Roadha Mihaaru
ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދުކުރަނީ

ކޮވިޑް-19: ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދު ކުރަން ނިންމައިފި

19 މާޗް 2020

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނި، ބުކިންތައް ކެންސަލް ވުމާ ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓުތައް ބަންދުކުރަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނި، ބުކިންތައް ކެންސަލް ވުމާ ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓުތައް ބަންދުކުރަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

ޔުނިވާސަލް އިން ރާއްޖޭގައި އަށް ރިސޯޓު ހިންގަ އެވެ. އަދި އެ ކުންފުނީގައި 3،200 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހަށް ޔުނިވާސަލްގެ ހުރިހާ ރިސޯޓުތަކުގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅު އަޅާ އެކު، މުވައްޒަފުންނަށް ޚާއްސަ ޕެކޭޖުތަކެއް ހަމަޖެހި، މުސާރަ ލިބޭ ގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތާއި މި މާޗުގެ މުސާރަ އާއި ސާވިސް ޗާޖު ވެސް އުނިކުރުމެއް ނެތި ގާނޫނުގައިވާ ގޮތަށް ހުރިހާ މުވައްޒަފުންނަށް ލިބޭނެ ކަމަށް ޔުނިވާސަލް އިން ބުނެ އެވެ.

"މި ނިންމުން ކޮންމެ ކޮންމެ މަހަކު އެއް ފަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަ ވުމަކީ، ކުންފުނީގެ އުންމީދެވެ،" ޔުނިވާސަލް އިން ބުންޏެވެ.

"މި ނިންމުން ކޮންމެ ކޮންމެ މަހަކު އެއް ފަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަ ވުމަކީ، ކުންފުނީގެ އުންމީދެވެ،" ޔުނިވާސަލް

ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރި އެއް މޭސްތިރިޔާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ގެ އަށް ރިސޯޓު ތިން މަސް ދުވަހަށް ބަންދުކުރާއިރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވެސް ވަނީ އޭނާގެ ވިލާ ޝިޕިން އިން ހިންގާ ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓު ފިޔަވައި ހުރިހާ ތަނެއް ވަގުތީ ގޮތުން ބަންދު ކުރަން ނިންމަވައިފަ އެވެ.

ވިލާގެ ފަސް ރިސޯޓުގެ ތެރެއިން ހިންގަނީ ޕެރެޑައިސް އައިލެންޑް ރިސޯޓު އެކަންޏެވެ. އަނެއް ހަތަރު ރިސޯޓުގެ ބުކިންސްތައް ވެސް ޕެރެޑައިސް އަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ޔުނިވާސަލް އިން ބުނިގޮތުގައި، ކޮވިޑް ބައްޔާ އެކު، އެތައް ގައުމަކުން ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމާ ގުޅިގެން، އެ ކުންފުނީގެ ރިސޯޓުތަކުގައި މިހާރު އެއްވެސް ބުކިންއެއް ނެތެވެ. އަދި އެ ކުންފުނީގެ ވިޔަފާރި މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޓޫރިޒަމްގެ ސިނާއަތަށް ކަމަށް ވާއިރު، މިދިޔަ ދުވަސްތަކުގައި އެ ސިނާއަތު ކުރިއަރުވަން ޔުނިވާސަލް އިން މީހުން ބިނާކުރަން ވަރަށް ބޮޑު ހޭދައެއް ކޮށްފައިވާނެ ކަމަށް ބުންޏެވެ.

"އެހެންކަމުން ދުނިޔެ އަށް ދިމާވަމުން މިދާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ދިވެހި ކުންފުންޏަކަށް މި ކުންފުނި ވަނީ ވެފަ އެވެ. ކަން މިހެން އޮތް ނަމަވެސް މި ކުންފުނިން މަސައްކަތް ކުރަމުން މި ގެންދަނީ، ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަކި ނުކޮށް އަދި ހިންގުން ވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށެވެ،" ޔުނިވާސަލްގެ ބަޔާނުގައި ބުންޏެވެ.

"މި ކުންފުނިން އަބަަދުވެސް ގަބޫލުކުރާ ގޮތުގައި، ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ މި ކުންފުނީގައި މަސައްކަތް ކުރަމުން ގެންދާ 3200 އަށް ވުރެ ގިނަ މުވައްޒަފުންނެވެ."

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން 11 މީހުންނަކީ ޓޫރިސްޓުންނެވެ. ބާކީ ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ރާއްޖެ އިން ފެނުމާ ގުޅިގެން، އެ ވައިރަސް އިތުރު ފެތުރުނަނުދިނުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ޚާއްސަކޮށް ރިސޯޓުތަކަށް އަރައި ފޭބުން މަނާކޮށް، ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން މި ވަގުތަށް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރާފައިވާ ބުރުލާ އެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މި ވަގުތު ވަނީ ވަރަށް ބޮޑަށް އިނދަ ޖެހިފަ އެވެ.