Roadha Mihaaru
ޔުނިވާސަލްގެ ޑރ. މަނިކު އަވަހާރަވެއްޖެ

ޔުނިވާސަލްގެ ޑރ. މަނިކު އަވަހާރަވެއްޖެ

26 ނޮވެމްބަރ 2020

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑައިރެކްޓަރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ. އިބްރާހިމް އުމަރު މަނިކު، ރޭ ފަތިހު، ސިންގަޕޫރުގައި އަވަހާރަވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ޑައިރެކްޓަރު އަދި ރާއްޖޭގެ އެންމެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، ޑރ. އިބްރާހިމް އުމަރު މަނިކު، ރޭ ފަތިހު، ސިންގަޕޫރުގައި އަވަހާރަވެއްޖެ އެވެ.

ޑރ. މަނިކު، 68، އަވަހާރަވީ މި ފަހުން ކުރިމަތިވެވަޑައިގެންނެވި އާލާސްކަންފުޅެއްގައި އައިސީޔޫގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ހާލުކޮޅު ގޯސްވުމުން އަނެއްކާވެސް ސިންގަޕޫރުގެ އެލިޒަބަތު ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަވަހާރަވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ޔުނިވާސަލްގެ ޑައިރެކްޓަރެއްގެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޑރ. މަނިކަކީ ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ވެރިޔާ އެވެ. މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއަކީ، 1985 މެދުތެރޭގައި އޭނާ އުފެއްދެވި ކުންފުންޏެކެވެ. ކޮކާކޯލާގެ އުފެއްދުންތަައް ރާއްޖޭގައި ތައްޔާރުކުރަނީ އެ ކުންފުނިންނެވެ.

ޔުނިވާސަލް ރިސޯޓްތަކުގެ ހިއްސާ އޮތުމުގެ އިތުރުން ޑރ. މަނިކުގެ އަމިއްލަ ތިން ރިސޯޓެއް ވެސް ރާއްޖޭގައި އޮވެ އެވެ.

އަވަހާރަވި އިރު އޭނާގެ ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. އަނބިކަނބަލުންނަކީ ޖަރުމަނުގެ ބޭފުޅެކެވެ.

އާންމުންނަށް ނޭނގުނަސް ކޮވިޑް-19ގެ ދަތި ހާލުގައި ޑރ. މަނިކު ވަނީ އޭނާގެ އަމިއްލަ ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފުލް މުސާރަ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކޮކާކޯލާ ކުންފުންޏާއި ޑރ. މަނިކުގެ އަމިއްލަ ރިސޯޓްތަކުގެ މުވައްޒަފުން ހިމެނެ އެވެ.

"ޑރ. ވިދާޅުވީ ތިމަންނަގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އުނިކޮށްގެން ނުވާނެއޭ. އަދިވެސް ފުލް މުސާރަ ދެމުން އަންނަނީ،" ޑރ. މަނިކުގެ އަމިއްލަ ކުންފުންޏެއްގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުންޏެވެ.