Roadha Mihaaru
ދަގަނޑޭ ޓީސީ އަށް ސޮއިކޮށްފި

ދަގަނޑޭ ޓީސީ އަށް ސޮއިކޮށްފި

23 ޖޫން 2018

މުސާރަ ނުދޭތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދޫކޮށްލި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވާދަވެރި ޓީސީ ސްޕޯޓްސް ކްލަބަށް މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުސާރަ ނުދޭތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދޫކޮށްލި ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ވާދަވެރި ޓީސީ ސްޕޯޓްސް ކްލަބަށް މިއަދު ސޮއިކޮށްފި އެވެ.

ނިއު އިން މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމް އަށް ދަަގަނޑޭ ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ އެސޯސިއޭޝަނުން އޭނާ އާއި ނިއު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރީ އިއްޔެ އެވެ. އެއާ އެކު މިރޭ 12 ޖަހާއިރު މިޑް ސީޒަން ޓްރާންސްފާ ބާޒާރު ބަންދުކުރުމުގެ ކުރިން ބޭނުން ޓީމަކާ ގުޅުމުގެ ފުރުސަތު ދަގަނޑޭ އަށް ލިބުނީ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަށް ޓީސީގެ ޖާޒީގައި ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެރޭ ލިބޭނެ އެވެ. ފ. ނިލަންދޫއާ ދެކޮޅަށް ޓީސީ ކުޅޭ އެ މެޗަކީ މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމު ވާދަކުރާ ފުރަތަމަ މެޗެވެ.

ޓީސީ އަކީ ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ފަސް ފަހަރު އަދި ރަންބޫޓް ހަތް ފަހަރު ހޯދަފައިވާ ދަގަނޑޭ ކުޅޭ ރާއްޖޭގެ ހަތަރު ވަނަ ކްލަބެވެ. މީގެ ކުރިން ކުޅުނީ ނިއުގެ އިތުރުން ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ އަށެވެ.

ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ވެލެންސިއާގެ ޖާޒީގަ އެވެ. ފުރަތަމަ ކުޅުނު މުބާރާތުގައި ވެސް ރަން މެޑަލް ކަރުގައި އަޅުވާލި އެވެ. އަދި 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނުއިރު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހާސިލްކުރި އެވެ.

އޭނާ ދެން ބަދަލުވީ 2006 ގައި ނިއު އަށެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އަދި އެ އަހަރު ނިއު އިން ރިލީޒް ހޯދައިގެން ދުވަސްކޮޅަކު ބުރުނާއީގެ ޑީޕީއެމްއެމް އަށް ކުޅުނެވެ. އޭގެ ފަހުން ރެކޯޑް އަގެއްގައި 2008 ގައި ވީބީއާ ގުޅުނެވެ. އެ ޓީމާ އެކު އޭނާ ދިވެހި ލީގު ތިން ފަހަރު، އެފްއޭ ކަޕް ދެ ފަހަރު އަދި ޕްރެޒިޑެންޓްސް ކަޕް އެއް ފަހަރު ކާމިޔާބުކުރި އެވެ. ވީބީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ 2012 ވަނަ އަހަރު އެނބުރި ނިއު އަށް ދިޔަ އެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ. ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ.

އޭގެ ފަހުން ދެން ބަދަލުވީ މެލޭޝިއާ އަށެވެ. އެ ގައުމުގެ ޕީޑީއާރްއެމް އަށް 2014 ވަނަ އަހަރުގެ މެލޭޝިއާ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ އެ ޓީމު ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދި އެވެ. ޖެހިގެން އައި އަހަރު އެ ޓީމު މެލޭޝިއާ ސުޕަ ލީގުގައި ވާދަކުރިއިރު އިރު ވެސް ތަފާތު ދެއްކި އެވެ.

އޭނާ އެ ޓީމު ދޫކޮށްލީ އަނިޔާގެ ސަބަބުން 2016 ވަނަ އަހަރު ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. އެއަށް ފަހު އެނބުރި ރާއްޖެ އައިސް އެ އަހަރުގެ ދިވެހި ލީގުގައި މާޒިޔާއާ ގުޅި އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދިނެވެ. ސީޒަން ނިމުމާ އެކު މާޒިޔާ ދޫކޮށްލިއިރު މިދިޔަ އަހަރުގެ ކުރީކޮޅު ނިއުއަށް ސޮއިކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން އެއްވެސް ޓީމަކާ ނުގުޅި ހުރުމަށް ފަހު ނިއުއާ އަލުން ގުޅުނީ ސީޒަނުގެ މެދުތެރެއިންނެވެ. މިދިޔަ އަހަރުގެ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު މިއު ކާމިޔާބުކުރުމުގައި ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.

ގައުމީ ޓީމަށް 2004 އިން ފެށިގެން ކުޅެމުން އަންނަ ދަގަނޑޭ އަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަދި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދިއިރު އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިއާ އެވެ. އެކަމަކު މި ވަގުތު ހުރީ ގައުމީ ޓީމާ ދުރުގަ އެވެ. އެއީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މިދިޔަ މާޗު މަހު ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ޓީމުން ބޭރުކުރުމާ ގުޅިގެންނެވެ.