02 ޖޫން 2023
އެހެން ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުވަހަކު ވެސް ބޭނުންފުޅު ނުވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެހެން ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުވަހަކު ވެސް ބޭނުންފުޅު ނުވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބައިއަތު ހިފާކަން މީގެ ދުވަސްތަކެއް ކުރިން އެކިއެކި ޕްލެޓްފޯމުތަކުގައި ދެއްކެވުމަށް ފަހު ގާސިމްގެ ފާޑުވިދާޅުވުން ނަޝީދަށް ރައްދު ކުރެއްވީ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރެއްވުމުގެ ފުރުސަތު އެހެން ބޭފުޅަކަށް ދެއްވައިގެން ނަޝީދަށް "ކެތެއް ނުވާނެ" ކަމަށެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ގާސިމް ނެރުމަށްޓަކައި ނަޝީދު މީގެ ދުވަސްތަކެއް ކުރެއްވި މަސައްކަތްޕުޅަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ދެ ފަހަރަކު ސައން އައިލެން ރިސޯޓަށް ވެސް ނަޝީދު ވަޑައިގެންނެވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި ވެސް އެ ވާހަކަތައް ވަރަށް ބޮޑަށް ނަޝީދު ދެއްކެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ޕްރައިމަރީން ފޭލްވުމާ ގުޅިގެން ނުވަތަ ނާކާމިޔާބުވުމާ ގުޅިގެން އަޅުގަނޑާ ވާހަކަ ދެއްކި ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ވެސް އަދި އެހެން މެމްބަރުން ކައިރީގައި ވެސް ވިދާޅުވި ގާސިމޭ މި ފަހަރު [ވެރިކަމަށް] ގެންނަންވީ. ޕީޕީއެމްގެ ބޭފުޅުންގެ އަރިހުގައި ވެސް ދަންނަވާ. އަދި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ ނޫން އެހެން ބޭފުޅުން ކައިރީގައި ވެސް ވިދާޅުވޭ،" ގާސިމް ވިދާޅުވި އެވެ.
ނަޝީދާ ހަވާލާ ދެއްވައި ގާސިމް ވިދާޅުވީ، މިހާތަނަށް ހުރިހާ އެންމެންނަށް ވެރިކަން ލިބުނީ އޭނާގެ ތާއީދާ އެކުގައި ކަމަށް ވާތީ "މި ފަހަރު މިއީ ގާސިމްގެ ފަހަރޭ" ވަރަށް ގިނައިން ނަޝީދު ވިދާޅުވި ކަމަށެވެ.
"...ތިމަންނަމެން ގާސިމަށް އެހީތެރިވެދޭން ޖެހޭ ފަހަރޭ. އެހެން ކިޔާފައި [ނަޝީދު] މި ވާހަކަތައް ދައްކާއިރު ވެސް އަޅުގަނޑު އިންނަން މަޑުމަޑުން ހީލަހީލާ،" ސަމާސާ ރާގެއްގައި ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑު ބޭނުމެއް ނުވޭ އެމްޑީޕީ ހަލާކުކޮށްލި މީހާގެ ނަން އަޅުގަނޑުގެ ބޮލުގައި އެޅޭކަށެއް. އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުގެ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާކަށެއް. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިސްލާމްދީނާ ހިލާފަށް އެއްވެސް ކަމެއް ދާ ތަން ބަލަހައްޓައިގެން ހުންނާކަށެއް،"--- ގާސިމް
ގާސިމް ވިދާޅުވީ، އެ ވާހަކަތައް ނަޝީދު ދައްކަވާ ކޮންމެ ފަހަރު ކެމްޕެއިނަށް ފައިސޭ ނެތް ވާހަކަ ވެސް އެ މަނިކުފާނަށް ދަންނަވާ ކަމަށެވެ. ވިދާޅުވީ، ކޮވިޑަށް ފަހު ކުރިމަތިވި ދަތިތަކުން އަދިވެސް ވިލާގެ ކުންފުނިތައް އަރައިނުގަނެވޭ ކަމަށެވެ. ކެމްޕެއިނަށް ފައިސާ ނެތް ވާހަކަ ނަޝީދަށް ދަންނަވަނީ އެހެންވެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރެއްވުމަށް ނަޝީދާއި ގާސިމް ކުރެއްވި މަސައްކަތް ފޭލްވީ، ކަންކަން އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ނަޝީދު އަބަދުވެސް ގަބޫލުފުޅު ކުރައްވާ ބަރުލަމާނީ ނިޒާމުގެ ކަރުދާސް ޖޭޕީ އަށް ހުށަހެޅުއްވި ހިސާބުންނެވެ. ގާސިމަކީ އަބަދުވެސް ރިޔާސީ ނިޒާމާ އެއްކޮޅު ބޭފުޅެއް ކަމުން ނަޝީދުގެ ކަރުދާހަކަށް އެއްބަސްވެވަޑައެއް ނުގެންނެވި އެވެ.
ނަޝީދުގެ ފެކްޝަނުން، ޖޭޕީގެ އިސްވެރިންގެ ޓީމާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަޝީދުގެ ކަރުދާހާ ހަވާލާ ދެއްވައި ގާސިމް މިއަދު ވިދާޅުވީ، އެ ކަރުދާސް ބެއްލެވުމުން ވިސްނިވަޑައިގަތީ އޭނާއަކީ ނަޝީދު ވެރިކަމަށް ގެންނަވަން މަގުކޮށައި ދެއްވަން ހުންނަވާ ބޭފުޅާ ކަމަށެވެ.
"ނުވަތަ އެހެން ގޮތަކަށް ދަންނަވަންޏާ އަޅުގަނޑު މިވަނީ ސްޓެޕިން ސްޓޯންއަކަށް. އެއީ ކުރިން ވެސް އަޅުގަނޑު އަހާފައި ވެސް އަޑެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތްތައް ކުރަން ހިތުލައިގެން ނެތް ކަމަށެވެ. އަދި ވަރަށް ޔަގީންކަމާ އެކު، ގާސިމް ވިދާޅުވީ، އޭނާއަކީ މީހަކު ދައްކާ ވާހަކައަކަށް "ގުނބޯހެން ނަށާނެ" ބޭފުޅެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ނަޝީދާ އެކު ކޯލިޝަން ހަދއިފި ނަމަ ދިމާވާ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އޮތް އަރައިރުން އިތުރަށް ގޯސްވުމެވެ. ނުވަތަ އެމްޑީޕީ "ހަލާކުކޮށްލި މީހާގެ ލަގަބު" އެ ކޯލިޝަން ހެދުމުން ލިބެނީ އޭނާ އަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖޭޕީން މި އަހަރު ބޭއްވި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑު ބޭނުމެއް ނުވޭ އެމްޑީޕީ ހަލާކުކޮށްލި މީހާގެ ނަން އަޅުގަނޑުގެ ބޮލުގައި އެޅޭކަށެއް. އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުގެ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާކަށެއް. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިސްލާމްދީނާ ހިލާފަށް އެއްވެސް ކަމެއް ދާ ތަން ބަލަހައްޓައިގެން ހުންނާކަށެއް،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑެއް ބޭނުމެއް ނުވޭ ޖުމްހޫރީ ޕާޓީއެއް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ބިމުގެ ސަރަހައްދުން އަކަ އިންޗިއެއްގެ ވަރު ވެސް ގެއްލޭކަށް. މިއަދު ވެސް އެކަން އޮތީ އެހެން. މާދަމާ ވެސް އެކަން އޮންނާނީ އެހެން. މުޅި އުމުރު ދުވަހަށް އަޅުގަނޑުގެ ބާރެއް ހުރިހާ ހިނދަކު އަޅުގަނޑު އެ ލީޑަޝިޕްގައި ހުރިހާ ހިނދަކު އެކަން އޮންނާނީ އެހެން."
ގާސިމް މިއަދު ވެސް ވިދާޅުވީ، އެމްޑީޕީ ވުޖޫދަށް އައީ އޭނާގެ ހިތްވަރުން ކަމަށާއި އެއީ ނަޝީދުގެ ސަބަބުން ވީ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީ ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ އޮފީހުގެ ހަރަދާއި މުވައްޒަފުންގެ މުސާރަ ވެސް ކުރީގެ ޑީއާރުޕީގެ ނައިބު ލީޑަރަކަށް ހުންނެވި ދުވަސްވަރު ދެއްވީ އޭނާ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވިގޮތުގައި ޑިމޮކްރެޓިކް އުސޫލުތަކެއް ރާއްޖެ އަށް ތައާރަފުކޮށް، ވާދަވެރި މާހައުލެއްގައި ވެރިކަން ކުރުން ދެމެހެއްޓުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ލިބުނު ނާކާމިޔާބީއާ އެކު، ނަޝީދު "ފިކުރެއްގެ ދިރުން" ނަމުގައި އެ ޕާޓީގެ އެތެރެއިން ވަކި ފެކްޝަނެއް ހެދުމަށް ފަހު، އެ ފެކްޝަންގެ އިސް އެހެން ބޭފުޅުން ވަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފަން ކުރުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓަރީ ކޮށްދިނުމަށް އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. ނަޝީދު އަދި ހުންނެވީ އެމްޑީޕީގައި ކަމަށް ވިޔަސް ބައެއް މީހުންގެ ވިސްނުމުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އެ މަނިކުފާނެވެ.
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ނަޝީދު، ގޯސްވި ހުރިހާ ކަމެއްގެ މެދުގައި!
ނަޝީދުގެ ފެކްޝަނުން މިރޭ ގާސިމާ ބައްދަލުކުރަނީ
ނަޝީދު، ގާސިމްގެ މަންދޫބު އިލްހާމާ ބައްދަލުކުރައްވައިފި
އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓެއް!
ނަޝީދާ ނުލައި އެމްޑީޕީ ދެމިއެއް ނޯންނާނެ: ގާސިމް
ނަޝީދުގެ ފެކްޝަނުން ގާސިމާ ބައްދަލުކޮށްފި
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް