Roadha Mihaaru
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް

މާލޭގެ ރަށްވެހިން ކަމަށް ބަލާ މިންގަނޑު އުވައިލަން ކޯޓަށް!

28 ޖޫން 2022

މާލޭ ސަރަހައްދުން ދޭން ނިންމާފައިވާ ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އުވައިލުވުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ ސަރަހައްދުން ދޭން ނިންމާފައިވާ ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އުވައިލުވުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

ގޯތި ދޫކުރާ އުސޫލުގައިވާ ގޮތުން، މާލޭގެ މީހުން ކަމަށް ބަލާނީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓަރީވެފައި ނެތް މީހުންނަށެވެ.

އެ އުސޫލުގެ ސަބަބުން މާލޭގެ ބައެއް މީހުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން ދަނީ ގާނޫނީ ވަކީލު ޝިހާދު އިބްރާހިމެވެ.

އޭނާ މިއަދު ވިދާޅުވީ، މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ކޮންމެ މީހަކީ މާލޭގެ މީހެއް ކަމަށާއި ވަކި ކަމެއްގައި މާލޭ ރައްޔިތުކަން ވަކި ގޮތަކަށް މާނަކޮށް، ހައްގުތައް ހަނި ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އަންނަ އާދިއްތަ ދުވަހު މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ޝިހާދު ވިދާޅުވި އެވެ.

"ދުސްތޫރީ މައްސަލައެއް ވީމާ އަޅުގަނޑުމެން ތައްޔާރުވާން ވެސް ވަގުތު ނަގާނެ. މިހާރު އުސޫލު އޮތްގޮތުން ހަމައެކަނި ދަފްތަރު މީހުންނަކަށް ނޫން މި ހައްގު ނުލިބެނީ،" އޭނާ ވިދާޅުވި އެވެ.

ޝިހާދު ވިދާޅުވި ގޮތުގައި، ބައްޕަގެ ރަށަށް ކުއްޖާ ރަޖިސްޓަރީ ކުރަން ޖެހޭ ގޮތަށް ކުރިން އޮންނަނީ މާލޭގެ މީހުންނާ އިނދެގެން ލިބިފައިވާ ކުދިން ވެސް ރަޖިސްޓަރީ ކުރަނީ ބައްޕަ ނިސްބަތްވާ ރަށަކަށް ވާ ނަމަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ވެސް އޭރު ރަޖިސްޓަރީކުރި މީހުން އެބަތިބި ކަމަށާއި މިހާރު އުސޫލު އޮތް ގޮތުން އެ މީހުންނަށް ވެސް ފުރުސަތު ގެއްލޭ ކަމަށް ވިދާޅުވި އެވެ.

"މާލޭ އަންހެނުން އެހެން ރަށެއްގެ ފިރިހެނަކާ އިނދެގެން ލިބިފައި ތިބި ކުދިން އެބަތިބި. އޭރު ބައްޕަގެ ރަށަށް ރަޖިސްޓަރީ ވާން ޖެހޭތީ އެ ކުދިން ބައްޕަގެ ރަށަށް ރަޖިސްޓަރީ ވިޔަސް ފަހުން މާލެ އަށް ރަޖިސްޓަރީވެފައި ތިބި މީހުން ވެސް އެބަތިބި. އެކަމަކު މިހާރު އެހެން އޮތީމާ [އުސޫލު] އެ މީހުންނަށް ފުރުސަތެއް ނުލިބޭ ގޯއްޗަށް ކުރިމަތިލާން،" ޝިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުމަކީ މާލޭގެ މީހުންނާ ޖައްސާލައި އަމިއްލަ ފައިދާ އަށް ކަމެއް ކުރުން ނޫން ކަމަށެވެ.

"އަޅުގަނޑަކީ މާކުރިން ހުޅުމާލެ އިން ބިމެއް ގަނެގެން އުޅޭ މީހެއް. އެހެންވީމާ އަޅުގަނޑުގެ ފައިދާއަކަށް ނޫން މި އުޅެނީ. އެހެން ބައެއްގެ ހައްގުތައް ގެއްލޭތީ އެ ގޮތް ގޯސް ކަމަށް އަޅުގަނޑަށް ފެންނާތީ މި މައްސަލަ ހުށަހަޅަނީ. މާލޭ މީހުންނަށް ގޯތި ލިބޭތީ މައްސަލައަކަށް ހަދާކަށް ނޫޅެން،" ފާޑުކިޔުންތަކާ ގުޅިގެން ޝިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2011 ގައި މާލޭގެ މީހުންނަށް ބިން ވިއްކިއިރު އެ އުސޫލު ނެތް ކަމަށެވެ.

މާލެއިން 40 އަހަރު ފަހުން ގޯތި ދޫކުރަން ނިންމާވަނިކޮށް، އެ މައްސަލަ ކޯޓަށް ހުށަހަޅަން އުޅޭތީ ވެސް މައްސަލަ ހޫނުވި އެވެ.

މާލޭގެ ބައެއް މީހުން ބުނެފައި ވަނީ ރަށްރަށުން ގޯތި ދޫކުރާއިރު މާލޭގެ މީހުންނަށް އެ ތަންތަނަށް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންވެ، އެ މީހުން ދެކޭގޮތުގައި މާލޭގައި އިމާރާތްކުރާ ފްލެޓާއި ބިންތަކުން ރަށްރަށުގެ މީހުންނަށް ބައި އަޅާކަށް ނުޖެހެ އެވެ.

ސަރުކާރުން މިހާރު ހުޅުވާލާފައިވާ 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެމްބަރު 26 ގެ ނިޔަލަށެވެ.