Roadha Mihaaru
ކުޑަކުޑަ ޝަޔާލްގެ ހުނަރަށް އެންމެންގެ ތައުރީފު

ކުޑަކުޑަ ޝަޔާލްގެ ހުނަރަށް އެންމެންގެ ސަމާލުކަމާއި ތައުރީފު

19 ފެބުރުއަރީ 2023

ރުށްގަހުގެ ހިޔާ އެޅިފައި އޮތް އެ ހިރަފުސް ދަނޑުގައި، އޮރެންޖު ކުލައިގެ ބޯޅައަކުން، އެ ކުއްޖާ ފުޓްބޯޅައިގެ ހުނަރު ދައްކަމުން ދިޔައިރު، ވަށައިގެން ތިބި މީހުން ތިބީ އާޝޯހުވެފަ އެވެ. ލުއިލުއި ހަރަކާތްތަކުން، އޭނާ އިދިކޮޅު ކުޅުންތެރިން ކައިރިން ނައްޓާލައި ދަނީ އެންމެ ފަހަރަކު، ދެ ފަހަރަކު ނޫނެވެ. ތިން، ހަތަރު ފަހަރު ވެސް މެ އެވެ. އޭނާ އަށް ވުރެ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިން ކައިރިން ދެމި ގަންނަނީ އެހާމެ ފަސޭހަކޮށެވެ. ދެން ފެންނަނީ ދުރުން ފޮނުވާލާ ޝޮޓަކުން ބޯޅަ ގޯލަށް ވައްދާލާ ތަނެވެ. އެއަށް ފަހު އުފާފާޅުކުރަނީ ވެސް އާދައިގެ ގޮތަކަށް ނޫނެވެ. ޕޯޗުގަލްގެ ސުޕަސްޓާރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރޭޑްމާކް ގޯލް ސެލެބްރޭޝަން އެކެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރުށްގަހުގެ ހިޔާ އެޅިފައި އޮތް އެ ހިރަފުސް ދަނޑުގައި، އޮރެންޖު ކުލައިގެ ބޯޅައަކުން، އެ ކުއްޖާ ފުޓްބޯޅައިގެ ހުނަރު ދައްކަމުން ދިޔައިރު، ވަށައިގެން ތިބި މީހުން ތިބީ އާޝޯހުވެފަ އެވެ. ލުއިލުއި ހަރަކާތްތަކުން، އޭނާ އިދިކޮޅު ކުޅުންތެރިން ކައިރިން ނައްޓާލައި ދަނީ އެންމެ ފަހަރަކު، ދެ ފަހަރަކު ނޫނެވެ. ތިން، ހަތަރު ފަހަރު ވެސް މެ އެވެ. އޭނާ އަށް ވުރެ އިސްކޮޅުން ދިގު، ބިޔަ ކުޅުންތެރިން ކައިރިން ދެމި ގަންނަނީ އެހާމެ ފަސޭހަކޮށެވެ. ދެން ފެންނަނީ ދުރުން ފޮނުވާލާ ޝޮޓަކުން ބޯޅަ ގޯލަށް ވައްދާލާ ތަނެވެ. އެއަށް ފަހު އުފާފާޅުކުރަނީ ވެސް އާދައިގެ ގޮތަކަށް ނޫނެވެ. ޕޯޗުގަލްގެ ސުޕަސްޓާރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރޭޑްމާކް ގޯލް ސެލެބްރޭޝަން އެކެވެ.

އެއީ މިދިޔަ ހަފުތާގައި ފޭސްބުކާއި ޓިކްޓޮކުން ފެނުނު، އއ. ބޮޑުފޮޅަދޫ އުމުރުން ނުވަ އަހަރުގެ ޝަޔާލް ނަސީމް ފުޓްބޯޅައިގެ ހުނަރު ދައްކާލާ ވީޑިއޯއެކެވެ. އެ ރަށު ސްކޫލުގެ އިންޓަ ހައުސް މުބާރާތުގައި ޝަޔާލް ދެއްކި އެ ހުނަރާ އެކު، ދިވެހިންތައް އުފަލުން، އެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި ފަތުރާލި އެވެ. އެ ވީޑިއޯ ފެނި، އެކްސައިޓްވީ ހަމައެކަނި އާއްމު ދިވެހިންނެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ވެސް ޝަޔާލްގެ ހުނަރުވެރިކަން ވަނީ ފާހަގަކުރެވިފަ އެވެ.

"މިހާރު" ގެ ނޫސްވެރިންނާ މިއަދު ހެނދުނު ވާހަކަދައްކަމުން ދަގަނޑޭ ބުނީ، ޝަޔާލްގެ ފަރާތުން ފެންނަނީ އޭނާގެ އުމުރާ ބަލާއިރު އާދަޔާހިލާފު ހުނަރެއް ކަމަށެވެ.

ދަގަނޑޭގެ އެ މެސެޖަކީ، ދަރިފުޅުގެ ހުނަރާ މެދު، ބައްޕަ އަށް ލިބުނު އިތުރު ޔަގީންކަމެކެވެ.

ޝަޔާލް ކުޑައިރު އޭނާގެ ބައްޕައާ އެކު.

ޝަޔާލް ކުޑައިރު އޭނާގެ ބައްޕައާ އެކު.

ކިޔެވުމަށް ފަހު ލިބޭ އެހެން ހުރިހާ ވަގުތެއް ޝަޔާލް ހޭދަކުރަނީ ދޮށްޓަށް ހިފައިގެން އަތިރިމަތީގައި މަސް ބޭނުމުގައި ނޫނީ ބޯޅައެއް ހިފައިގެން ދަނޑުގައި ފުޓްބޯޅަ ކުޅުމުގަ އެވެ. ނަސީމް ބުނި ގޮތުގައި، ޝަޔާލްގެ އުއްމީދަކީ ބޮޑުވެގެން ގައުމީ ޓީމަށް ކުޅުމެވެ. އެކަމަކު މިވަގުތު އޭނާގެ ހުނަރު ފައްކާވާން އޮތީ ފުޓްސަލްގެ ތެރެެއަށެވެ. ސަބަބަކީ، މުޅި ރާއްޖޭގެ އިތުރުން އެ ރަށުގައި ވެސް އެ ކުޅިވަރަށް އޮތް ޝައުގުވެރިކަމެވެ. އަދި ރަށުގައި ބޮޑު ފުޓްބޯޅަ ދަނޑެއް ނެތުމެވެ. ދަގަނޑޭ ނެގުމަށް ފަހު ޝަޔާލް ދެން އެންމެ ސަޕޯޓްކުރާ ދިވެހި ކުޅުންތެރިޔަކީ ވެސް، ފުޓްސަލް ތަރި އަހުމަދު އަޔާޒް (އަޔާ) އެވެ.

ބޮޑުފުޅަދޫގައި މިވަގުތު އެކަޑަމީއެއް ނެތެވެ. އެކަމަކު، ޝަޔާލްގެ ބައްޕަ ނަސީމް، ރައީސްކަންކުރާ އެ ރަށު އާރްބީޖީ ކްލަބުން އަންނަނީ ސްކޫލް ދަރިވަރުންނަށް ފުޓްސަލް ތަމްރީން ދެމުންނެވެ. އޭގެ ބޭރުން، އެ ޓީމުގެ ކޯޗު އާމިރު އިބްރާހިމް އަންނަނީ ޝަޔާލް އަށް ހާއްސަ ތަމްރީން ސެޝަންތަކެއް ބާއްވަމުންނެވެ.

ނަސީމްގެ އުއްމީދަކީ، އޭނާ ވެސް ކޮންމެވެސް ފެންވަރެއްގައި ކުޅުނު އެކަމަކު އެންމެ މައްޗަށް ނުދެވުނު ކުޅިވަރުން، ދަރިފުޅު ވިދާލާތަން ފެނުމެވެ. ގަލޮޅު މަދަރުސާގައި ކިޔެވިއިރު އިންޓަ ސްކޫލް މުބާރާތުން ފާހަގަކުރެވުނު ނަސީމް ވަނީ ބޮޑުފޮޅަދޫ ޓީމަށް އަތޮޅު ޒޯން މުބާރާތާއި ތިން ވަނަ ޑިވިޝަން މުބާރާތުގައި ކުޅެފަ އެވެ.

ޝަޔާލް ދައްކާ ހުނަރަށް ބަލާއިރު، އޭނާ އަކީ މުސްތަގުބަލުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ދެވިދާނެ ކުޅުންތެރިއެއް ކަމަށް ނަސީމް ގަބޫލުކުރެ އެވެ. އެހެންވެ ޝަޔާލް އާއި އެފަދަ އެހެން ހުނަރުވެރި ކުދިންނަށް ފުރުސަތު ހޯދައިދޭން އާރްބީޖީ ކްލަބުން އަންނަނީ އެކަޑަމީއެއް ހުޅުވޭތޯ މަސައްކަތްކުރަމުންނެވެ. އަންނަ މަހު ބާއްވާ ކްލަބުގެ އަހަރީ ޖަލްސާގައި އެ އެކަޑަމީގެ ވާހަކަ ދައްކާނެ އެވެ. އެ ޖަލްސާ އަށް ދަގަނޑޭ އަށް ވަނީ ދައުވަތު ދީފަ އެވެ.

ޝަޔާލް ހިލޭ ޖެހުމެއް ފޮނުވާލަނީ.

ޝަޔާލް ހިލޭ ޖެހުމެއް ފޮނުވާލަނީ.

"ދަގަނޑޭ އަންނާނެ ކަމަށް އުއްމީދުކުރަނީ. އެއީ ޝަޔާލް އަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ،" ނަސީމް ބުންޏެވެ.

އެކަމަކު ޝަޔާލްގެ އަމާޒު ހުއްޓިފައި ހުރީ ހަމައެކަނި ދިވެހި ފުޓްބޯޅައަކަށް ނޫނެވެ. ޝަޔާލް އަކީ ރޮނާލްޑޯގެ ބޮޑު ފޭނެކެވެ. އޭނާ ކުޅޭ ވީޑިއޯތައް ޓިކްޓޮކުން ބަލަ އެވެ. ރޮނާލްޑޯ ދައްކާ ޖާދޫ އެގޮތަށް ހެދޭތޯ މަސައްކަތްކުރެ އެވެ.

"މިދިޔަ ވޯލްޑް ކަޕުގައި ޕޯޗުގަލްގެ މެޗުތައް ބަލަން ދަންވަންދެން ހޭލާ ހުންނާނެ،" ނަސީމް ބުންޏެވެ. "ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އެ އުޅޭ ގޮތަށް ޝަޔާލް ވެސް ލަނޑު ޖަހާފައި އުޅޭނީ."

ދެން އޮތީ، މިއަށް ވުރެ މާ މަތީ ފެންވަރުގައި ޝަޔާލް ކުޅެ، އެގޮތަށް އުފާފާޅުކުރާ މަންޒަރު ފެންނާނެ ދުވަހެއްގެ ފެންނާނެ ކަމަށް އުއްމީދުކުރުމެވެ.

"ކުރިިމަގަށް ވަރަށް އުއްމީދު އެބައޮތް ޝަޔާލްއާ މެދު،" ދަގަނޑޭ ދިނީ އެއީ ހާސިލްވެދާނެ އުއްމީދެއް ކަމުގެ ޔަގީންކަމެވެ.