެން ގޮސް ހުރިހާ ކަމެއްގައި،" އޭރު ފިޝަރީޒް މިނިސްޓްރީގެ ނައިބެއްގެ ވަޒީފާގައި ހުންނެވި އެމްޔޫ ވިދާޅުވި އެވެ.

ރިސޯޓް ފެށުމަށް ފަހު ހިންގުމަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އޮތް ހާލަތުން ފަސޭހަ ކަމަކަށް ނުވި އެވެ. ޓޫރިސްޓުން ބޭނުންވާ ގޮތަށް ކެވޭނެ ގޮތެއް ނެތެވެ. ރާއްޖެ އޭރު އޮތް ހާލަތުން، "ކުކުޅުބިހެއް ގަންނަން ވެސް ލިބެނީ މުޅި މާލޭގައި ދުއްވައިގެން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ދަތިވީ ކައްކާ ސާމާނު ހޯދަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ފުރަތަމަ އައި ޓޫރިސްޓް ގުރޫޕް ކުރުނބާ ވިލެޖްގައި -- ފޮޓޯ: ކުރުނބާ ވިލެޖް

ރާއްޖެ އަށް އެންމެ ފުރަތަމަ އައި ޓޫރިސްޓް ގުރޫޕް ކުރުނބާ ވިލެޖްގައި -- ފޮޓޯ: ކުރުނބާ ވިލެޖް

"ބައެއް ފަހަރު ސިލޯނު ތަންތަނުން 5000 ޑޮލަރަށް ބޯޓެއް ޗާޓަރު ކޮށްގެން ކުކުޅު ކޮޅަކާއި ތަރުކާރީކޮޅެއް ވެސް ގެންނަން ޖެހޭ. މާލެއިން އެކައްޗެއް ވެސް ނުލިބޭ. ރާއްޖޭގައި ޓޫރިޒަމް ފެށިކަން އެނގިގެން މަތިންދާ ބޯޓު ކުއްޔަށް ހިފައިގެން މި ތަންތަން ބަލަން އޭރު [މީހުން] ބަލަން އާދޭ. އޭރު [އެ މީހުން] ބުނާނީ ކަލޭމެން މިތަނަށް އަތުވެއްޖިއްޔާ ކާ އެއްޗެއް ވެސް ނުލިބޭނެއޭ."

ކުރުނބާ ވިލެޖް ހުޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަނޑޮސް ވެސް ރިސޯޓަކަށް ހަދައި ހުޅުވައިފި އެވެ. އޭގެ ފަހުން، ނާސިރު އިސްވެ ހުންނަވައި ކްރެސެންޓް ޓޫރިސްޓް އެޖެންސީ ނަމުގައި ކުންފުންޏެއް ހިންގަވަން ފެއްޓެވި އެވެ. އެ އެޖެންސީގެ ދަށުން ބަނޑޮހާއި، ބަރޮހާއި، ވިލިނގިއްޔާއި ފަރުކޮޅުފުށި އަދި ފުރަނަފުށި ވެސް ރިސޯޓަކަށް ހެދި އެވެ. އަނެއްކޮޅުން، އޭގެ ހުރިހާ ބާރެއް ކުރަމުން އައީ، މާ ދުރުން ޓޫރިސްޓުން ގެނެސް، މިކަމުގެ ބިންގާ އަޅައި، ފުރަތަމަ ރިސޯޓް ހިންގަމުން އައި ތިން ޒުވާނުންނަށެވެ.

"އަޅުގަނޑުމެން ހަމަ ހިފެހެއްޓީ. އެންމެ ފަހުން އެ މީހުންގެ [ނާސިރުމެންގެ] ބައެއް ރަށްރަށް މެނޭޖްކުރަން ވެސް ހަވާލު ކުރި."

އެމްޔޫ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައީ ގޮތް ދޫނުކޮށް އެކަން ކުރަން ދިމާކުރީތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަސީމާއި އަފީފާއި އޭނާ ހުންނެވީ ފަހަތަށްނުޖެހުމުގެ ސިޔާސަތެއްގަ އެވެ.

"މިކަން މި ކުރެވުނީ އަޅުގަނޑުމެން ދިވެހިން ކުރީމަ. އެހެން ގައުމުތަކުގައި ބޮޑެތި ބޭންކުތަކުން ލާރި އަޅައިގެން މިކަން ކުރީ. މިއީ އަޅުގަނޑުމެން ގާތަޅައިގެން އެޅި ތަންތަން،" އޭނާ ވިދާޅުވި އެވެ.

އުމުރު 75: މިހާރު ދިރިއުޅުން މުޅިން ތަފާތު

އުމުރުން 75 އަހަރުވީ އިރު، އެމްޔޫ މަނިކު ވެސް ގަބޫލު ކުރައްވާ ގޮތުގައި މިހާރު ހުރިހާ ކަމެއްގެ ތެރޭގައި އުޅެން މުސްކުޅި ވެއްޖެ އެވެ. އެކަމަކު އޭނާ ވިދާޅުވާ ގޮތުގައި ޓޫރިޒަމަށާއި ދިވެހި ގައުމަށް ވެސް ހިދުމަތްތަކެއް ކުރެއްވިއްޖެ އެވެ. އޭނާ ވަނީ ސަރުކާރަށް 19 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އޭގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަންކަން އަށް އަހަރު ކުރައްވައި، އަދި މިހާރު އޭނާ އަކީ އެމްއޭސީއެލްގެ ޗެއާމަން ވެސް މެ އެވެ.

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

ކުރުނބާ ވިލެޖް 1970ގެ ތެރޭގައި -- ފޮޓޯ: ކުރުނބާ ވިލެޖް

"މިހާރު ކުރިން އަޅުގަނޑު އުޅުނު ގޮތަކަށް ހުރިހާ ރިސޯޓަކަށް ގޮހެއް ނޫޅެން. އެކަމަކު މިތަނަށް [ކުރުނބާ މޯލްޑިވްސް] އަށް އަންނަން. މިހާރު ޔުނިވާސަލްގެ ޑިރެކްޓަރުން ވެސް މުސްކުޅިވެ އެ މީހުންގެ ކުދިން މިކަމުގެ ތެރޭގައި އުޅެމުން އަންނަނީ،" އަށް ރިސޯޓް ހިންގާ ޔުނިވާސަލްގެ ކުރިމަގާ ބެހޭ ގޮތުން ދެ ކުދިންގެ ބައްޕަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓޫރިޒަމްގެ ކުރިމަގު އަދިވެސް އެބައޮތެވެ. އެކަމަކު ވިދާޅުވަނީ، ވިސްނުންތެރި ކަމާ އެކު ކުރިއަށް ދާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނާ ކައިރީގައި ވެސް މިހިރީ ވަރަށް ވާދަވެރި މާކެޓްތައް،" އޭނާ ވިދާޅުވި އެވެ.

އެމްޔޫ ވިދާޅުވީ ރާއްޖޭގައި ތަފާތު މާކެޓްތަކަށް ކޭޓާ ކުރެވެން ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޓޫރިޒަމް މިހާރު ވެސް ކުރިއަށް ދަނީ އެ އުސޫލުން ކަމަށާއި އެއީ ރަނގަޅު ނިންމުމެއް ކަމަށެވެ. ރާއްޖޭގައި ގެސްޓް ހައުސް ޓޫރިޒަމާއި ހޯމްސްޓޭ އަށް ވެސް ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ވިސްނުމުގައި ރަނގަޅު ކުރަންވީ ދަތުރުފަތުރެވެ.

"އައުން، ދިއުން- އަނބުރާ އައުން ދިއުން. އެކަން ހަމަޖެހުނީމަ ހިނގައިގަންނާނެ."

ކުރުނބާގައި ބޭއްވި ބައްދަލުވުމަކަށް ވަޑައިގަންނަވަން އެމްޔޫ މަނިކު ލޯންޗަކަށް އަރާ ވަޑައިގަންނަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރުނބާގައި ބޭއްވި ބައްދަލުވުމަކަށް ވަޑައިގަންނަވަން އެމްޔޫ މަނިކު ލޯންޗަކަށް އަރާ ވަޑައިގަންނަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭއިރު ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމާ އެކު ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް އައި ބަދަލާއި ރާއްޖޭގެ ތައުލީމަށް އައި ބަދަލެވެ. އެކަމަކު އެ ބަދަލުތަކުގެ ފެށުން ގުޅިފައި އޮތީ ޓޫރިޒަމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ހިތްހަމަ ޖެހެނީ ރާއްޖެ އެހާ ފަގީރު ގައުމެއް މި ފެންވަރަށް ގެނެވުނީތީ. ކޮންމެ ގޮތަކުން ވެސް އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ މި ފެންނަނީ. އަޅުގަނޑުމެން މިކަން ދޫނުކޮށް ކުރީ. ދަތިތަކާ އެކު ވެސް ކުރިއަށް ގެންދިޔައީ."