Roadha Mihaaru

ޖާހްގެ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ ހިފަހައްޓަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ފޭސް އެކެއްގައި "ދަ ގާޑަން" ފްލެޓްތައް އިމާރާތްކުރާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ޖާހުގެ ފައިސާތައް ހިފަހައްޓަން ކޯޓުން އަމުރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 އެޕްރީލް 2025

ހުޅުމާލޭ ފޭސް އެކެއްގައި "ދަ ގާޑަން" ފްލެޓްތައް އިމާރާތްކުރާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތިދުވަހު ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން ނެރުނު އަމުރުގައި ވަނީ ރާއްޖޭގައި ހުރި ބޭންކްތަކުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާ ހުރި ނަމަ އެ ހުރިހާ ފައިސާއެއް ހިފެހެއްޓުމަށެވެ.

ކޯޓުން އަމުރުކޮށްފައިވާ ބޭންކްތައް:

- ބޭންކް އޮފް ސިލޯން

- ބޭންކް އޮފް މޯލްޑިވްސް

- ހަބީބް ބޭންކް ލިމިޓެޑް

- މޯލްޑިވްސް އިސްލާމިކް ބޭންކް

- ސްޓޭޓް ބޭންކް އޮފް އިންޑިއާ

- ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް)

- ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް

އެ ބޭންކްތަކުގައި ޖާހް އިންވެސްޓްމަންޓްގެ ނަމުގައި އެކައުންޓެއް ހުޅުވާފައިވާ ނަމަ، އެ އެކައުންޓެއްގެ ތަފްސީލާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު އެކަން މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް އެންގުމަށް އެ އަމުރުގައިވެ އެވެ.

އެކަމަކު މި އަމުރު ނެރުނީ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނޫނެވެ.

"ދަ ގާޑަން" ގެ ނަމުގައި އެ ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެމުން އައިސް އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. އެކަމަކު އެ މުއްދަތަށް ވެސް ތަން ނިންމާފައި ނުވާތީ އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.

އެ ފްލެޓްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް ކުންފުނިން ބުނާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. އެތަނުގައި 27 ސުއިޓާއި 54 ވިލާ ހިމެނޭ ގޮތަށް ޖުމްލަ 83 ލަގްޒަރީ ޔުނިޓް އަޅަމުން އަންނައިރު އެތަންތަން އެޑްވާންސްކޮށް ވިއްކައި މީހުންގެ އަތުން ވަނީ ފައިސާ ނަގައިފަ އެވެ.

ބައެއް މީހުން ބޮޑެތި ލޯނުތައް ނަގައިގެން ވެސް އެ ތަންތަނުން ފްލެޓް ގަތެވެ. ބޮޑު އިންޓަރެސްޓެއްގައި ލޯނު ދައްކަމުން، މިހާރު ކުއްޔަށް އުޅޭ ތަންތަނަށް ކުލި ދައްކަމުން، ބޮޑު ތަކުލީފެއް އުފުލަމުން ޖެހިފައިވާ ކަމަށް އެޕާޓްމަންޓް ގަތް މީހުން ބުނެފައިވެ އެވެ.

އެޕާޓްމަންޓްތައް ނިންމައި ހަވާލުކުރާނެ ކަމަށް ބުނެ އެކި ތާރީހުތައް އެ މީހުންނަށް ޖާހު ކުންފުނިން ދިނެވެ. އެ ފްލެޓްތައް ނުނިމި ދިގުލައިގެން ގޮސް، އެ މީހުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.