Roadha Mihaaru
އެމްޑީޕީ ކުރިއަށް ވުރެ އެއްބައިވަންތަވެއްޖެ: ރައީސް

އެމްޑީޕީގެ އެއްބައިވަންތަކަން ކުރިއަށް ވުރެ ވެސް ބޮޑުވެއްޖެ: ރައީސް

21 އޯގަސްޓް 2022

މިއަދު ނިންމާލި އެމްޑީޕީގެ ކޮންގްރެސް ކާމިޔާބު ކަމަށާއި ޕާޓީގެ އެއްބައިވަންތަކަން ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިއަދު ނިންމާލި އެމްޑީޕީގެ ކޮންގްރެސް ކާމިޔާބު ކަމަށާއި ޕާޓީގެ އެއްބައިވަންތަކަން ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އެމްޑީޕީގެ ކޮންގްރެސް 2022 މިރޭ ނިންމާލުމާ އެކު ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ކޮންގްރެސްގައި އެކި މަޝްވަރާތައް ކުރެވި އެއް އަމާޒަކަށް މަސައްކަތްކުރެވުނު ކަމަށެވެ.

"އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު ޕާޓީގެ އަމާޒަށް ވާސިލްވުމުގައި ކުރިއަށްވުރެ ވެސް ވަރުގަދަ އަޒުމެއްގައި މިހާރު އޮތީ ކުރިއަށްވުރެ ވެސް އެއްބައިވަންތަންކޮށް،" ރައީސްގެ ޓްވީޓްގައިވެ އެވެ.

ކޮންގްރެސް ފެށި އިރު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަސައްކަތުގައި ހުށަހެޅުއްވި ގަރާރާ މެދު އޮތީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. މި ހިޔާލް ތަފާތުވުން މަޖިލީހުގެ ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާ މެދު ވަރަށް ބޮޑު ނުތަނަވަސްކަން ބޮޑުވި ނަމަވެސް މިއަދު ކޮންގްރެސް ނިންމާލީ ގަރާރާ މެދު އިތުރަށް މަޝްވަރާކުރުމަށް ދެ ރައީސުން އެއްބަސްވެވަޑައިގަތުމަށްފަހު އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން 1200 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވި ކޮންގްރެސް ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭ އިރު އެކި ކަންކަން ބޭނުންވާނެ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާ އެކު ކުރިޔަށް ދާން ތިބިކަން މިއަދު ކޮންގްރެސް އިން ހާމަވެގެން ދިޔަ ކަމަށެވެ.

"މިތަނުގައި އަޅުގަނޑުމެން ހަރަކާތްތެރިވަމުން ދިޔަ އިރު ވެސް ޓެންޝަން އަޅުގަނޑުމެންގެ ތެރޭގައި އޮތް. މިއަދު ކޮންގްރެސް ނިމިގެން މި ދަނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުރިހަމަ މެޗުއާ ޕާޓީއެއްގެ ގޮތުގައި،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ރިޔާސީ އިންތިހާބަށް ކަމަށާއި އެކަތިގަނޑެއް ގޮތުގައި ތިބެ ވާދަވެރިން މި އިންތިހާބުން ބަލި ކުރުމަށް އެއް އަޒުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.