Roadha Mihaaru
ރަޝިއާ، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާނެ

ރަޝިއާ އިން ވަރަށް އަވަހަށް ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާނެ

03 މެއި 2022

ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަހު – މެއި 9 – ގެ ރަސްމިއްޔާތުތަކުގެ ތެރޭގައި، ރަޝިޔާ އިން ރަސްމީކޮށް ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާނެ ކަމަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނަން ފަށައިފި އެވެ.

ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަހު – މެއި 9 – ގެ ރަސްމިއްޔާތުތަކުގެ ތެރޭގައި، ރަޝިޔާ އިން ރަސްމީކޮށް ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރާނެ ކަމަށް، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނަން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހުގެ ވަގުތުގައި ރަޝިޔާ ސިފައިން، އެއްގަމާއި ވަޔާއި ކަނޑުމަގުން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށީ، އަސްކަރީ ޚާއްސަ ހަރަކާތްތަކެއްގެ ނަމުގަ އެވެ. އެ ހަމަލާތަކަށް ދެ މަހާއި ބައި ވެގެން ދިޔައިރު ވެސް، އެއީ ހަނގުރާމައެއް ކަމަށް ރަޝިޔާ އިން އެއްބަހެއް ނުވެ އެވެ.

ރަޝިޔާ އިން ރަސްމީކޮށް ހަނގުރާމަ އިއުލާންކުރުމުން، އެ ގައުމުގެ ރިޒާވް ސިފައިންގެ ލަޝްކަރު ޚިދުމަތަށް ނެރެވޭނެ އެވެ. އޭރުން ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާކޮށް، ރަޝިޔާ ސިފައިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ރަޝިޔާގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގެ ތެރޭގައި، މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ގައުމާ މުޚާޠަބުކުރައްވާނެ އެވެ. އެ ދުވަހު ޕުޓިން ދެއްވާ ތަގުރީރުގައި ޔޫކްރޭންގައި މިހާރު ހިންގަމުންދާ އަސްކަރީ ޚާއްސަ ހަރަކާތްތަކުގެ ކާމިޔާބީ އިއުލާންކުރުން، ނުވަތަ ޔޫކްރޭނާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާންކުރުން އޮންނާނެ އެވެ.

ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރަޝިޔާ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، މިމަހުގެ 9 ވަނަ ދުވަސް އައުމުގެ ކުރިން، ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ އިރުމަތީ ސަރަހައްދު، ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށެވެ. އޭގެ އިތުރުން ދެކުނުން ކަޅުކަނޑުގެ އައްސޭރީގައި އޮންނަ، ޔޫކްރޭންގެ ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި ކަމަށްވާތީ، އިރުމަތީ ސަރަހައްދުން ފެށިގެން، ދެކުނުގައި އޮތް ކްރީމިއާއާ ހަމައަށް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް ވެސް ރަޝިޔާ ސިފައިން ބޭނުންވެ އެވެ.

އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލަސް ބީބީސީ އަށް ވިދާޅުވި ގޮތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހާރު މަސައްކަތް ކުރައްވަނީ، ޔޫކްރޭނާ ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާންކުރުމަށް ރަނގަޅު ބަހަނާއެއް ހޯދުމަށެވެ. ހިޓްލަރާއި ނާޒީންގެ އަމަލުތައް ޔޫކްރޭނާ ގުޅުވައިގެން ވާހަކަތައް ފެތުރުމަށް ފަހު، ނާޒީންނާ ދެކޮޅަށް ހަނގުރާމަކުރަން ޖެހިއްޖެ ކަމަށް ވިދާޅުވެ، ރަސްމީކޮށް ހަނގުރާމަ އިއުލާން ކުރެއްވުމަށެވެ.