Roadha Mihaaru

އަނިޔާ އިން ސަލާމަތްވެ ދަގަނޑޭ އެނބުރި ނިއު އަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ކުރިއަށް އޮތް ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓަށް ކުޅެން އެއްބަސްވެއްޖެ އެވެ.

އަނިޔާ އިން ސަލާމަތްވެ ދަގަނޑޭ އެނބުރި ނިއު އަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ކުރިއަށް އޮތް ދެ ވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓަށް ކުޅެން އެއްބަސްވެއްޖެ އެވެ.

ނިއުގެ ފޭސްބުކް ޕޭޖުގައި އިއްޔެ ހަވީރު ވަނީ "އަންނަނީ! އަންނަނީ!" ނަމުގައި ޕޯސްޓެއް ޖަހައި ބުރާސްފަތި ދުވަހު ބޮޑު ކަމެއް އިއުލާންކުރަން އުޅޭކަމުގެ އިޝާރާތެއްކޮށްފަ އެވެ. އެ ޕޯސްޓުގައި، ކާކުކަން ނޭނގޭނެހެން ޖަހާފައިވާ ފޮޓޯ އިން ފެންނަނީ ދަގަނޑޭ އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ނިއު އިން ބުރާސްފަތި ދުވަހު އިއުލާންކުރަން އުޅެނީ ދަގަނޑޭ އެ ކްލަބާ ގުޅުނު ހަބަރެވެ.

ދަގަނޑޭ އަންނަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރި ކަކުލުގެ ބޮޑު އޮޕަރޭޝަނަށް ފަހު ރިކަވާވަމުންނެވެ. އޭނާ ވަނީ ދާދި ފަހުން މަޖީދިއްޔާ ސްކޫލުގެ ބެލެނެވެރިންނަށް ބޭއްވި މިނީ ފުޓްސަލް މުބާރާތެއްގައި ވެސް ކުޅެފަ އެވެ. ދެ ވަނަ ޑިވިޝަން ފަށާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރުގައި ކަމުން، އެހާތަނަށް ދަގަނޑޭ އެއްކޮށް ފިޓްވާނެ އެވެ.

ދަގަނޑޭ މިދިޔަ އަހަރު އޮޕަރޭޝަންކުރީ ކަނާތު ކަކުލުގެ އަނިޔާއެއްގެ ވޭނުގައި އުޅޭތާ ފަސް އަހަރު ފަހުންނެވެ. އޭނާގެ ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސް އަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައަކަށް އެ އޮޕަރޭޝަނުގައި ފަރުވާ ހޯދި އެވެ.

ދަގަނޑޭ އޭރު ބުނީ އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ އަނިޔާއިން ރިކަވާ ވުމަށް ކަމަށެވެ. އަލުން ކުޅޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ރިކަވަރީ އަށް ފަހު ކަމަށް ވެސް އޭރު ބުންޏެވެ.

ބެލެވޭ ގޮތުގައި އުމުރުން 39 އަހަރުގެ ދަގަނޑޭ ދެން ކުޅޭނީ ގިނަ ވެގެން އަހަރެއްހާ ދުވަހު އެވެ. އޭގެ ފަހުން އޭނާ ރިޓަޔާކުރާނެ ކަމަށް ބެލެވެ އެވެ.

ދަގަނޑޭ 2021 ވަނަ އަހަރު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ކުޅުނީ ވެސް އަނިޔާގެ މައްސަލަތަކާ އެކު އެވެ. އޭނާގެ އަނިޔާ އިތުރަށް ގޯސްވީ، 2022 ވަނަ އަހަރުގެ ކުރީކޮޅެވެ. އެ ފަހަރު ސީޒަން ހުޅުވި މެޗުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު، ކްލަބް ލެވެލްގެ އެއްވެސް މެޗެއް ނުކުޅެ އެވެ. ދަގަނޑޭ އެ އެ އަހަރު ދެން ކުޅުނީ ގައުމީ ޓީމަށް އެކަންޏެވެ. އޭގެ ފަހުން ފިޓްވޭތޯ، ދުވާ ކޯޗު ނަސްރުﷲ އަހުމަދާ އެކު ބައެއް ތަމްރީންތައް ވެސް ހެދި އެވެ.

އެ ފަހަރު އަލުން ފިޓްވެ، ދެން އޭނާ ކުޅުނީ 2023 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެކަމަކު އެ އަހަރުގެ އޭޕްރިލް މަހު ޕްރެޒިޑެންޓްސް ކަޕުގައި ކުޅެނިކޮށް އަނެއްކާ ވެސް ކަކުލަށް އަނިޔާވީ އެވެ. ނިއު އިން ދަގަނޑޭ މި ގެންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށްޓަކައި ޓީމު ވަރުގަދަކުރުމުގެ ޕްލޭނުގެ ތެރެއިންނެވެ. އެ ޓީމުން އަންނަނީ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން، އެފްއޭއެމުން މިހާރު ބާއްވަމުން އަންނަ ލީގު ކަޕުގައި ވެސް ވާދަކުރަމުންނެވެ. ސޮބާހު މުހައްމަދު އިބްރާހީމްގެ ކޯޗުކަމުގައި އެ މުބާރާތުގައި ކުޅެ އެ ޓީމު ވަނީ ތިން މެޗުން މޮޅުވެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ބަލިވީ މާޒިޔާ އަތުންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު ކަމަށްވާ ނިއު ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ ފައިސާގެ މައްސަލަތަކާ ހެދި އެފްއޭއެމުން ދިން އަދަބަކަ ގުޅިގެންނެވެ. ދަގަނޑޭ އަކީ ވެސް ނިއު އިން އޭރު މުސާރަ ނުދީ އޮތް ކުޅުންތެރިޔެކެވެ. އެކަމަކު އެފްއޭއެމުން 2023 ހައި ސަސްޕެންޝަން އުވާލީ އެ ފައިސާ ދޭން ދަގަނޑޭ ހިމެނޭހެން ކުޅުންތެރިންނާ އެކު ނިއު އިން އެއްބަސްވުމެއް ހެދުމުންނެވެ. ސަސްޕެންޝަން އުވާލުލުމުން މިދިޔަ ދެ އަހަރު އެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް ފުރަތަމަ ޑިވިޝަނަށް އެރޭ ގޮތެއް ނުވި އެވެ.

ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2006-2007 އަށް، އޭގެ ފަހުން 2012-2013 އަށް އަދި އެންމެ ފަހުން 2017-2018 އަށެވެ، މީގެ ތެރެއިން 2013 ވަނަ އަހަރު ނިއު އިން އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގޮސް، ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ހޯދިއިރު އޭނާ ބޮޑު ހިއްސާއެއްވި އެވެ.