Roadha Mihaaru
"މަޝްވަރާ ކުރެވިދާނެ، މަސްލަހަތު ދުލެއް ނުކުރެވޭނެ"

މަޝްވަރާ ކުރެވިދާނެ، މަސްލަހަތު ދުލެއް ނުކުރެވޭނެ: ޕުޓިން

23 ފެބުރުއަރީ 2022

ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް ގައުމުގެ މަސްލަހަތާއި ސަލާމަތީ ރައްކާތެރިކަން ދޫކޮށްލެވެން ނޯންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް ގައުމުގެ މަސްލަހަތާއި ސަލާމަތީ ރައްކާތެރިކަން ދޫކޮށްލެވެން ނޯންނާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޓީވީގެ ޒަރީއާއިން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްވި ކުރު ބަޔާނެއްގައި ޕުޓިން ވިދާޅުވި ގޮތުގައި، ރަޝިޔާގެ ގައުމީ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެންމެ ދަތި އުނދަގޫ ކަންކަމުގައި ވެސް މަޝްވަރާ ކޮށްގެން ހައްލު ހޯދުމަށް ރަޝިޔާ އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ހާލަތު ބަދަލުވަމުން ދަނީ ކިހާ އުނދަގޫ ގޮތަކަށް ކަން އަހަރެމެންނަށް އެބަ ފެނޭ. މިހާރު ހުރި ގޮންޖެހުންތަކުން ކުރިމަތިވަނީ ކިހާ ނުރައްކާތަކެއްކަން ވެސް އެބަ ފެނޭ. ހަތިޔާރު ފެތުރުން ހުއްޓުވުމުގެ ނިޒާމު ބަލިކަށިވުމާއި، ނޭޓޯ ޖަމާއަތުގެ އަސްކަރީ ހަރަކާތްތައް އިތުރުވުމަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް،" ރައީސް ޕުޓިން ވިދާޅުވި އެވެ.

"ހަމަ އެއާއެކު، ހުރިހާ ގައުމުތަކެއް އިތުބާރާއެކު ހިމާޔަތްކޮށްދޭނެ ބައިބައިވުމެއް ނެތް އަދި ހުރިހާ ގައުމުތަކަކަށް ހަމަހަމަ ގޮތެއްގައި ސަލާމަތީ ރައްކާތެރިކަން ލިބިދޭ ނިޒާމެއް ގާއިމުކުރުމަށް ރަޝިޔާ އިން ގޮވައިލި ގޮވައިލުމަށް އަދިވެސް ޖަވާބެއް ނުލިބޭ."

ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ އިން މަޝްވަރާ ކުރާނީ ވަކި ކަހަލަ ކަންތަކެއްގައެއް ނޫނެވެ. ގައުމީ މަސްލަހަތާ ފުށުނާރާ އަދި ގައުމުގެ ސަލާމަތާއި މިނިވަންކަމަށް ގެއްލުމެއް ނެތް ކޮންމެ ކަމެއްގައި މަޝްވަރާ ކުރުމަކީ ރަޝިޔާ އިން ވަރަށް އިހުލާސްތެރިކަމާއި ކުރަން ބޭނުންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަށް ރަޝިޔާ ސިފައިން ފޮނުވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމެވުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން އިއްޔެ ވަނީ އަޅައިފަ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، ރަޝިޔާގެ އެއްވެސް ވިޔަފާރި ކުންފުންޏަކާ އެކުގައި މާލީ އަދި ވިޔަފާރީގެ މުއާމަލާތެއް ހިންގުމާއި ލޯނުދިނުން އެމެރިކާގެ ގާނޫނު ހިނގާ އެއްވެސް މުއައްސަސާއަކަށް މަނާވާނެ އެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން، ޔޫރަޕާއި ރަޝިޔާއާ ދެމެދު ކުރާ މާލީ މުއާމަލާތްތަކަށް ވެސް ހުރަސް އެޅިގެންދާނެ އެވެ.