Roadha Mihaaru

ދަގަނޑޭއާ ގުޅިގެން އަލީ ރަމީޒު ސްޕޯޓްސް އެކަޑަމީއެއް ފަށަނީ

އަލީ ރަމީޒުގެ މަންފާ ޖަމިއްޔާ އިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅިގެން ކުޅިވަރު އެކަޑަމީއެއްގެ ފެށުމުގެ މަސައްކަތް ފަށައިފި އެވެ.

ދަގަނޑޭއާ ގުޅިގެން އަލީ ރަމީޒު އެކަޑަމީއެއް ފަށަނީ

އަލީ ރަމީޒުގެ މަންފާ ޖަމިއްޔާ އިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅިގެން ކުޅިވަރު އެކަޑަމީއެއްގެ ފެށުމުގެ މަސައްކަތް ފަށައިފި އެވެ.

މަންފާ އެކަޑަމީގެ ނަމުގައި ކުރިއަށް ގެންދާ މި އެކަޑަމީ އިއުލާންކުރީ އަލީ ރަމީޒު ފޭސްބުޕް ޕޭޖުގައި ކުރި ޕޯސްޓެއްގަ އެވެ.

"އަލްހަމްދުﷲ، މަންފާ ގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީ، އިންޝާﷲ،" އަލީ ރަމީޒުގެ ޕޯސްޓުގައިވެ އެވެ.

މި އެކަޑަމީ ހިންގުމާ މިވަގުތު ހަވާލުވެ ހުރި މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ، މި އެކަޑަމީން ހުރިހާ ކުޅިވަރަކަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހަރަކާތްތައް ހިންގާނެ ކަމަށެވެ.

"އެކަމަކު ފަށަނީ ފުޓްބޯޅަ، އާއި ވޮލީބޯޅަ، އަދި ފުޓްސަލް އިން. އެއީ މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ ތިން ކުޅިވަރު ކަމުން. އެކަމަކު ކުރިއަށް އޮތްތަނުގައި ހުރިހާ ކުޅިވަރަކަށް ވެސް ކުރިއަށް ގެންދާނަން،" ސާޖިދު ބުންޏެވެ.

އޭނާ ބުނީ އެކަޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ކޭމްޕް ސްޓައިލަށް ކަމަށާއި، އަމާޒަކީ ދީނީ މިންގަނޑުގެ ތެރެއިން ރާއްޖޭގައި ކުޅިވަރު އާލާކޮށް ކުރިއަށް ގެންދިއުން ކަމަށެވެ.

އެކަޑަމީގެ މަސައްކަތުގައި އަލީ ރަމީޒާ އެކު، ދަގަނޑޭ އާއި ސާޖިދުގެ އިތުރުން އަރަމުން އަންނަ ފުޓްބޯޅަ ކޯޗު އަލީ ނިސްތާރު މުހައްމަދު ބައިވެރިވެ އެވެ. ނިސްތާރަކީ ދާދި ފަހުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ކާމިޔާބު މުބާރާތް ގޯލްޑް ކަޕުގެ އެއް ފައުންޑަރެވެ. ސާޖިދު ބުނީ ކުރިއަށް އޮތްތަނުގައި ކުޅިވަރުގެ މަޝްހޫރު އެހެން ކޯޗުން ވެސް މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.

މަންފާ ޖަމިއްޔާ އަކީ، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު އިސްކޮށް ހުރެ ދާދި ފަހުން ރަޖިސްޓަރީކުރި ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ މަގުސަދަނީ ދީނީ ކަންކަމުގައި އާއްމުން ހޭލުންތެރިކުރުވުމާއި، ދީނީ މިންގަނޑުގެ ތެރެއިން އިޖުތިމާއީ ހަރަކާތްތައް ހިންގުމެވެ. އަލީ ރަމީޒް ކުރިން ހަރަކާތްތެރިވީ ސަލަފް ޖަމިއްޔާގަ އެވެ.