Roadha Mihaaru
ދަގަނޑޭ ދުނިޔޭގެ ލަނޑު ލިސްޓުގެ ހަ ވަނައިގައި!

ދަގަނޑޭ ދުނިޔޭގެ ލަނޑު ލިސްޓުގެ ހަ ވަނައިގައި!

20 އޮކްޓޯބަރ 2020

މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ ހުރިހާ އުމުރުފުރަތާތަކެއްގައި ކުޅުނު ރަސްމީ މެޗުތަކާއި ހުރިހާ ޑިވިޝަނެއްގައި ކުޅުނު ކްލަބް މެޗުތައް ހިމަނައިގެން، މުޅި ދުނިޔޭން ހަ ވަނަ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ ހުރިހާ އުމުރުފުރަތާތަކެއްގައި ކުޅުނު ރަސްމީ މެޗުތަކާއި ހުރިހާ ޑިވިޝަނެއްގައި ކުޅުނު ކްލަބް މެޗުތައް ހިމަނައިގެން، މުޅި ދުނިޔޭން ހަ ވަނަ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބިއްޖެ އެވެ.

"ފުޓީރޫމް" އިން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ދަގަނޑޭ ހަ ވަނައިގައި އޮތީ 544 މެޗުން 464 ގޯލް ޖަހައިގެންނެވެ. އެކަމަކު "މިހާރު" ގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ފަހުގެ މެޗުތައް ހިމަނައިގެން ދަގަނޑޭގެ ގޯލުގެ އަދަދަކީ 473 އެވެ. އެކަމަކު އެ އަދަދަށް ބެލިޔަސް ދަގަނޑޭގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ.

މި ލިސްޓުގެ އެއް ވަނައިގައި އޮތީ 1055 މެޗުން 760 ގޯލް ޖަހާފައިވާ ޔުވެންޓަސްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލިސްޓުގެ ދެ ވަނައިގައި އޮތީ 930 މެޗުން 733 ގޯލް ޖަހާފައިވާ ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެވެ. އޭނާގެ ފަހަތުން ތިން ވަނައިގައި 938 މެޗުން 559 ގޯލް ޖަހައިގެން އޭސީ މިލާނުގެ ސްވިޑަން ފޯވާޑް ޒަލާޓާން އިބްރަހިމޮވިޗް އޮތްއިރު ހަތަރު ވަނައިގައި އޮތީ 779 މެޗުން 506 ގޯލް ޖަހާފައިވާ ބަޔާން މިއުނިކުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ.

ދަގަނޑޭގެ ކުރީގައި ފަސް ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑުގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒެވެ. އޭނާ ވަނީ 774 މެޗުން 488 ގޯލް ޖަހައިފަ އެވެ. ދަގަނޑޭ އަށް ވުރެ ފަހަތުގައި ތިބި ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި މެންޗެސްޓާ ޔުނައިޓެޑުގެ އުރުގުއޭ ފޯވާޑް އެޑިސަން ކަވާނީ ހިމެނެ އެވެ. އަގުއޭރޯ 775 މެޗުން 439 ގޯލް ޖަހައިގެން އަށް ވަނައިގައި އޮތްއިރު ކަވާނީ އޮތީ 721 މެޗުން 415 ގޯލް ޖަހައިގެން 10 ވަނައިގަ އެވެ.

ދަގަނޑޭ (ވ) އަށް "މިހާރު" އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަގަނޑޭ (ވ) އަށް "މިހާރު" އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަގަނޑޭގެ 478 ގޯލުގެ ތެރެއިން ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދަކީ 55 އެވެ. ކްލަބް ފެންވަރުގައި އެންމެ ގިނަ ގޯލް ޖަހައިދިނީ ނިއު ރޭޑިއަންޓަށެވެ. އެއީ 123 ގޯލެވެ. ވެލެންސިއާ އަށް 104 ގޯލް، ވީބީ އަށް 93 ގޯލް، ޓީސީ އަށް 27 ގޯލް، ގްރީންސްޓްރީޓްސް އަށް 15 ގޯލް އަދި މާޒިޔާ އަށް 8 ގޯލް ޖަހައިދީފައިވެ އެވެ. މީގެ އިތުރުން މެލޭޝިއާގެ ޕީޑީއާރްއެމް އަށް 46 ގޯލް އަދި ބުރުނާއީގެ ޑީޕީއެމްއެމް އަށް ދެ ގޯލް ޖަހައިދީފައިވެ އެވެ.

ދަގަނޑޭ ދާދި ފަހުން ވަނީ "ގިވްމީސްޕޯޓްސް" ވެބްސައިޓުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލައިގެން ހެދި، މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން، މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނަ ހޯދައިފަ އެވެ. އޭނާ ދެ ވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާއި ރޮމެލޫ ލުކާކޫ އާއި ނޭމާ އާއި ލުއިސް ސުއަރޭޒް އަދި ރޮބަޓް ލެވޮންޑޮސްކީ ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލައިގެންނެވެ.

މީގެ ދެ އަހަރާ ބައި ކުރިން، 2018 ގެ ޖެނުއަރީ މަހު ދަގަނޑޭ މި ލިސްޓުގެ އެއް ވަނައިގައި އޮތެވެ. އެކަމަކު 2018 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރާ ހަމަޔަށް ގައުމީ ޓީމުން ސަސްޕެންޑްކޮށްފައި އޮތުމުން މެޗުތަކެއް ގެއްލި ދެ ވަނަ އަށް ވެއްޓުނީ އެވެ. އެކަމަކު ގިނަ މެޗުތަކެއް ގެއްލުނު އިރު ވެސް ދަގަނޑޭ ލިސްޓުގެ ކުރީގައި ހިފަހައްޓާލެވުމަކީ ބޮޑު ހާސިލްކުރުމެކެވެ.

"ގިވްމީސްޕޯޓްސް" ވެބްސައިޓުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ދަގަނޑޭ ލިސްޓުގެ ދެ ވަނައިގައި އޮތީ 80 މެޗުން 53 ގޯލް ޖަހައި މެޗަކަށް 0.66 ގޯލުގެ ނިސްބަތުންނެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ 83 މެޗުން 63 ގޯލް ޖަހައި މެޗަކަށް 0.76 ގޯލުގެ ނިސްބަތުން ޔޫއޭއީގެ އަލީ މަބްޚޫތެވެ.

ދަގަނޑޭ އޭއެފްސީ ކަޕުގައި ނިއު އަށް ލަނޑު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ: ކްލަބް ލެވެލްގައި އޭނާ އެންމެ ގިނަ ގޯލް ޖަހައިދިނީ އެ ޓީމަށް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭ އޭއެފްސީ ކަޕުގައި ނިއު އަށް ލަނޑު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ: ކްލަބް ލެވެލްގައި އޭނާ އެންމެ ގިނަ ގޯލް ޖަހައިދިނީ އެ ޓީމަށް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ދަގަނޑޭ އޮތީ 10 ވަނައިގަ އެވެ. އެ ލިސްޓުގެ އެއް ވަނައިގައި އޮތީ 101 ގޯލް ޖަހައިގެން ރޮނާލްޑޯ އެވެ. ދެ ވަނައިގައި އޮތީ 72 ގޯލް ޖަހާފައިވާ ޗެތުރީ އެވެ. އަދި ތިން ވަނައިގައި އޮތީ 71 ގޯލް ޖަހާފައިވާ މެސީ އެވެ. ދަގަނޑޭ އަށް ސަސްޕެންޝަނުގެ ސަބަބުން ދޮޅު އަހަރު ނުގެއްލުނު ނަމަ ލިސްޓުގެ ދެ ވަނަ އަށް އަރަން ފުރުސަތު އޮތީހެވެ. އުމުރުން 35 އަހަރުގެ ފޯވާޑް އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު ހަތަރު މެޗުން ވަނީ ދެ ގޯލް ޖަހައިފަ އެވެ.

ފުޓްބޯޅަ ކެރިއަރު އުމުރުން 15 އަހަރުގައި 2001 ވަނަ އަހަރު ފެށި ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ޕްރީ ޕްރިމިލަނަރީގައި މާލޭގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިގެން އެއް މެޗެއްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ. ފަހުން އޭނާ ވަނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާ ކޮޅަށް ހަ ގޯލް ޖަހައި އެ ރެކޯޑް މުގުރާލި އެވެ.

އޭނާ އަކީ ސާފް ޗެމްޕިއަންޝިޕުގެ ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ދަގަނޑޭ 20 ގޯލް ޖަހާފައިވާއިރު އެންމެ ގާތުގައި އޮތް ޗެތުރީ އަށް ޖެހިފައިވަނީ ވެސް 13 ގޯލެވެ.

ރާއްޖޭގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް ހަދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ. ވެލެންސިއާ، ނިއު ރޭޑިއަންޓް ވީބީ އައްޑޫ އެފްސީ، މާޒިޔާ އަދި ޓީސީ އަދި ގްރީންސްޓްރީޓްސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ދަގަނޑޭ ވަނީ ބުރުނާއީ އާއި މެލޭޝިއާ ލީގުގައި ކުޅެފަ އެވެ. މީގެ ތެރެއިން މެލޭޝިއާ ޕްރިމިއާ ލީގުގެ ޗެމްޕިއަން ޕީޑީއާރްއެމް އަށް 2014 ގައި ހޯދައިދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފަ އެވެ.