Roadha Mihaaru
ނިއު އިން ދަގަނޑޭ އަށް އޮފާކޮށް، އިންތިޒާރުގައި

ނިއު އިން ދަގަނޑޭ އަށް އޮފާކޮށް، އޭނާގެ އިންތިޒާރުގައި

08 އެޕްރީލް 2023

މި އަހަރުގެ ދެ ވަނަ ޑިވިޝަނާއި އެފްއޭ ކަޕުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ނިއު ރޭޑިއަންޓުން، އެ ޓީމުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ސޮއި ހޯދަން މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި އަހަރުގެ ދެ ވަނަ ޑިވިޝަނާއި އެފްއޭ ކަޕުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ނިއު ރޭޑިއަންޓުން، އެ ޓީމުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ސޮއި ހޯދަން މަސައްކަތް ފަށައިފި އެވެ.

އެކަމަކު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުކާ ދުރުގައި ހުރެފައި އެނބުރި އައިސް ދާދި ފަހުން ގައުމީ ޓީމުގައި ވެސް ހިމެނުނު ފޯވާޑް، އޮކްޓޫބަރު މަހު ފަށާ ދެ ވަނަ ޑިވިޝަނުގެ ޓީމަކަށް ސޮއިކޮށްފި، އޭގެ ކުރިން އޮންނަ ފުރަތަމަ ޑިވިޝަނުގެ ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގުގައި ނުކުޅެވޭނެ އެވެ.

އެނގިފައިވާ ގޮތުގައި ދަގަނޑޭގެ މިވަގުތުގެ އެންމެ ބޮޑު ޓާގެޓަކީ ގައުމީ ޓީމަށް 100 މެޗު ހަމަކުރުމެވެ. އެކަމަށް އެންމެ ފަހި ފުުރުސަތެއް އޮތީ ޖޫން މަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕުންނެވެ. އަޝްފާގަށް އޮތް ބިރަކީ، ދެ ވަނަ ޑިވިޝަނުގައި ކުޅޭ ނަމަ ގައުމީ ޓީމުން ފުރުސަތު ނުލިބުމެވެ.

ނިއުގެ ޗެއާމަން އަހުމަދު ވާސިފް ވިދާޅުވީ ދަގަނޑޭ އަކީ ނިއުގެ ލެޖެންޑެއް ކަމަށާއި، އޭނާ އަލުން ނޫ ޖާޒީ ލާން މެނޭޖްމަންޓާއި ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް އެދިއެދި ކަމަށެވެ.

"ދަގަނޑޭ އަށް ނިއުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި. އޭނާ އަށް ހަތް ނަމްބަރު ޖާޒީ އާއި ކެޕްޓަން ބޭންޑް އޮތީ މިވަގުތު ރިޒާވްކޮށްފައި. ދަގަނޑޭ އައުމަށް ވަރަށް ބޮޑަށް އެދެން،" ވާސިފް ވިދާޅުވި އެވެ.

ދަގަނޑޭގެ ގޯލްތަކުގެ ވީޑިއޯ ކޮޅަކާ އެކު ނިއު އިން ފޭސްބުކުގައި ޕޯސްޓްކުރި ވީޑިއޯއެއްގައި، އޭނާ އެނބުރި އަންނަން އެދެމުން ލިޔެފައިވާ ގޮތުގައި "ޗެމްޕިއަނުންނަކީ، އެ ބައެއްގެ މަތިން އަބަދުވެސް ހަނދާން ހުންނާނެ މިހުން ކަމަށާއި، ލެޖެންޑުންނަކީ ދުވަހަކު ވެސް އެ ބައެއްގެ މަތިން ހަނދާން ނުނެތޭނެ މީހުން" ކަމަށެވެ.

ނިއުގެ ވަރަށް ގިނަ ސަޕޯޓަރުން ވަނީ އޭނާ އެ ޓީމާ ގުޅުމަށް އެދި ފޭސްބުކުގައި ލިޔެފަ އެވެ.

ނިއު އިން ބުނީ ދަގަނޑޭ މިރޭ އެ ޓީމަށް ޖަވާބެއް ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ދަގަނޑޭ މިވަގުތު އަންނަނީ، އޭނާ ހިއްސާ އޮންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ އެކު ޕްރެކްޓިސްކުރަމުންނެވެ.

ދަގަނޑޭ ވަނީ ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2006-2007 އަށް، އޭގެ ފަހުން 2012-2013 އަށް އަދި އެންމެ ފަހުން 2017-2018 އަށެވެ، މީގެ ތެރެއިން 2013 ވަނަ އަހަރު ނިއު އިން އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގޮސް، ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ހޯދިއިރު އޭނާ ބޮޑު ހިއްސާއެއްވި އެވެ.

ދަގަނޑޭ އާ އެކު އެ ފަހަރު ނިއު އަށް ކުޅުނު އަކްރަމް އަބްދުލްގަނީ އާއި މުހައްމަދު އުމެއިރު ވަނީ ފުރަތަމަ ޑިވިޝަން ދޫކޮށް، ދެ ވަނަ ޑިވިޝަނުގެ ވިކްޓްރީ އަށް ސޮއިކޮށްފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ގަދަ ދެ ބާރު ކަމަށްވާ ނިއު އާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ ފައިސާގެ މައްސަލަތަކާ ހެދި އެފްއޭއެމުން ދިން އަދަބަކަ ގުޅިގެންނެވެ. ދަގަނޑޭ އަކީ ވެސް ނިއު އިން މުސާރަ ނުދީ އޮތް ކުޅުންތެރިޔެކެވެ. އެކަމަކު އެފްއޭއެމުން މިދިޔަ އަހަރު ސަސްޕެންޝަން އުވާލީ އެ ފައިސާ ދޭން ދަގަނޑޭ ހިމެނޭހެން ކުޅުންތެރިންނާ އެކު ނިއު އިން އެއްބަސްވުމެއް ހެދުމުންނެވެ. ސަސްޕެންޝަން އުވާލުލުމުން މިދިޔަ އަހަރު އެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް ފުރަތަމަ ޑިވިޝަނަށް އެރޭ ގޮތެއް ނުވި އެވެ.