Roadha Mihaaru
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!

ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!

10 ސެޕްޓެމްބަރ 2023

މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގެ ގޮތް ނިންމުމުގެ ބާރު އޮތީ މަހުޖަނު ގާސިމް އިބްރާހިމެވެ. އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައި ދެއްވީ އޭނާގެ ބޮޑު ބައިވެރިވުމަކާ އެކު ކަމަށް، އިއްޔެ ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންތަކުގައި ގާސިމް ތަކުރާރުކުރެއްވި އެވެ. އެހެންވެ، ކޯލިޝަނެއް ނުހެދިޔަސް، މި ބުރުގެ އިންތިހާބުން ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ޖޭޕީން ދިޔައީ ގަބޫލުކުރަމުންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގެ ގޮތް ނިންމުމުގެ ބާރު އޮތީ މަހުޖަނު ގާސިމް އިބްރާހިމެވެ. އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައި ދެއްވީ އޭނާގެ ބޮޑު ބައިވެރިވުމަކާ އެކު ކަމަށް، އިއްޔެ ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންތަކުގައި ގާސިމް ތަކުރާރުކުރެއްވި އެވެ. އެހެންވެ، ކޯލިޝަނެއް ނުހެދިޔަސް، މި ބުރުގެ އިންތިހާބުން ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ޖޭޕީން ދިޔައީ ގަބޫލުކުރަމުންނެވެ.

މީގެ 15 އަހަރު ކުރިން، 2008 ގައި އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ހަތަރު އިންތިހާބުގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަނުކުރެއްވުނީ 2018 ވަނަ އަހަރުގެ އިންތިހާބުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމެއްގައި، ރާއްޖެއިން ބޭރުގައި ހުންނެވުމުން އެ އިންތިހާބުން ފުރުސަތު ގެއްލުނެވެ.

އެކަމަކު، އިއްޔެ ނިމުނު ރިޔާސީ އިންތިހާބާ ހަމައަށް ވެސް ގާސިމް ބެލެވުނީ ސިޔާސީ މައިދާން ބައްޓަންކުރާ "ކިންގް މޭކާ" ގެ ގޮތުގަ އެވެ. ނަމަވެސް، ހަގީގަތަކީ 22،607 މެމްބަރުން ތިބި ޕާޓީން ގާސިމަށް 6،000 ވޯޓު ވެސް ލިބިވަޑައިނުގަތުމެވެ.

ޣިޔާސުއްދީން ސްކޫލުގައި އިއްޔެ ބެހެއްޓި ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: އިފްރާޒް އަލީ /މިހާރު

ޣިޔާސުއްދީން ސްކޫލުގައި އިއްޔެ ބެހެއްޓި ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: އިފްރާޒް އަލީ /މިހާރު

މިއީ، ރިޔާސީ އިންތިހާބުގައި ގާސިމަށް އެންމެ މަދުން ވޯޓު ލިބުނު ފަހަރެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ޖޭޕީގެ ލީޑަރަށް 27،056 ވޯޓު (15.32 ޕަސެންޓް) ލިބިވަޑައިގަތެވެ. އެ އަހަރުގެ އިންތިހާބުގައި ހަތަރު ބޭފުޅުން ވާދަކުރެއްވިއިރު، އެންމެ މަދުން ލިބިވަޑައިގަތީ ގާސިމަށެވެ.

އޭގެ ފަހުން، 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ގާސިމަށް 48،131 ވޯޓު (23.34 ޕަސެންޓް) ލިބިވަޑައިގަތެވެ. އެކަމަކު، ވަރުގަދަ ކެމްޕެއިނަކަށް ފަހު އަށް ކެންޑިޑޭޓުންގެ ތެރެއިން ފަސް ވަނައަށް އެރުމަކީ ބޮޑު ވެއްޓުމެކެވެ.

މާ ގިނަ ބައެއްގެ ތާއީދާ ނުލައި މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް 6،000 އެއްހާ ވޯޓު ލިބިވަޑައިގަތެވެ.

މިކަމާ ބެހޭގޮތުން ޖޭޕީން އެއްވެސް ވާހަކައެއް ދައްކާކަން އަދި ބޭނުމެއްނުވެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދެވި އެމްއެންޕީގައި 9،838 މެމްބަރުން އެބަތިއްބެވެ. އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އޭނާ އެ ގޮނޑިއަށް އިންތިހާބުވީ ވެސް 1,071 ވޯޓުންނެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އިއްޔެ ވޯޓު ލައްވަނީ.-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އިއްޔެ ވޯޓު ލައްވަނީ.-- ފޮޓޯ: އެމްއެންޕީ

އެކަމަކު، ރިޔާސީ އިންތިހާބުގައި ނާޒިމްގެ ދާއިރާ، ދަނގެތީގައި ބެހެއްޓި ދެފޮށިން ވެސް އޭނާއަށް ލިބިވަޑައިގަތީ އެންމެ ފަސް ވޯޓެވެ.

ނާޒިމްގެ އިންތިހާބީ އެޖެންޓު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އިންތިހާބުގައި މަދުން ވޯޓު ލިބުމަށް މެދުވެރިވި ސަބަބު ބަލަމުން ދާ ކަމަށެވެ. އެކަމަށް ބޮޑަށް ބެލެވެނީ ވެސް، މާލޭގެ ފޮށިތަކުން އާދަޔާ ހިލާފު ދަށް ނަތީޖާތަކެއް ލިބެމުންދިޔަ ކަމަށެވެ. އެއީ އުއްމީދުކުރި ވަރަށް ވުރެ ވެސް ދަށް ނަތީޖާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ސަބަބުން އަސްލު ޖުމްލަ ނަތީޖާއަށް އަސަރުކޮށްފައި މި ހުރީ. މާލޭގެ އިތުރުން އެހެން ސިޓީތަކުން ވެސް އަޅުގަނޑުމެންނަށް ދަށް ނަތީޖާތަކެއް ލިބިފައި މި ހުރީ. ކޮންމެ ގޮތަކަށް ވިޔަސް އަޅުގަނޑުމެން އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބުނު. އަޅުގަނޑުމެން ކުރި މަސައްކަތާ އަޅާބަލާއިރު އެކަށީގެންވާ ވަރުގެ ތާއިދެއް ނުލިބުނު." އުޝާމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބަޔަކު ކިޔޫގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބަޔަކު ކިޔޫގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގައި އަދި ވެސް ތާއީދު އޮތީ ދެ ފިކުރަކަށް ކަމަށެވެ. އެއީ ނާޒިމަށް މަދުން ވޯޓު ލިބުނު އެއް ސަބަބު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އެންމެ ފަހު ރަށަކަށް ނާޒިމް ވަޑައިގަތީ ވެސް ދަނގެއްޗަށެވެ. އެކަމަކު، އެ ރަށުން ވެސް ލިބުނީ އެ ދުވަހު ފެނުނު މަންޒަރާ އަޅާބަލާއިރު ވަރަށް ދަށް ނަތީޖާއެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

އަށް ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގައި އެންމެ ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނައަށް ލައްކައަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު، މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 84،000 ވޯޓެވެ. އިންތިހާބާ މެދު އެންމެ ފަހު ގޮތް ނިންމާނީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރެއްގަ އެވެ.