16 ޖޫން 2022
"މިހާރު އެތައް ތާރީހުތައް ދީފި. އަހަރަކު ތިން ހަތަރު ތާރީހު ދޭ. ދުވަހަކު ވެސް ނިމޭތަނެއް ނާދޭ. އެއް ތާރީހު ނިމި އަނެއް ތާރީހު ފަހަނައަޅާ ދާއިރު ވެސް އިމާރާތުގެ އެއްވެސް މަސައްކަތެއް ނުކުރޭ،" ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން އިމާރާތް ކުރާ ބިލްޑިންގަކުން، މީގެ ހަތަރު އަހަރު ކުރިން އެޕާޓްމެންޓެއް ގަތް މީހަކު ބުންޏެވެ.
"މިހާރު އެތައް ތާރީހުތައް ދީފި. އަހަރަކު ތިން ހަތަރު ތާރީހު ދޭ. ދުވަހަކު ވެސް ނިމޭތަނެއް ނާދޭ. އެއް ތާރީހު ނިމި އަނެއް ތާރީހު ފަހަނައަޅާ ދާއިރު ވެސް އިމާރާތުގެ އެއްވެސް މަސައްކަތެއް ނުކުރޭ،" ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން އިމާރާތް ކުރާ ބިލްޑިންގަކުން، މީގެ ހަތަރު އަހަރު ކުރިން އެޕާޓްމެންޓެއް ގަތް މީހަކު ބުންޏެވެ.
"އެތައް ބައިވަރު ފައިސާއެއް ދައްކައިފިން. އަނެއްކޮޅުން އުޅޭ ތަނަށް ކުލި ދައްކަމުން މިދަނީ. މިއީ ވަރަށް ބޮޑު ބޭއިންސާފެއް."
އެޕާޓްމަންޓްތައް ގަތް އެތައް ބަޔަކު ތިބީ މާޔޫސްވެފަ އެވެ. އެއީ އެންމެ 10، 50 މީހުންނެއް ނޫނެވެ. ހާހަކަށް ވުރެ ގިނަ އެވެ. އެ އެންމެންގެ އަތުން ވެސް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފި އެވެ. ބުނެފައިވާ، ނުވަތަ އެގްރިމެންޓް ހެދި އިރު ދިން ތާރީހުތައް އެތައް ފަހަރަކު ފަހަނައަޅައި ދިޔަ އިރު ވެސް އިމާރާތްތަކެއް ނުނިމުނެވެ. ކަންބޮޑުވެގެން ގޮސް، ހަޅޭއްލަވައިގަތީމަ، އަނެއްކާ ވެސް ކޮންމެވެސް އުޒުރެއް ދައްކައިފައި ދެނީ ތާރީހެވެ. މިހެން އެތައް ގޮސް އެތައް ތާރީހެއް ދީފި އެވެ. އެ މީހުން އަދިވެސް އެތިބީ ތާރީހުތަކެއްގެ މަތީގައި އިންތިޒާރުގަ އެވެ.
މައްސަލަތަކުގެ ތެރޭގައި އުޅެނީ، ހުޅުމާލޭގައި އަމިއްލަ ހަތަރު ކުންފުންޏަކުން ހަތަރު ބިމެއްގައި އަޅާ އެޕާޓްމެންޓް ބިލްޑިންގްތަކެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް ޑައުންޕޭމަންޓާއި މަހުން މަހުން ފައިސާ ދައްކާތާ ވެސް ހައެއްހަ އަހަރު ވެއްޖެ އެވެ. އެންމެ ލަހުން މަސައްކަތް ފެށި ތަނަށް ވެސް ހަތަރު އަހަރު ވެއްޖެ އެވެ.
ބައެއް މީހުން ބޮޑެތި ލޯނުތައް ނަގައިގެން ވެސް އެ ތަންތަނުން ފްލެޓް ގަތެވެ. ބޮޑު އިންޓަރެސްޓެއްގައި ލޯނު ދައްކަމުން، މިހާރު ކުއްޔަށް އުޅޭ ތަންތަނަށް ކުލި ދައްކަމުން، ބޮޑު ތަކުލީފެއް އެ މީހުން ދަނީ އުފުލަމުންނެވެ.
އެނގިފައިވާ ގޮތުގައި ފްލެޓް ގަތް ބައެއް މީހުން ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެ، ދިރިއުޅުން ރަށަށް ވެސް ބަދަލުކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން، ލޯނު ދައްކަމުން ކުއްޔަށް އުޅޭނެ ފެންވަރު އެ މީހުންގެ ނެތެވެ.
ނުނިމި ދިގުލަމުންދާ ޖާހު (ޖައުސާ)ގެ "ދަ ގާޑަން" އިން ފްލެޓް ގަތް އަލީ އުމަރު ބުނި ގޮތުގައި އެތަނުން ފްލެޓް ގަނެވުމަކީ އޭނާ އަށް ކުރެވުނު އެންމެ ބޮޑު މޮޔަކަމެވެ. އެޕާޓްމެންޓް ނުލިބި ލަސްވާތީ، އޭނާގެ ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލި އެވެ.
ޖާހުގެ ދަ ގާޑެންގެ ބޭރު ހުންނާނެ ގޮތުގެ ކުރެހުމެއް.
"ތަންކޮޅެއް ފޯރާތީ އަޅުގަނޑުމެންނަށް ވެސް މި ކެތްކޮށްލެވެނީ. އެކަމަކު ގަނެފައި ފައިސާ ދައްކާފައި އޮތް ތަނަކަށް ނުވަދެވެންޏާ އެއީ މާލީ ގޮތުން ބޮޑު ގެއްލުމެއް. އެ މީހުން (ކުންފުނި) އަށް ދައްކަންޖެހޭ ހުރިހާ އެއްޗެއް ދައްކާފައި އަހަރެމެންނަށް ދޭން ޖެހޭ އެއްޗެއް ނުލިބެންޏާ އެއީ ވަރަށް ބޮޑު ގެއްލުމެއްތާ،" އުމަރު ބުންޏެވެ.
މާލޭ މީހަކާ އިނދެގެން އުޅޭ އޭނާ ބުނި ގޮތުގައި އެ މީހުންނަށް މާލޭގައި ހިފަހައްޓާލެވެނީ ކުއްޔެއް ދައްކަން ނުޖެހޭތީ އެވެ. އަނބިމީހާގެ ގޭގައި އެ މީހުން ދިރިއުޅެމުން އައި ނަމަވެސް ފްލެޓަށް ނުވަދެވިދާ ކޮންމެ ދުވަހަކީ ވެސް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވާ ދުވަހެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގަތް ފްލެޓް ލިބިއްޖެ ނަމަ، މިހާރު އުޅޭ ތަން ކުއްޔަށް ދީފައި ކޮންމެވެސް ވަރެއްގެ އާމްދަނީއެއްް ވެސް އެ މީހުންނަށް ހޯދޭނެ އެވެ. އެކަމަކު އެ މަގު ގެއްލިފައި ވަނީ ވެސް އެތަންތަން ނުނިމިގެންނެވެ.
ޖާހުން ހަދާ އެޕާޓްމެންޓްތަކުގެ ތިރި އޮންނަ ގޮތުގެ ކުރެހުމެއް
އަލީ އުމަރާއި އޭނާގެ އަނބިމީހާ އައިޝަތު ނިހާދު ވަނީ "ދަ ގާޑެން" އިމާރާތުން އެޕާޓްމަންޓް ގަތުމަށް 2017 ގައި ފައިސާ ދައްކައި ނިންމައިފަ އެވެ. ފުލް ޕޭމަންޓުން މިހާރު ނުދައްކާ އޮތީ ލައްކައެއްހާ ރުފިޔާ އެވެ. އެއީ ތަން ހަވާލުކުރުމުން ދައްކަން ޖެހޭ ފައިސާ އެވެ.
އެތަން 2019 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެއްބަސްވިޔަސް އަދިވެސް ވަދެވޭނެ ދުވަހެއް ނޭނގެ އެވެ. އެކަމަކު ދޭތެރެއަކުން އެ މީހުން އިމާރާތްކުރާ ސަރަހައްދަށް ގޮސް ފްލެޓްގެ މަސައްކަތްދާ ގޮތް ބަލަމުން އެދަނީ އެތަނަށް ވަނުމަށް ކުރާ އުއްމީދެއްގެ ބޮޑުކަމުންނެވެ.
މިހާރު ވެސް އެތައް މުއްދަތެއް ދީ ފަހަނަ އަޅައިގެން ހިނގައްޖެ އެވެ. އެންމެ ފަހުން މިދިޔަ މާޗު މަހު ބުނެފައި ވަނީ ޖުލައިގައި އެތަން ހަވާލުކުރާނެ ކަމަށެވެ. އެކަމަކު އުމަރު ބުނީ މަސައްކަތްކުރިއަށްދާ ގޮތަށް ބަލާ ނަމަ އެ ތާރީހަށް މަސައްކަތް ނިމިދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.
"މިދިޔަ މާޗު 26 ގައި އަޅުގަނޑުމެން ގޮސް ބެލިން އެތަން. އެތަން އޮތީ ދެ އަހަރުކުރިން އޮތް ގޮތަށް. އެހާ މަދު މީހުން މަސައްކަތްކުރަނީ. އެހެންވީމަ ޖުލައި އަށް ނިމޭނެ ކަމުގެ އުއްމީދެއް ނެތް،" އޭނާ ބުންޏެވެ.
ޖާހުގެ ދަ ގާޑެން އެޕާޓްމަންޓްތަކުގެ އެތެރެ ހަދައި ނިމުމުން ހުންނާނެ ގޮތް.
ޖާހުން އިމާރާތްކުރާ އެޕާޓްމަންޓްތަކުގެ ތެރޭގައި 3-6 މިލިއަން ރުފިޔާގެ އެޕާޓްމެންޓްތައް ވެސް ހިމެނެ އެވެ. އެތައް މިލިއަނެއް ދައްކައިގެން ވެސް ފްލެޓް ނުލިބުމުން ބައެއް މީހުން ތިބީ ބަދަލު ނުލިބި އެހެން ތަނަކުން ފްލެޓެއް ގަތުމަށް ވެސް ނޭދެވޭތީ ކަންބޮޑުވެފަ އެވެ.
ބައެއް މީހުން އެ މީހުންގެ މުޅި ސޭވިން އެޕާޓްމަންޓް ގަތުމަށް ހޭދަކުރީ ފްލެޓް ނިންމައި މުއްދަތަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ކުންފުނިތަކުން ދިނުމުން ކަމަށް އެ މީހުން ބުނެ އެވެ.
ޖާހުގެ އިތުރުން އެންސިސް ފިޝަރީޒް އާއި ކޭޕާކާއި އަކުއާ ވިޓާ އިން ވެސް ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ އެޕާޓްމަންޓް ހަދަމުން އަޔަސް މުއްދަތަށް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.
ކޭ ޕާކުން އެޕާޓްމަންޓް ގަތް މީހަކު، "މިހާރު" އަށް ބުނީ 2019 އިން ފެށިގެން މިހާތަނަށް އެކި ތާރީހުތައް އެ ކުންފުނިން ވެސް ދީފައިވާ ކަމަށެވެ.
"2019 އިން ފެށިގެން އޭޕްރީލްއޭ ޖޫން އޭ ޑިސެމްބަރޭ މިގޮތަށް ގޮސް އެކި ޑޭޓްތައް ދީފި. އެންމެ ފަހުން މިދިޔަ ޑިސެމްބަރުގައި ދޭނަމޭ ކިޔާފައި ފަހުން އަނެއްކާ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައޭ ބުނީ. އެ ތިން މަސް ވެސް ދިޔައީ. މިހާރު ނޭނގެ ކޮންއިރަކު، ކިހިނެއް ކަމެއް ވަނީ ވެސް،" އޭނާ އުދާސްތައް ބޭރުކޮށްލި އެވެ.
އޭނާ ބުނި ގޮތުގައި އެ މީހުން ޕްރައިވެޓް ޕާކިން ލޮޓަކަށްވާ ފައިސާއާ އެކު މުޅި އެޕާޓްމަންޓް ގަތުމަށް ހަތަރު މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. އެ ކުންފުނިން ފްލެޓް ގަތީ އޭރު މަސައްކަތް ފެށި ގޮތުން ވަރަށް އަވަހަށް ނިންމާނެ ކަމަށް "އަނދުން އެޅުވުމުން" ކަމަށް އޭނާ ބުންޏެވެ.
"އޭރު މަސައްކަތް ފަށައިގެން ދިޔަ ގޮތުން ޔަގީންވީ މަސައްކަތް ނިންމާނެއޭ. އެހެންވެ އެޕާޓްމަންޓް ގަތީ."
ސެންޓްރަލް ޕާކު ކައިރީ ހަދަމުން އަންނަ ކޭ ޕާކު އެޕާޓްމަންޓްތައް: މިތަންތަން ނިންމުމަށް ވެސް އެތައް ތާރީހުތައް ދަނީ ދެމުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިހާރު އެތަނަށް ވަދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ބުނެ، އޭނާ ކިޔައިދިން ގޮތުގައި ގާތްގަނޑަކަށް ކޮންމެ މަހަކު އެއް ފަހަރު އެ ސައިޓަށް ގޮސް އެތަނުގެ މަސައްކަތްދާ ގޮތް އެ މީހުން ބަލަ އެވެ. އެކަމަކު އެތަން ހުރީ އަވަސް ތާރީހެއްގައި ވަދެވޭ ގޮތަށް ނޫން ކަމަށް އޭނާ ބުންޏެވެ.
"ބޭރުން މަސައްކަތްތަކެއް ކޮށްފައި ހުއްޓަސް އެތެރޭގެ މަސައްކަތް ދަނީ ފިނި ހަކަ ސްޕީޑްގައި. ދެތިން މީހުން މަަސައްކަތުގައި އެ އުޅެނީ. ކިހިނެއް ނިންމާނީ."
ކޭ ޕާކް ރެޒިޑެންސަކީ ކޮރެއަން ސްޓައިލަކަށް ތަރައްގީކުރާ މިކްސް ޔޫސް ރެސިޑެންޝަލް އެޕާޓްމަންޓްތަކެކެވެ. ޖުމްލަ 14 ބުރީގެ އެ އިމާރާތުގައި 110 އެޕާޓްމަންޓް ހުރެ އެވެ. އެތަނުގެ މަސައްކަތް 2017 ގައި ފެށިއިރު އޭރު ލަފާކޮށްފައި އޮތީ 2020 ވަނަ އަހަރުގެ ތެރޭގައި އެތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ.
އެ ކުންފުނިން ފްލެޓް ގަތް މީހުން ގާތު އެންމެ ފަހުން ބުނެފައިވާ ގޮތުގައި އެތަންތަން ނިންމައި މި އަހަރުގެ ޑިސެމްބަރަށް ހަވާލުކުރެވޭނެ އެވެ.
އަކުވާ ވިޓާ ކަހަލަ ތަންތަނުން ފްލެޓް ގަތް މީހުންނަށް ވެސް ޖެހިފައި ވަނީ ހަމަ އެ ހާލެވެ. ފްލެޓްގެ މަސައްކަތް ދިގުލައިގެން ދިއުމުގެ ސަބަބުން އެ މީހުންނަށް ވަނީ ބޮޑު ބުރައަކަށްވެފަ އެވެ.
އެ ކުންފުނީގެ ވެބްސައިޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހުރީ 80 ޕަސެންޓް މަސައްކަތް ނިމިފަ އެވެ. ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓްތައް އެ ކުންފުނިން ހަދަމުން އައި ނަމަވެސް އެޕާޓްމަންޓްތަކާ ގުޅޭ އިތުރު އަޕްޑޭޓެއް އޭގެ ފަހުން ވެބްސައިޓުން ފެންނާކަށް ނެތެވެ.
އެ އެޕާޓްމަންޓްތަކާ ގުޅިގެން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ "ފައިނަލް ޓަޗަޕް" ގެ މަސައްކަތެވެ. އެ ތަނަށް ސެޕްޓެމްބަރު މަހު މީހުންނަށް ވަދެވޭ ވަރުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަކުވާ ވިޓާ ރެޒިޑެންސަކީ ޒަމާނާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާ ޖާގައިގެ ގޮތުން ބޮޑު އެޕާޓްމަންޓުތަކެކެވެ. އެއީ ދެ ކޮޓަރި، މެއިޑް ރޫމު އާއި ތިން ކޮޓަރި، މެއިޑް ރޫމު އަދި މީގެ އިތުރުން ޕެންޓްހައުސް ހިމެނޭ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ.
އަކުއާ ވީޓާގެ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުމެއް.
ފްލެޓްތައް މުއްދަތަށް ނިންމާލައި ހަވާލުނުކުރެވުނު މައްސަލައާ ގުޅިގެން އެ ކުންފުނިތަކުން ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތިތަކާ ހެދި މުއްދަތަށް ނުނިންމުނީ ކަމަށެވެ. އެކަމަކު މިއީ ކޮވިޑްގެ މާ ކުރިން ނިންމަން އެއްބަސްވި ފްލެޓްތަކެކެވެ. އެ މުއްދަތަށް ނުނިމި މުއްދަތު އިތުރުކުރަމުން ގޮސް ކޮވިޑްގެ ބަލިމަޑުކަމާ އެކު މި ފްލެޓްތަކުގެ މަސައްކަތް އިތުރަށް ލަސްވީ އެވެ.
ކޮވިޑާ އެކު އިމާރާތްކުރުމުގެ ސާމާނު ހޯދުމުގެ ދަތިތައް ވެސް ވަނީ ކުރިމަތިވެފަ އެވެ. ރާއްޖެއިން ބޭރުން ކޮންސްޓްރަކްޝަން ސާމާނު ގެނައުމުގައި އޮތް ދަތިތަކާ އެކު މި މަސައްކަތް އިތުރަށް މަޑުޖެހުނީ އެވެ. އެކަމަކު ފްލެޓް ގަތް މީހުން ގަބޫލުކުރާ ގޮތުގައި މި ތަންތަން ނުނިމުނީ ކޮވިޑްގެ ސަބަބުންނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
"މިއީ ކޮވިޑް އައުމުގެ މާކުރިން ނިންމަން ހަވާލުކޮށްފައި ހުރި ތަނެއް. ދެން ކިހިނެއްތޯ ކޮވިޑްގެ ސަބަބުން ނިންމުން ލަސްވާނީ. އެ މީހުންނަށް ތާރީހަށް ނުނިންމުނީމަ ދެން ކޮވިޑޭ ކިޔައިގެން މަސައްކަތް ލަސްކުރާ މަންޒަރު މިފެންނަނީ،" ދަ ގާޑެން ފްލެޓް ގަތް މީހަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެެވެ.
ފްލެޓްތަކުގެ މަސައްކަތްކުރިއަށްދާ ގޮތް އޮޅުން ފިލުވުމަށް ޖާހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް ނުލިބުނެ އެވެ. އެކަމަކު ޖާހުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ އަމާޒަކީ މި ޖުލައި އަށް ތަން ނިންމައި ހަވާލުކުރުމެވެ.
އެންސިސްގެ އައިރާ މިހާރު ހުރި ގޮތް: ގިނަ މަސައްކަތްތައް ހުރީ ނިމިފައި
އަކުވާ ވިޓާ އިން ވެސް ކޮވިޑްގެ ސަބަބުން މަސައްކަތް ލަސްވި ކަމަށް ބުނާއިރު އެ ކުންފުނިން މިހާރު ބުނަނީ ސެޕްޓެމްބަރަށް އެތަނަށް ވަދެވޭނެ ކަމަށެވެ.
އެންސިސް އިން މިިދިޔަ އޮކްޓޫބަރުގައި ބުނެފައި ވަނީ މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު އެތަން ވެސް އަދި ނިމިފައެއް ނުވެ އެވެ.
އެ ކުންފުނިން ބުނެފައިވާ ވަނީ ކޮވިޑާ ހެދި ފާއިތު މިވީ ދެ އަހަރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު ކަމަށާއި އެޕާޓްމަންޓްގެ މަސައްކަތްކުރަން ބޭނުންވާ ބައެއް ސާމާނު ރާއްޖެ އަށް ގެނައުމަށް ވެސް ދަތިވި ކަމަށެވެ.
އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ފްލެޓްތައް ނުނިންމައިގެން ވެސް އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވެފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. ފްލެޓްތައް ނުނިމި އެތައް އަހަރެއްވިޔަސް އެތަން ނިންމަން ދޭ މުއްދަތު އިތުރުކޮށްދޭން ކުންފުނިތަކުން އެދޭއިރަށް އިތުރުކޮށްދޭ މައްސަލަ ހޫނެވެ.
އެކަމާ ގުޅިގެން އެޗްޑީސީގެ އޮފިޝަލަކު، ވިދާޅުވީ ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކޮށްދެނީ އެ މީހުން ހުށަހަޅާ މައްސަލަތަކަށް ބެލުމަށް ފަހު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ޕްރޮޖެކްޓްތަކުގެ ބޮޑު ބައެއް ނިންމާފައި ހުންނަ ފަހުން، މަސައްކަތް ހަސްވުމުން އެހެން ޕާޓީއަކަށް އެ މަސައްކަތް ކުރަން ހަވާލުކުރިޔަސް އިތުރަށް މަސައްކަތް ލަސްވެ، ރައްޔިތުންނަށް އުނދަގޫވާ ކަމަށެވެ.
"ވަރަށް ބޮޑު ޕަސެންޓެއް ނިންމާފައި އޮތީމަ މަސައްކަތް ނިންމަން މި ފުރުސަތު ދެނީ. އެ މީހުން އަތުން އަތުލާފައި އެހެން ޕާޓީއަކާ ހަވާލުކުރިޔަސް އެބަ ޑިލޭވޭ ޕްރޮޖެކްޓް،" އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު އެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދަނީ ކުންފުނިތައް ބްލެކްލިސްޓުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭރުން މުއްދަތަށް ނުނިންމާ ކުންފުނިތަކަށް ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގައި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިޔަވަޅެއްގެ ގޮތުން އެޗްޑީސީން ބްލެކްލިސްޓު މިކުރަނީ. އޭރުން ދެން އެ ކުންފުނިތަކަށް ފުރުސަތު ނުލިބޭނެކަމުގެ ޔަގީންކަން އަރުވަން އަޅުގަނޑުމެން."
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ ތެރެއިން މިހާތަނަށް ނިންމާފައި ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނުން ހެދި ތިން އިމާރާތަކާއި ރެއިންބޯގެ ދެ އިމާރާތެއްގެ އިތުރުން މުނިހޯމްގެ އިމާރާތަކާއި އެފްޑަބްލިއު ކޮންސްޓްރަކްޝަނާއި ދަމާސް އަދި އެޕޯލޯގެ ދެ ތަނެވެ.
އެހެން ކުންފުނިތަކުން ތިން ހަތަރު ފަހަރަށް އާ ތާރީހުތައް ދީފި އެވެ. ބައެއް މީހުން ފްލެޓަށް ބޭނުންވާ ސާމާނު ގަނެ، އެތައް ވަނުމަށް އެތައް އުއްމީދެއް ކުރިޔަސް ލިބުނު ހިތްދަތިކަން މާ ބޮޑެވެ. އެމީހުން ތިބީ ފްލެޓަށް ވަދެވޭނެ އުއްމީދު ގެއްލި މާޔޫސްވެފަ އެވެ.
ފަހި ދިރިއުޅުމުގެ ހަ ޓަވަރުގެ ކޮންސްޓްރަކްޝަން ނިމިއްޖެ
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
ފްލެޓްތަކާމެދު އަނެއްކާވެސް އާ އުންމީދެއް، އާ ތާރީހެއް
ފްލެޓްތަކެއް ނުނިމޭ، ޝަކުވާތައް އިންތިހާގައި!
އަކުއަވީޓާ: އެންމެ ފަހުގެ މަސަައްކަތްތައް ކުރިއަށް
އެފްޑަބްލިޔު ރެޒިޑެންސްގެ އެޕާޓްމަންޓްތައް ހަވާލުކުރަނީ
އަކުއާ ވީޓާގެ ފްލެޓްތަކުގެ 80 ޕަސެންޓް ނިމިއްޖެ
ނައިފަރު ފްލެޓްތައް، ރަށްރަށަށް މުޅިން އާ ގޮތަކަށް
އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތައް ދޫކޮށްލަނީ
އައިލެންޑް އެކްސްޕާޓްގެ މީހުން ފުރަން ފަށައިފި