Roadha Mihaaru
ފަހި ދިރިއުޅުމުގެ ހަ ޓަވަރުގެ ކޮންސްޓްރަކްޝަން ނިމިއްޖެ

ފަހި ދިރިއުޅުމުގެ ހަ ޓަވަރުގެ ކޮންސްޓްރަކްޝަން ނިމިއްޖެ

10 އޮކްޓޯބަރ 2023

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ކަމަށް ފަހި ދިރުއުޅުން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ހަ ޓަވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމިފައިވާ ކަމަށް ފަހި ދިރުއުޅުން ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ، ހަ ޓަވަރުގެ ތެރެއިން ހަތަރު ޓަވަރެއްގެ ފިނިޝިން މަސައްކަތުގެ 60 ޕަސެންޓު ވެސް މިހާރު ނިންމާލާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ 32 ޓަވަރެއްގައި 4،000 ފްލެޓު ހަދާށެވެ. ކޮންމެ ޓަވަރެއްގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ.

އެ ޓަވަރުތައް އިމާރާތް ކުރަނީ ރެއިންފޯސްޑް ކޮންކްރީޓް ބޭނުންކޮށްގެންނެވެ. އެހެންވެ، ފުރަތަމަ ދެ ފްލޯ ފިޔަވައި، އެހެން ހުރިހާ ފްލޯއެއްގެ ސްޓްރަކްޗާ ހަދަނީ، ތައްގަނޑުތަކަށް ކޮންކްރީޓް އަޅައިގެންނެވެ. އެ ޓެކްނޮލޮޖީ ބޭނުން ކުރުމުން ކޮންމެ ފްލޯއެއްގެ ކޮންސްޓްރަކްޝަން މަސައްކަތް އާންމުކޮށް އެކަން ކުރާ ގޮތަށް ވުރެ 14-18 ދުވަސް އަވަސް ކުރެވެ އެވެ.

4،000 ފްލެޓްގެ އެތެރެ. ހަ ފްލެޓެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ވަނީ ނިންމާލާފައި-- ފޮޓޯ: ފަޔާޒް މޫސާ /  މިހާރު

4،000 ފްލެޓްގެ އެތެރެ. ހަ ފްލެޓެއްގެ ކޮންސްޓްރަކްޝަން މަސައްކަތް ވަނީ ނިންމާލާފައި-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސަރުކާރުން ކުރިއަށް ގެންދާ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ 2025 ގެ ކުރީކޮޅު އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ޕްރޮޖެކްޓަކަށް ބަހާލައިގެންނެވެ. ދެ ޕްރޮޖެކްޓް ވެސް ހަވާލު ކުރީ އިންޑިއާގެ ދެ ކުންފުނި، ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކުން ވެސް 16 ޓަވަރުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރަން އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ މިދިޔަ އޮގަސްޓް މަހު ހަވާލުކުރި އެވެ.