Roadha Mihaaru
އެމެރިކާ އިން އެޅި ފިޔަވަޅުގެ ބަދަލެއް ނުހިފާނަން: ރަޝިޔާ

އެމެރިކާ އިން އެޅި ފިޔަވަޅާ އެއްވަރުގެ ބަދަލެއް ނުހިފާނަން: ރަޝިޔާ

30 ޑިސެމްބަރ 2016

މޮސްކޯ (ޑިސެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކޮށްފައިވާ ކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް އެޅި ޑިޕްލޮމެޓިކް ހަރުކަށި ފިޔަވަޅުތަކާ އެއްވަރުގެ ރައްދު ބަދަލެއް ދޭން ބޭނުން ނުވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ޑިސެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކޮށްފައިވާ ކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް އެޅި ޑިޕްލޮމެޓިކް ހަރުކަށި ފިޔަވަޅުތަކާ އެއްވަރުގެ ރައްދު ބަދަލެއް ދޭން ބޭނުން ނުވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން ވިދާޅުވީ ޑިޕްލޮމެޓިކް ގޮތުން އެމެރިކާ އަށް ރައްދު ދޭން ބޭނުން ނުވަނީ ޖެނުއަރީ 20 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާ ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާއާ އެކު އޮންނަ ގުޅުން އިތުރަށް ރަނގަޅުވާނެތީ ކަމަށެވެ. ޕުޓިން މިހެން ވިދާޅުވީ އެމެރިކާ އިން އެޅި ފިޔަވަޅުގެ ރައްދުގައި ރަޝިޔާ އިން ވެސް އެމެރިކާގެ 35 ޑިޕްލޮމެޓުން ފޮނުވާލުމަށް ޚާރިޖީ ވުޒާރާ އިން ޕުޓިންގެ އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ.

ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ރޭ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ 35 ޑިޕްލޮމެޓުން އެމެރިކާ އިން ފޮނުވާލުމާއި ރަޝިޔާގެ ދެ އިމާރާތެއް ބަންދުކުރުމާއި ރަޝިޔާގެ ނުވަ މުއައްސަސާއަކާއި ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުން ހިމެނެ އެވެ. ޑިޕްލޮމެޓުން އެމެރިކާ އިން ފޭބުމަށް ދީފައި ވަނި 72 ގަޑިއިރުގެ މުހުލަތެކެވެ.

އެމެރިކާގެ އިންތިޚާބު ހެކް ނުކުރާ ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ. އެކަމަކު ވައިޓްހައުސްގެ ބަޔާނުގައި ބުނެފައި ވަނީ އިންތިހާބު ހެކްކުރަން ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް ޖާސޫސީ އިދާރާތަކަށް ޔަގީން ކުރެވޭ އިރު މިއީ އެމެރިކާ އަށް ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

އިންތިހާބު ހެކްކުރި ކަމަށް ޓްރަމްޕް ވެސް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި މި މައްސަލާގައި އިތުރު ތަފްސީލް ހޯދުމަށް ޖާސޫސީ އިދާރާތަކުގެ އިސްވެރިންނާ އަންނަ ހަފުތާގައި ބައްދަލު ކުރާނެ ކަމަށެވެ.