Roadha Mihaaru
ހެކްކުރި މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ

ހެކްކުރި މައްސަލާގައި ރަޝިޔާއާ ދެކޮޅަށް އޮބާމާ ފިޔަވަޅު އަޅުއްވަނީ

16 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 16) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 16) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރުމުގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތައް ހެކްކުރި ކަމަށް ބުނާ މައްސަލަތައް ރަޝިޔާ އިން ދޮގުކުރެ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ހެކްކުރި ކަމަށް ބުނާ ވާހަކައަކީ "މޮޔަ ވާހަކަތަކެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އިންތިޚާބުން ނާކާމިޔާބުވުން ލިބުނު މާޔޫސްކަން ފޮރުވުމަށް ޑިމޮކްރެޓިކުން ދައްކާ ވާހަކައެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ރަޝިޔާ އިން ހެކްކުރަމުންދާކަން އެނގޭ އިރު ވައިޓްހައުސް އިން ފިޔަވަޅު ނޭޅުއްވީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ޝަކުވާ ކުރަންވީ އިންތިޚާބުން ހިލަރީ ކްލިންޓަން ބަލިވީމަތޯ ވެސް ވަނީ ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް އެމެރިކާ ސަރުކާރުކާރުން އޮކްޓޯބަރު މަހު ވެސް ވަނީ އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ރަޝިޔާ އިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ޖޫސޫސީ ފަރާތްތަކުން ވެސް ބުނެފައި ވަނީ ކްރެމްލިއަންއާ ގުޅުން އޮންނަ ފަރާތްތަކުން އިންތިޚާބު ހެކްކުރި ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ވައިޓްހައުސްގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވެފައި ވަނީ ސައިބާ ހަމަލާގެ ފަހަތުގައި ހުންނެވީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށެވެ.

އެމެރިކާގެ އެންޕީއާރު ރޭޑިއޯ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގައި އޮބާމާ ވިދާޅުވީ ބޭރުގެ އެއްވެސް ގައުމަކުން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ނަމަ އެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އަޅާނެ ފިޔަވަޅަކީ ކޮބައިކަމެއް ނޭނގެ އެވެ. ރައީސް އޮބާމާގެ ވެރިކަމުގެ ދެ ދައުރު ހަމަކުރައްވާ ޖެނުއަރީ 20 ގައި ވައިޓްހައުސް އިން ނުކުމެވަޑައިގަންނަވާނެ އެވެ.