Roadha Mihaaru
ކުޑަމޫސަ، ދަގަނޑޭ؛ މޮޅީ ކާކު؟ މަސްހުނި ހިޔާލުތަކެއް

ކުޑަ މޫސަ އާއި ދަގަނޑޭ؛ މޮޅީ ކާކު؟ އާންމުންގެ މަސްހުނި ހިޔާލުތަކެއް!

29 މެއި 2024

ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އަދި މުޅި ކުޅިވަރުގައި ވެސް ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މޫސާ މަނިކު (ކުޑަ މޫސަ)ގެ ފޮޓޯ އަށް ފޭނުން މަސްހުނި ހިޔާލުތަކެއް ދޫކޮށްލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ފުޓްބޯޅައިގައި އުފެއްދި އަދި މުޅި ކުޅިވަރުގައި ވެސް ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި މޫސާ މަނިކު (ކުޑަ މޫސަ)ގެ ފޮޓޯ އަށް ފޭނުން މަސްހުނި ހިޔާލުތަކެއް ދޫކޮށްލައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ދުވަސް ފާހަގަ ކުރަން، ފުޓްބޯޅަ ލެޖެންޑުން ކުޅުނު މެޗުގައި ބައިވެރިވެ، ދަގަނޑޭ އާއި ކުޑަ މޫސަ އެކުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިގައި ހިފި އެވެ.

ދަގަނޑޭގެ ސަޕޯޓަރުންތަކެއް ހިންގާ ފޭސްބްކް ޕޭޖް، "އަލީ އަޝްފާގް – މޭން އޮފް ސްޓީލް" އަށް ދަގަނޑޭ އާއި ކުޑަ މޫސާގެ އެ ފޮޓޯ ލުމަށްފަހު ސުވާލުކޮށްފައި ވަނީ އެ ދެ ލެޖެންޑުންގެ ތެރެއިން ސަޕޯޓަރުންގެ ފޭވަރިޓަކީ ކޮބައިތޯ އެވެ.

އެ ޕޯސްޓަށް 130 އަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވާއިރު ސަޕޯޓަރުންގެ ގިނަ ބަޔަކު ވަނީ، އެ ދެ ލެޖެންޑުންގެ ތެރެއިން މޮޅީ ކާކުތޯ ސުވާލު ނުކުރަން ބުނެފަ އެވެ.

އަބްދުﷲ މުފީދުގެ ނަމުގައި ކޮމެންޓްކޮށްފައިވާ މީހަކު ބުނީ ދެ ކުޅުންތެރިން ވެސް އާދަޔާހިލާފަށް މޮޅު ކަމަށާއި ދެން އެ ސުވާލު ނުކުރަން އެދޭ ކަމަށެވެ.

"ހޮބީއަކަށް ކުޅެމުން ދިޔަ ރާއްޖޭގެ ފުޓްބޯޅަ ޕްރޮފެޝަން އަކަށް ބަދަލުކޮށްލީ ކުޑަ މޫސަ. (ރާއްޖޭގެ ފުޓްބޯޅައިގެ) ގޯޓަކީ އަޝްފާގް،" އަބްދުﷲ ފަތީން ކޮމެންޓްކޮށްފައި ވެއެވެ.

ރާއްޖޭގެ ފުޓްބޯޅަ އަވަށު ލޯބީގައި ކުޅެމުންދަނިކޮށް އެކަން ބަދަލު ކުރީ ކްލަބް ވެލެންސިއާއިންނެވެ. ކުޅުންތެރިންނަށް އަގު ދީގެން ކުޅުވުމުގެ ސަގާފަތް 1992 ގައި އެ ކްލަބުން ތައާރަފުކޮށް އެންމެ ބޮޑު އަގުގައި އެ ކްލަބުން ގެންދިޔަ އެއް ކުޅުންތެރިޔަކީ އޭރު ނިއު ރޭޑިއަންޓަށް ކުޅެމުން ދިޔަ ކުޑަ މޫސަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދަގަނޑޭގެ ކުރިން ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ކުޑަ މޫސަ އެވެ. އެކަމަކު ދަގަނޑޭގެ ކެރިއާ ފަށައި ވިދަން ފެށުމާ އެކު އޭނާ ވެގެން ދިޔައީ ހަމައެކަނި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ނޫނެވެ. ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަކީ ދަގަނޑޭކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މި ސަރަހައްދުގެ ފުޓްބޯޅަ ރިޕޯޓަރުންނާއި ލިޔުންތެރިން އަދި އެނަލިސްޓުން ބުނާ ގޮތުގައި ދެކުނު އޭޝިއާގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔަކީ ދަގަނޑޭ އެވެ.

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ): ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ސަލާމަށް ހުއްޓި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ): ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ސަލާމަށް ހުއްޓި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިހާރުގެ ޒުވާނުންނަށް، މޫސަގެ ކުޅުން ހަމަ ލޮލުން ފެނުމުގެ ފުރުސަތެއް ނުލިބެ އެވެ. އުމުރުން 30 އަހަރުގެ ޒުވާން އާބާދީ އަށް ކުޑަ މޫސަ، ދެނެގަންނަށް އެނގޭނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު އެ ޒުވާނުންގެ މެދުގައި ވެސް ދަގަނޑޭ އާއި އޭނާގެ މޫނު ވަރަށް ފަރިތަ އެވެ.

ތަފާތު ދެ ޖީލުގެ މި ދެ ކުޅުންތެރިންނަކީ ވެސް މީޑިއާ އަށް އިންޓަވިއު ދިނުމުގައި ބީރައްޓެހި ދެ ކުޅުންތެރިންނެވެ. އިސްވެ މަދު ފަހަރަކު ނޫނީ ދަގަނޑޭ ޕްރެސް ކޮންފަރެންސެއްގައި ވެސް ބައިވެރިވެފައެއް ނެތެވެ. ހަގީގަތުގައި އެއީ އޭނާގެ ބަލިފައެވެ. އެކަމަކު މީޑިއާގައި އެންމެ މަގޫބޫލު ކުޅިވަރު ޝަހުސިއްޔަތަކީ ދަގަނޑޭ އެވެ.

ދީމާހްގެ ނަމުގައި އެ ޕޯސްޓަށް ކޮމެންޓްކޮށްފައިވާ މީހަކު ބުނީ ކުޅިވަރުން ބޭރުގައި ވެސް މޫސަ ފާހަގަ ކުރެވިފައި ވަނީ އަހްލާގް ރަނގަޅު މީހެއްގެ ގޮތުގައި ކަމަށެވެ.

"ހަމައެޔާ އެކު އަޝްފާގަށް ވެސް އަހަރެން ވަރަށް އިހްތިރާމް ކުރަން،" ދީމާހް ބުނެފައި ވެއެވެ.

މޫސަގެ ކެރިއާ ފެށިގެން ނިމެންދެން ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެންމެ ޕީކްގައި އޮތެވެ. ބޮޑެތި މެޗުތަކުގައި 8،000 މީހުން ދަނޑަށް ވަން ދުވަސްވަރުގައި ކުޅުމުގެ ނަސީބު އޭނާ އަށް ލިބުނެވެ. އެކަމަކު ދަނގަޑޭގެ ކެރިއާގެ ވަކި ހިސާބަކަށް އައިރު ފުޓްބޯޅައިގެ ފޯރި ދަށް ވެގެން ދިޔައ އެވެ. ދަނޑަށް ވަންނަމުން ދިޔަ މީހުންގެ އަދަދު ވެސް ދިޔައީ މަދުވަމުންނެވެ. މިހާރު ގަލޮޅު ދަނޑުގައި މެޗެއް ކުޅޭކަން ވެސް އާންމުންނަށް ނޭނގެ އެވެ.

"ދެ މީހުންނަކީވެސް އަހަރެންގެ ފޭވަރިޓް ކުޅުންތެރިން! ތަފާތަކީ، އަހަރެމެންގެ ޒުވާން ދުވަސްވަރު ވަގުތު ހުސްކޮށްގެންވިޔަސް، މޫސަގެ ކޮންމެ ހަރަކާތެއް ބަލަންތިބެން. ހެންވޭރު ދަނޑުގައި ކުޑަ ކްލަބެއްގެ ޕްރެކްޓިސް ސެޝަނެއް ކަމުގައި ވިޔަސް ނުވަތަ މާލޭގައި ކުޅުނު ވާދަވެރި މެޗެއް ކަމުގައި ވިޔަސް. ހުރިހާ ގޮތަކުންވެސް ނަމޫނާ ކުޅުންތެރިއެއް އަދި ދަނޑުން ބޭރުގައި ވެސް ނަމޫނާ މީހެއް،" އާސިފް އިބްރާހިމްގެ ނަމުގައި ކޮމެންޓް ކުރި މީހަކު ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އެ ޕޯސްޓަށް ކުރި ކޮމެންޓްގައި ބުނީ މޫސާ އަށް ވަރަށް ބޮޑަށް އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް ހުރިހާ ގޮތަކަށް ބަލާއިރު ދަގަނޑޭ އަކީ މާ ތަފާތު ކުޅުންތެރިޔެއް ކަމަށް ނިސްތާރު ބުންޏެވެ.

"އޭނާ ބޭނުންވި ކޮންމެ ކާމިޔާބެއް ދަގަނޑޭ ވަނީ ހޯދާފަ،" ރާއްޖެއަށް ފުޓްބޯޅައިގެ ފުރަތަމަ ތައްޓެއް ހޯދައިދޭން އެންމެ މުހިންމު ދައުރެއްއަދާކުރި ކުޅުންތެރިޔާއާ ބެހޭގޮތުން ނިސްތާރު ބުންޏެވެ.