Roadha Mihaaru
ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުންނަނީ؟!

ޖޭޕީން ރިޔާސީ އިންތިހާބަށް ނުކުންނަނީ؟!

23 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެކަނި ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ތިބެ ކޯލިޝަނަކާއެކު ނުކުތުމާ މެދު ގޮތެއް ކަނޑައެޅުމުގެ ގަރާރެއް އެ ޕާޓީގެ ކޮންގްރެސް އަށް އެޖެންޑާ ކޮށްފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެކަނި ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ތިބެ ކޯލިޝަނަކާއެކު ނުކުތުމާ މެދު ގޮތެއް ކަނޑައެޅުމުގެ ގަރާރެއް އެ ޕާޓީގެ ކޮންގްރެސް އަށް އެޖެންޑާ ކޮށްފި އެވެ.

މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭ ގޮތުން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް ލިބިފައި އޮތަސް އަދި ގޮތެއް ނިންމާފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަކުރުން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ޖޭޕީ ވާދަކުރުމާ މެދު ގޮތެއް ނިންމުމުގެ ގަރާރެއް ކޮންގްރެސް އަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މެންދުރަށް އެޖެންޑާ ކޮށްފައިވާ އެ ގަރާރު ހުށަހަޅުއްވަނީ ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.

"ވަރަށް ފޯރިގަދަ ބަހުސް ދާނެ ކަމަށް ގަބޫލު ކުރެވެނީ،" އިލްހާމް ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި އިލްހާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިއަދުގެ ނިއުސް ކޮންފަރެންސްގައި އިލްހާމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވިގޮތުގައި އެ ބަހުސް ކުރިއަށް ގެންދާ ވަގުތު ކޮންގްރެސްގެ ޗެއާއަކަށް އިންނަވާނީ ލީޑަރު ގާސިމެވެ. އެ ގަރާރަށް ވޯޓަށް އަހާނެ ކަމަށާއި އެޖެންޑާ އަށް ބަދަލެއް ގެންނަން ގަސްދު ނުކުރާ ކަމަށް އިލްހާމް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން އަދި ގޮތެއް ނުނިންމި ނަމަވެސް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންގެ ތެރެއިން އަދާލަތު ޕާޓީން އިއްޔެ ވަނީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބެން ނިންމައިފަ އެވެ. އެއީ މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންގެ ތެރެއިން މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަކި ގޮތެއް ނިންމި ފުރަތަމަ ޕާޓީ އެވެ.

ރިޔާސީ އިންތިހާބަށް ގާސިމާއި ޖޭޕީގެ ތާއީދު ހޯދުމަށް އެމްޑީޕީގެ އިސްވެރިން ގެންދަވަނީ އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުން އެއް ފަހަރު ވަނީ ގާސިމާ ބައްދަލުކުރައްވައިފަ އެވެ. އަދި ހަމަ އެ މަންދޫބުން އިއްޔެ ވަނީ ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އަރިހަށް އިއްޔެ ވަޑަައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ ތަފާތަކީ ހުރިހާ ޕާޓީތަކާ ގުޅޭނެ. އެއްވެސް މީހަކު ޖަލަކަށް ނުލާނެ. އަނިޔާވެރިއެއް ނުވާނެ. އެހީވާނެ. އަޅާލާނެ. އިންސާނިއްޔަތުކަން ދެކޭނެ. މި ޕާޓީގެ ފިލޯސޮފީއަކީ ވެސް އެއީ،"--- އަލީ އާރިފް

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު ވިދާޅުވީ، ގާސިމަކީ ރާއްޖޭގެ "ކިންގް މޭކާ" ކަމަށާއި އަބަދުވެސް ގާސިމް ނެންގެވީ "މި ރާއްޖޭގެ ރައްޔިތުންގެ ފަޅި" ކަމަށެވެ.

"މި ފަހަރު ވެސް ދިވެހި ރައްޔިތުން އެންމެ އެދޭ އެދުމަކީ، އަޅުގަނޑު ގާތުގައި މީހަކު އަހައިފިއްޔާ އަޅުގަނޑު ބުނާނީ އަޅުގަނޑު ބޭނުންވަނީ މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ގާސިމް އިބްރާހިމް ކުރައްވާ ތަން ދުށުމޭ. އެކަމަކު އަޅުގަނޑަކަށް ނިންމޭނެ ކަމެއް ނޫން އެއީ. މި ޕާޓީގެ ބޮޑުސިންގާ ކައުންސިލެއް އޮވޭ. ބޮޑުސިންގާ ޕާޓީއެއް. މި ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކަންކަން ނިންމަނީ ގައުމީ ކޮންފަރެންސުން،" އަލީ އާރިފް ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި ގާސިމްގެ އެޑްވައިޒަރު އިލްހާމާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އަޒްލީން.---ފޮޓޯޅ ފަޔާޒު މޫސާ| މިހާރު

މިއަދުގެ ނިއުސް ކޮންފަރެންސްގައި ގާސިމްގެ އެޑްވައިޒަރު އިލްހާމާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އަޒްލީން.---ފޮޓޯޅ ފަޔާޒު މޫސާ| މިހާރު

އިލްހާމް ވިދާޅުވީ، ރިޔާސީ އިންތިހާބެއްގައި ޖޭޕީ ވާދަކޮށް، އެ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު މިހާތަނަށް ރާއްޖޭގެ އިގްތިސާދާ ނުގެނެވޭ ފަދަ ބަދަލެއް ގެނައުމަކީ އެ ޕާޓީގެ އުންމީދެއް ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ތަފާތަކީ ހުރިހާ ޕާޓީތަކާ ގުޅޭނެ. އެއްވެސް މީހަކު ޖަލަކަށް ނުލާނެ. އަނިޔާވެރިއެއް ނުވާނެ. އެހީވާނެ. އަޅާލާނެ. އިންސާނިއްޔަތުކަން ދެކޭނެ. މި ޕާޓީގެ ފިލޯސޮފީއަކީ ވެސް އެއީ،" އޭނާ ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވިގޮތުގައި، މީހަކަށް އަނިޔާވެރިވުމުގެ އެއްވެސް ސިފައެއް ގާސިމްގެ ނުހުންނާނެ އެވެ.

ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން 2018 ގެ ރިޔާސީ އިންތިހާބު ފިޔަވައި އެހެން ހުރިހާ އަހަރުތަކެއްގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ.

ރިޔާޒް ވިދާޅުވީ، ގާސިމަށް ތާއީދު ކުރާ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށާއި އަބަދުވެސް "ލީޑް ކުރާނީ" ޖޭޕީ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ކަންކަން ކުރައްވާނީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް ކަމަށެވެ. ގާސިމަކީ ގައުމަށް ތެދުވެރިވާނެ ބޭފުޅެއް ކަމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން އެއްބަސްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.