Roadha Mihaaru
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން

އުފަލަށްވުރެ ބޮޑަށް ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން

30 ޑިސެމްބަރ 2024

ލެސްޓާ ސިޓީ ބަލިކުރުމުން، މެންޗެސްޓާ ސިޓީ އަށް ބޮޑު ލުޔެއް ލިބިފައިވާކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލެސްޓާ ސިޓީ ބަލިކުރުމުން، މެންޗެސްޓާ ސިޓީ އަށް ބޮޑު ލުޔެއް ލިބިފައިވާކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-0 ންނެވެ. ޓީމުގެ ލަނޑުތައް ޖެހީ ސަވީނިއޯ އާއި އާލިން ހާލަންޑެވެ.

ސިޓީއަށް މޮޅެއް މި ހޯދުނީ ފަސް މެޗަށް ފަހު އެވެ. އޭގެ ތެރެއިން ތިން މެޗުން އެ ޓީމު ބަލިވި އެވެ.

މެޗުން ތިން ޕޮއިންޓް ހޯދައި ހަމަނޭވާއެއް ލެވުމާ އެކު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މޮޅަކީ އެ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

"އަހަންނަށް ހީވަނީ މިއީ ލިބުނު އުފަލަކަށް ވުރެ ލުޔެއް ލިބުންހެން. 'ލުޔެއް' އެ ބަސް ބޭނުން ކުރިއްޔާ އެންމެ ރަނގަޅު ވާނީ،" މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

މެޗުން މޮޅުވިޔަސް، ސިޓީގެ ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަރެމެން ހީއެއް ނުކުރަން ލެސްޓާއިން މިހާ ވަރުގަދަ އަށް ވިއްދާނެކަމަކަށް. ވަރަށް ގިނަ ކަންކަން އަހަރެމެން ރަނގަޅު ކުރަން ޖެހޭ. ނަތީޖާ ރަނގަޅު ވަންޏާ އަހަރެމެންގެ ކުޅުން ވެސް ރަނގަޅު ކުރާނަން. އެއީ ހަމަ ޔަގީން ކަމެއް،" ގާޑިއޯލާ ބުންޏެވެ.

މި ސީޒަނުގައި ސިޓީގެ އެންމެ ވާދަވެރި ކްލަބެއްގެ ގޮތުގައި ފެންނަ ލިވަޕޫލުން ދޫދިނުމެއް ނެތި ދިޔައީ ކުރިއަށެވެ. މުހައްމަދު ސަލާހްގެ މޮޅު ކުޅުމާ އެކު އެ ޓީމުން ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް ކާމިޔާބު ހޯދީ 5-0 ގެ ބޮޑު ނަތީޖާ އަކުންނެވެ.

ތަފާތު ފޯމެއްގައި ހުރި ސަލާހް، ވަނީ މެޗުގައި އެއް ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ. އޭނާގެ އިތުރުން ލިވަޕޫލުގެ ލަނޑުތައް ޖެހީ ލުއިސް ޑިއާޒް އާއި ކޯޑީ ގަކްޕޯ، ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އަދި ޑިއޯގޯ ޖޯޓާ އެވެ.

ލިވަޕޫލުގެ ދެވަނަ ލަނޑު ޖަހަން ގަކްޕޯ އަށް އަދި ފަހު ލަނޑު ޖަހަން ޖޯޓާ އަށް ފުރުސަތު ތަނަވަސްކޮށް ދިނީ ސަލާހް އެވެ.

ލިވަޕޫލް އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.