Roadha Mihaaru
ސިޓީ އަށް ވުރެ ޕްރެޝަރު ބޮޑީ ލިވަޕޫލަށް: ސްޓާލިން

ސިޓީ އަށް ވުރެ ޕްރެޝަރު ބޮޑީ ލިވަޕޫލަށް: ސްޓާލިން

02 މާޗް 2019

މެންޗެސްޓާ (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ޕްރެޝަރު ބޮޑީ އޭނާގެ ކުރީގެ ކްލަބް ލިވަޕޫލަށް ކަމަށް މެންޗެސްޓާ ސިޓީގެ ވިންގް ރަހީމް ސްޓާލިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި ޕްރެޝަރު ބޮޑީ އޭނާގެ ކުރީގެ ކްލަބް ލިވަޕޫލަށް ކަމަށް މެންޗެސްޓާ ސިޓީގެ ވިންގް ރަހީމް ސްޓާލިން ބުނެފި އެވެ.

މި ފަހަރު ލީގަށް އެންމެ ބޮޑަށް ވާދަކުރާ ދެ ޓީމަކީ ސިޓީ އާއި ލިވަޕޫލް އެވެ. ލީގުގެ ބާކީ 10 މެޗަށް ނުކުންނައިރު، ލިވަޕޫލް މި ވަގުތު އެއް ވަނަައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ލިވަޕޫލް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ސްޓާލިން ސޮއިކުރީ 49 މިލިއަން ޕައުންޑަށެވެ. ލިވަޕޫލުގައި ހޭދަކުރި އެންމެ ފަހު ސީޒަނުގައި ސްޓާލިން ވަނީ އެ ޓީމާ އެކު ލީގު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. އެއީ 2014 ވަަނަ އަހަރު، މިހާރު ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސްގެ ކޯޗުކަމުގައި ލިވަޕޫލުން ކުޅުނުއިރު އެވެ.

"އަހަރެން ލިވަޕޫލްގައި ހުރިއިރު ލީގު ހޯދަން އޮތް ޕްރެޝަރު ވަރަށް ބޮޑު. ސަޕޯޓަރުންގެ ފަރާތުން ވެސް އެ ޕްރެޝަރު ފެނުނު. އެކަމަކު މިހާރު ސިޓީގައި ކުޅޭއިރު އެއާ ތަފާތު. ލިވަޕޫލުގައި އަހަރެމެންނަށް ޕްރެޝަރު ބޮޑުވުމުން ކޮންޓްރޯލް އަތުގައި އޮތް ނަމަވެސް ލީގު ނުހޯދުނު. ފުރުސަތު ނަގާލެވުނީ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސްޓާލިން ބުންޏެވެ.

"ލީގު ހޯދުމުގެ ތަޖުރިބާ މިހާރު އޮތް ލިވަޕޫލް ސްކޮޑުގައި މަދު. އެއީ އެ ޓީމަށް ޕްރެޝަރު ބޮޑުވާނެ ސަބަބެއް."

މިދިޔަ އަހަރު ސިޓީން ވަނީ ގިނަ ރެކޯޑްތަކެއް މުގުރާލުމަށް ފަހު މާ ބޮޑު ޕްރެޝަރެއް ނެތި ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު މި ފަހަރު ލިވަޕޫލް ވަރަށް ބޮޑަށް ވަރުގަދަކޮށް ލީގަށް އަމާޒުހިފައިގެން ކުރާ މަސައްކަތުގެ ސަބަބުން ސިޓީ އަށް އުނދަގޫތަކެއް އެބަހުރި ކަމަށް ސްޓާލިން ވަނީ ބުނެފަ އެވެ.

"އަހަރެމެންނަށް މިދިޔަ އަހަރު ނެތް މާ ބޮޑު ޕްރެޝަރެެއް. މި ހިސާބަށް މިދިޔަ އަހަރު އައިއިރު ވަރަށް ހަމަޖެހިލައިގެންތިބީ. އެކަމަކު މިހާރު މަންޒަރު މިއޮތީ ވަރަށް އުނދަގޫކޮށް. ލިވަޕޫލުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން،" ސްޓާލިން ބުންޏެވެ.

ލީގުގެ ރޭހުގެ ފަހު މެޗުތަކަށް ނުކުންނައިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ޖެހޭނެ ކަމަކީ ވާދަކުރާ ޓީމުގެ ނަތީޖާތަކަށް ނުބަލައި އިތުބާރާ އެކު އަމިއްލަ ވިސްނުމުގައި ކޯޗުގެ ރޭވުންތަކާ އެއްގޮތަށް ކުޅުން ކަމަށް ސްޓާލިން ވަނީ ބުނެފަ އެވެ.

"އަހަރެމެންނަށް އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް. މަސައްކަތުގެ ރޭޓް ރަނގަޅުކޮށް މެޗަކަށް ފަހު މެޗަކުން މޮޅުވުން އޮތީ. އަމިއްލަ އަށް ކުރަން ހުރި ކަންތައްތަކަށް ފޯކަސް ކުރަންވީ. އިދިކޮޅަށް ނުކުންނަ ޓީމެއް ބަލިކުރަން. ކުރިއަށްދާންވީ މެޗަކަށް ފަހު މެޗެއްގެ ވިސްނުމުގައި. ދުރާލައި ތައްޔާރުވާންވީ މެޗެއް ނެތް،" އުމުރުން 24 އަހަރުގެ ސްޓާލިން ބުންޏެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ސިޓީ ރަށުންބޭރުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. އެ މެޗުން ސިޓީ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. އެއީ ލިވަޕޫލް ކުޅޭ މެޗު އޮންނާނީ މާދަމާރޭ ކަމަށް ވުމުންނެވެ. އެ މެޗުގައި ލިވަޕޫލް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.