Roadha Mihaaru
ރަޝިޔާ އަށް މާލީ އެހީ ދިނުން އެމެރިކާއިން މަނާކޮށްފި

ރަޝިޔާ އަށް މާލީ އެހީ ދިނުން އެމެރިކާ އިން މަނާކޮށްފި

23 ފެބުރުއަރީ 2022

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަށް ރަޝިޔާ ސިފައިން ފޮނުވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމެވުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން އަޅައިފި އެވެ.

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އަށް ރަޝިޔާ ސިފައިން ފޮނުވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނިންމެވުމާ ގުޅިގެން، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން އަޅައިފި އެވެ.

ރަޝިޔާ ސިފައިން އެ ދެ ޖުމްހޫރިއްޔާ އަށް ފޮނުވުމަށް ރައީސް ލަޑިމިއާ ޕުޓިން ނިންމެވީ، އެ ދެ ޖުމްހޫރިއްޔާއަކީ މިނިވަން ދެ ދައުލަތް ކަމަށް ރަޝިޔާ އިން އިގުރާރުވެ، އެ ދެ ޖުމްހޫރިއްޔާގެ ވެރިންނާ އެކުގައި މުއާހަދާއެއްގައި ސޮއިކުރެއްވުމަށް ފަހު އެވެ. އެ މުއާހަދާ އިން ބާރު ލިބިގެން ރަޝިޔާ ސިފައިން އެ ދެ ޖުމްހޫރިއްޔާ އަށް ފޮނުވީ ސުލްހަ ގާއިމުކުރާ ލަޝްކަރެއްގެ ގޮތުގަ އެވެ.

ރަޝިޔާގެ މި ނިންމުން ކުށްވެރިކޮށް، އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ރަޝިޔާ ސަރުކާރު ޖާމިނުވާ ގޮތަށް އެ ގައުމަށް ނުވަތަ އެ ގައުމުގެ އެއްވެސް ކުންފުންޏަކަށް އެއްވެސް ދަރަންޏެއް ނުދިނުމެވެ. އަނެއް ކަމަކީ، ރަޝިޔާގެ އެންމެ ބޮޑު މާލީ ދެ މުއައްސަސާއާ އެކުގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގުމެވެ. އޭގެ ތެރޭގައި ރަޝިޔާގެ އަސްކަރީ ބޭންކު ވެސް ހިމެނެ އެވެ.

"މީގެ މާނައަކީ ހުޅަނގުގެ މާލީ މުއާމަލާތްތަކުން އަހަރެމެން މިވަނީ ރަޝިޔާ ވަކިކޮށްލާފައި. އެމީހުންނަށް ދެން ހުޅަނގުގެ ގައުމުތަކުން ފައިސާއެއް ނުހޯދޭނެ. އަހަރެމެންގެ ބާޒާރުތަކުން ވެސް އަދި ޔޫރަޕްގެ ބާޒާރުތަކުން ވެސް އެ މީހުންނަށް ދެން އިތުރު ދަރަންޏެއް ވެސް ނުހޯދޭނެ،" ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އެޅި ފިޔަވަޅުތަކާ ބެހޭ ގޮތުން ދެއްވި ކުރު ބަޔާނުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި އެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އަހަރެމެން އެބަ އަޅަން، ރަޝިޔާ ސަރުކާރުގެ އިސް ވެރިންނަށާއި އެމީހުންގެ އާއިލާތަކާ ދެކޮޅަށް ވެސް. އެ މީހުންނަކީ ކްރެމްލިންގެ ފަސާދަވެފައިވާ ސިޔާސަތުން ހޯދާ މަންފާތައް ހިއްސާވާ ބައެއް. އެހެންވީމާ، ކްރެމްލިންއަށް މި ދެވޭ އަދަބު އެމީހުން ވެސް ތަހައްމަލް ކުރަންޖެހޭނެ."

ރަޝިޔާ އިން ޔޫކްރޭންގެ އިރުމަތީ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ގަބޫލުކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ރައީސް ބައިޑެން ވަނީ އެ ދެ ޖުމްހޫރިއްޔާއާ އެކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުން މަނާކުރާ ގަރާރެއް ނެރުއްވައިފަ އެވެ. ރައީސް ބައިޑެން އިއްޔެ ނެރުއްވި ގަރާރުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ސީދާ ރަޝިޔާ އަށެވެ.

ބައިޑެން ވިދާޅުވި ގޮތުގައި ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ދެ ޖުމްހޫރިއްޔާއެއްގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް އެ ސަރަހައްދަށް ސިފައިން ފޮނުވުމަކީ، ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދިނުމުގެ ފެށުމެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހޭންސް ސްޓޮލެންބާގް ވެސް ވިދާޅުވީ، މިހާރު ރަޝިޔާގެ ފަރާތުން ފެންނަ ހުރިހާ އަލާމާތްތަކެއް ވެސް ރަމްޒުކޮށްދެނީ، ޔޫކްރޭނާ ދެކޮޅަށް ފުރިހަމަ މާނައިގެ ހަނގުރާމައެއް ފެށުމަށް ރަޝިޔާ ރާވަމުންދާ ކަމެވެ.

އެމެރިކާ އާއި ހުޅަނގުގެ އެ ތުހުމަތުތައް ރަޝިޔާ އިން ދޮގުކުރެ އެވެ. ނަމަވެސް ނޭޓޯގައި ބައިވެރިވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް ރަޝިޔާ އަބަދުވެސް ދެކޮޅު ހަދަ އެވެ.