Roadha Mihaaru
ނަޝީދުގެ ފެކްޝަނުން ގާސިމާ ބައްދަލުކޮށްފި

ނަޝީދުގެ ފެކްޝަނުން ގާސިމާ ބައްދަލުކޮށްފި

20 ފެބުރުއަރީ 2023

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ރޭ ބައްދަލުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ރޭ ބައްދަލުކުރައްވައިފި އެވެ.

އިތުރު ތަފްސީލެއް ނުދެއްވައި މަޑަވެލި ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހުސެއިން ފިރުޝާން ވިދާޅުވީ ނަޝީދުގެ މަންދޫބުންގެ ގޮތުގައި، ގދ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިން އާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް ބޮޑުވެ، ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާ ބޭފުޅުން ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެހެންވެ، އެ ދެ ފެކްޝަނުން ވެސް އަންނަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް ގާސިމްގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރައީސްގެ މަންދޫބުންތަކެއް ވެސް މިދިޔަ ހަފުތާގައި ގާސިމްއާ ބައްދަލުކުރައްވާފައިވެ އެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ނަޝީދުގެ ފެކްޝަނުން ގާސިމްގެ ރިސޯޓު، ސަން އައިލެންޑުގައި ބައްދަލުކުރެއްވިއިރު، އެ މަނިކުފާނަށް ތާއިދުކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ މި ފަހަރުގެ އިންތިހާބަށް ގާސިމް ނުކުމެވަޑައިގަތުމަށް ބާރު އަޅުއްވައި ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރައްވަމުންނެވެ.

މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވުމުން، އެ މަނިކުފާނަށް ވަނީ ޕާޓީގެ ޓިކެޓު ގެއްލިފަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމަލު ކުރައްވާނެ ގޮތެއް ގާސިމް އަދި ނުނިންމަވަ އެވެ. އެކަން ބޮޑަށް ސާފުވާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގަ އެވެ.