Roadha Mihaaru
އަޑިގަނޑުން އަރައިގަންނަން ބަންގްލަދޭޝް ބަލިކުރަން ޖެހޭ

ވެއްޓިފައި އޮތް އަޑިގަނޑުން އަރައިގަންނަން ބަންގްލަދޭޝް ބަލިކުރަން ޖެހޭ: އަކުރަމް

24 މާޗް 2022

ސާފް ޗެމްޕިއަންޝިޕާ އަދި މަހިންދަ ރާޖަޕަކްސާ މުބާރާތުން ނާކާމިޔާބާ ކުރިމަތިވުމުން ގައުމީ ފުޓުބޯޅަ އޮތީ އަނޑަގަނޑަކަށް ވެއްޓިފައި ކަމަށާއި އެ އަޑިގަނޑުން އަރައިގަންނަން ބަންގްލަދޭޝްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން ކޮންމެހެން މޮޅުވާން ޖެހޭ ކަމަށް، ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާފް ޗެމްޕިއަންޝިޕާ އަދި މަހިންދަ ރާޖަޕަކްސާ މުބާރާތުން ނާކާމިޔާބާ ކުރިމަތިވުމުން ގައުމީ ފުޓުބޯޅަ އޮތީ އަނޑަގަނޑަކަށް ވެއްޓިފައި ކަމަށާއި އެ އަޑިގަނޑުން އަރައިގަންނަން ބަންގްލަދޭޝްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުން ކޮންމެހެން މޮޅުވާން ޖެހޭ ކަމަށް، ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނެފި އެވެ.

މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ 18 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ޓީމު އަތުން ބަލިވެފަ އެވެ.

"އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރާ ގޮތުގައި ވަރަށް ބޮޑު އަޑިގަނޑަކަށް ވެއްޓިފައި މިއޮތީ އަޅުގަނޑުމެންގެ ފުޓުބޯޅަ،" ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ.

"މި އަޑިގަނޑުން އަރައިގަތުމަށާ އަދި ކުރިއަށް އޮތް ތަނުގައި ކޮލިފައިން އަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް ލިބޭނެ މުހިންމު މެޗެއް މިއީ. އެހެންވީމަ ވރަށް މުހިންމު ކަމެއް ދިވެހި ޓީމު މޮޅުވެގެން ދަނޑުން ފައިބައިގެން ދިއުން."

ސާފް ޗެމްޕިއަންޝިޕާއި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ކުރިމަތިވި ނާކާމިޔާބުގައި ސަޕޯޓަރުންނަށް ލިބުނު ހިތްދަތި ކަމުން ހިތްހަމަޖެހުމެއް ހޯދައިދިނުމުގެ ގޮތުން ވެސް މިރޭގެ މެޗު ކާމިޔާބު ކުރުމުގެ މުހިންމުކަން ކުޅުންތެރިންނަށް އިހްސާސް ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ކެޕްޓަން އަކްރަމް އަނބްދުލް ގަނީ އާއި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ކެޕްޓަން އަކްރަމް އަނބްދުލް ގަނީ އާއި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން --- ފޮޓޯ: އެފްއޭއެމް

ދިގު މުއްދަތަކަށް ފަހު ބަންގްލަދޭޝް އަތުން ބަލިވެފައިވުމުން، މިރޭގެ މެޗަށް ނުކުންނަނީ އެ މެޗުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް 2018 ގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލި ކެޕްޓަން ބުންޏެވެ.

"އަޅުގަނޑުމެން މި ދެ ދުވަހު ވެސް މި ދައްކަނީ އެ ވާހަކަ. ބަންގްލަދޭޝް އަތުން 18 އަހަރު ފަހުން ބަލިވުމަކީ ދިވެހިން ދެކޭ ގޮތުގައި ވަރަށް ހަޑިކަމެއް. އެހެންވީމަ އެކަމަށް ބަދަލު ހިފުމުގެ ގޮތުން، އިންޝާ ﷲ އަޅުގަނޑުމެން ނުކުންނަނީ،" އަކުރަމް ބުންޏެވެ.

ލިބުނު ތިން ދުވަހުގައި ރަނގަޅު ތިން ޕްރެކްޓިސް ކުރެވުނު ކަމަށް އަކްރަމް ބުންޏެވެ. އޭނާ ބުނިގޮތުގައި ޖޫންގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވާން ވެސް މާ ދިގު މުއްދަތެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

"މިއީ ކޮލިފައިންގެ ކުރިން އަޅުގަނޑުމެން ކުޅޭނެ ހަމައެކަނި މެޗުހެން އަޅުގަނޑަށް ހީވަނީ،" އޭނާ ބުންޏެވެ.

މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.