Roadha Mihaaru

ތިން ވަނަ ބޮޑު ހަނގުރާމައެއް ވެސް ފެށިދާނެ: ބައިޑަން

27 ފެބުރުއަރީ 2022

ޔޫކްރޭނާ ދެކޮޅަށް ރަޝިއާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގައި އަމަލުކުރެވޭނެ އޮތީ ދެ ގޮތެއް ކަމަށާއި އެއް ގޮތަކީ ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ، ތިން ވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިއާ އިން ފަށާފައިވާ ހަނގުރާމަ ހުއްޓުވުމުގައި އަމަލުކުރެވޭނެ އޮތީ ދެ ގޮތެއް ކަމަށާއި އެއް ގޮތަކީ ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ، ތިން ވަނަ ބޮޑު ހަނގުރާމަ ފެށުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ބްލޮގަރުު ބްރަޔަން ޓޭލާ ކޮއެން އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ބައިޑެން ވިދާޅުވީ، މިހާރުން މިހާރަށް ރަޝިއާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވެ ތިން ވަނަ ބޮޑު ހަނގުރާމަ ނުފަށާ ނަމަ، ކުރަން އޮތް ފުރަތަމަ ކަމަކީ، ރަޝިއާ އަށް ދަތިކުރުން ކަމަށެވެ. އަދި ރަޝިއާ އިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނީ ހަމަލާތަކަށް ކުރު މުއްދަތުގައި ވެސް އަދި ދިގު މުއްދަތުގައި ވެސް، ރަޝިއާ އިން ވަރަށް ބޮޑު އަގެއް އަދާކުރަންޖެހޭނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ރައީސް ބައިޑެންގެ މި އިންޓަވިއު މިހާރު ވަނީ ޔޫޓިއުބްގައި އާންމުކޮށްފަ އެވެ.

ރައީސް ބައިޑެން ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ވަގުތުން އޭގެ ނަތީޖާ ފެންނާނެ ފިޔަވަޅުތަކެއް ނޫނެވެ.

"ނަމަވެސް އަހަރެން ދެކޭ ގޮތުގައި މި ފިޔަވަޅުތަކަކީ ދުނިޔޭގެ ތާރީޚުގައި ވެސް އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް މިހާ ފުޅާގޮތެއްގައި އަޅާ ފުރަތަމަ ފިޔަވަޅުތައް. [ރަޝިއާގެ އަމަލުތަކަށް] ކުރު މުއްދަތުގައި ވެސް އަދި ދިގު މުއްދަތުގައި ވެސް، ހާއްސަކޮށް ދިގު މުއްދަތަކަށް ރަޝިއާ އިން އެކަމުގެ އަގު އަދާކުރާނެ."

ބައިޑެން ވިދާޅުވި ގޮތުގައި ރަޝިއާ އިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ގެއްލުމާއި ނުރައްކާތައް ކުރިމަތިވާނީ ޔޫރަޕަށް އެކަންޏެއް ނޫނެވެ. މުޅި ޕެސިފިކް ސަރަހައްދަށާއި ދެކުނު ކޮރެއާ އާއި ޖަޕާނާއި އޮސްޓްރޭލިޔާ އަށް ވެސް މި ހަނގުރާމައިގެ ނުރައްކާތަކާއި ގެއްލުންތައް ކުރިމަތިވާނެ އެވެ.

ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ އަމާޒަކީ ނޭޓޯ އާއި ވިލާތުގެ ގައުމުތައް އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުން ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އަދި މިއަދު ވެސް ނޭޓޯ އާއި ވިލާތުގެ ގައުމުތައް އޮތީ ވަރަށް ބަދަހި ގުޅުމެއްގެ ތެރޭގައި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށީ، ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކުރި ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަމަށް ރަޝިއާ އިން އިއުތިރާފްވެ އެ ދެ ޖުމްހޫރިއްޔާގެ ވެރިންނާ އެކުގައި މުއާހަދާއެއްގައި ސޮއިކުރުމަށް ފަހު އެވެ.

ރަޝިޔާގެ ހަމަލަތަކުން ސަލާމަތްވުމަށް ޔޫކްރެއިން ބަޔަކު ދުވެފައި ދަނީ -- ފައިލް ފޮޓޯ: މިހާރު

ރަޝިޔާގެ ހަމަލަތަކުން ސަލާމަތްވުމަށް ޔޫކްރެއިން ބަޔަކު ދުވެފައި ދަނީ -- ފައިލް ފޮޓޯ: މިހާރު

އެ މުއާހަދާގެ ތިން ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަމާ ދެކޮޅަށް ޔުކްރޭނުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ރަޝިއާގެ ސިފައިން އެ ދެ ޖުމްހޫރިއްޔާ އަށް ފޮނުވާނެ އެވެ. އެދެ ސަރަހައްދަށް ރަޝިއާ ސިފައިން ފޮނުވުމަށް ފަހު، ޔޫކްރޭނާ ދެކޮޅަށް ހަމަލާތައް ދޭން ފެށީ، އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ތިބި ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ހިންގާ ގަތުލުއާންމުތައް ހުއްޓުވުމުގެ ނަމުގަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވާ ގޮތުގައި ޔޫކްރޭންގެ އިރުމަތީގައި ތިބި، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް ޔޫކްރޭންގެ ސަރުކާރުން ގަތުލުއާންމުތައް ހިންގާތާ މިހާރު އަށް އަހަރު ވެއްޖެ އެވެ. ޕުޓިން ވިދާޅުވީ ޔޫކްރޭންގެ ބިމުން އެއްވެސް ސަރަހައްދެއް ހިފަން ރަޝިއާ ބޭނުން ނުވާ ކަމަށާއި، މިހާރު ދެމުންދާ ހަމަލާތަކުގެ އަމާޒަކީ ޔޫކްރޭނުން އެ ގައުމުގެ އިރުމަތީގައި ހިންގާ އުދުވާނީ ހަރަކާތްތައް ހުއްޓުވައި، ޔޫކްރޭންގައި އޮތް ނާޒީ ސިޔާސަތުތަކަށް ހުއްޓުމެއް ގެނައުމެވެ.