Roadha Mihaaru
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"

ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން: ހަލީލް

19 އޯގަސްޓް 2024

ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތީ މީގެ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތީ މީގެ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.

އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް ދައްކަވާފައިވާތީ ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށެވެ.

މީޑިއާތަކުގައި އެ ހަބަރު ރިޕޯޓު ކުރުމުން ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓް، 2018 ގައި ކަމަށާއި ފްލެޓު ގަންނަން ބޭނުންވާ އިތުރު ފައިނޭންސް ހޯދީ ބީއެމްއެލް އިސްލާމިކްގެ ފެސިލިޓީއަކުން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. އަދި އެ ފްލެޓަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 1.4 މިލިއަން ރުފިޔާ ނުދެއްކި ބާކީ އޮތް ކަމަށް ވެސް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.

ހަލީލަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މި ސަރުކާރުގެ މިނިސްޓަރަކަށް ހަމަޖެއްސުމުގެ ކުރިން އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.