Roadha Mihaaru
ސްޓާލިންގެ 100 ވަނަގޯލުން ސިޓީން ވުލްވްސް ބަލިކޮށްފި

ސްޓާލިންގެ 100 ވަނަ ގޯލާ އެކު މެންޗެސްޓާ ސިޓީން ވުލްވްސް ބަލިކޮށްފި

11 ޑިސެމްބަރ 2021

މެންޗެސްޓާ (ޑިސެމްބަރު 11) - މެޗުގެ ފަހު ހާފު އެއްކޮށް 10 ކުޅުންތެރިންނާ އެކު ކުޅުނު ވުލްވްސް އަތުން ހަނި ގޮތަކަށް މޮޅުވެ، މެންޗެސްޓާ ސިޓީން ލީގު އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ޑިސެމްބަރު 11) - މެޗުގެ ފަހު ހާފު އެއްކޮށް 10 ކުޅުންތެރިންނާ އެކު ކުޅުނު ވުލްވްސް އަތުން ހަނި ގޮތަކަށް މޮޅުވެ، މެންޗެސްޓާ ސިޓީން ލީގު އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

އަމިއްލަ ދަނޑުގައި މިރޭ ސިޓީން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ ރަހީމް ސްޓާލިންގެ ލަނޑުން، 1-0 އިންނެވެ. މި ނަތީޖާއާ އެކު ސިޓީ އަށް ވަނީ ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ކުރިން ސިޓީގެ ފަހަތުގައި އޮތް ލިވަޕޫލާއި ޗެލްސީ މިރޭ ކުޅޭ މެޗްތައް ކާމިޔާބުކޮށްގެން ވެސް ޕޮއިންޓުގެ ގޮތުން ސިޓީ ފަހަތަށް ޖައްސައި ނުލެވޭނެ އެވެ.

ވުލްވެސްގެ ކުޅުންތެރިއަކު މަދުވީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، އެ ޓީމުގެ ފޯވާޑް ރައުލް ހިމިނޭޒް އަށް 31 ސިކުންތު ތެރޭ ރެފްރީ ޖޯނަތަން މޮސް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ ކުރި ފައުލަކަށް ރެފްރީ ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، ދެވަނަ ރީނދޫ ޖާޑެއް ދެއްކީ އެ ފައުލްގައި ސިޓީއަށް ލިބުނު ހިލޭ ޖެހުން ފޮނުވާލި ވަގުތު ކައިރީގައި ހުރެ ބޯޅަ ބްލޮކް ކުރުމުންނެވެ.

ދެވަނަ ހާފުގައި ސިޓީގެ ހަމައެކަނި ލަނޑު ޖެހީ 66 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ރަހީމް ސްޓާލިން އެވެ. ސިޓީއަށް ޕެނަލްޓީ ދިނީ، ބެނާޑޯ ސިލްވާ ނެގި ހުރަހެއް ވުލްވްސް އަށް ކުޅޭ ޕޯޗުގަލްގެ ޔާއޯ މުޓީނިއޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ވީއޭއާރުގެ އެހީގަ އެވެ.

މި ގޯލަކީ ސްޓާލިން، 27، ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ލަނޑެވެ. ކެރިއަރު ފެށި ލިވަޕޫލަށް ލީގުގައި ކުޅެދިން 95 މެޗުން 18 ލަނޑު ޖެހިއިރު، މެންޗެސްޓާ ސިޓީއަށް ވަނީ މިހާތަނަށް 209 މެޗު ކުޅެ، 82 ލަނޑު ޖަހައިދީފަ އެވެ.

މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ސިޓިން ގޯލަށް ފަހު ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ނަމަވެސް ވުލްވްސްގެ ކީޕަރު ހޯސޭ ސާ ވަނީ ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. މީގެ އިތުރުން، އިލްކޭ ގުންޑޮގާން ފޮނުވާލި ހަމަލާއެއް ވުލްވެސްގެ ކެޕްޓަން ކޮނޯ ކޯޑީ ގޯލް ލައިން މަތިން ދިފާއު ކުރިއިރު، މެކްސް ކިލްމަން ވަނީ ފިލް ފޯޑެން ފޮނުވާލި ހަމަލާއެއް ވެސް ބްލޮކް ކޮށްފަ އެވެ. ޖެކް ގްރީލިޝް އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑާއި ވަޓްފޯޑް ބައްދަލުކުރި މެޗް ފަހަތުން އަރައި 2-1 އިން ކާމިޔާބު ކުރީ ބްރެންޓްފޯޑެވެ. ވަޓްފޯޑުން ފުރަތަމަ ހާފުގައި ނެގި ލީޑާ އެކު މެޗު ނިންމަން ދަނިކޮށް ބްރެންޓްފޯޑުން އެއްވަރު ކުރީ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށެވެ. އަދި މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ހަވަނަ މިނިޓުގަ އެވެ.