Roadha Mihaaru
އިންޑިއާއިން ބޯޓުތަކަށް ނާދެވި ބާޒާރުން މުދާ ހުސްވެފައި

ކަނޑު ގަދަވުމުން އިންޑިއާ އިން ބޯޓުފަހަރު އައުން ދަތިވެ، ބާޒާރުން މުދާ ހުސްވެފައި

20 ނޮވެމްބަރ 2021

މި ސަރަހައްދުގެ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ ގެނައުން ދަތިވެ، ބާޒާރުން މުދާ ހުސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި ސަރަހައްދުގެ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ ގެނައުން ދަތިވެ، ބާޒާރުން މުދާ ހުސްވެއްޖެ އެވެ.

އިންޑިއާ އިން ގެންނަ ތަކެތީގެ ތެރެއިން ބާޒާރުގައި ބިސް، ފިޔާ، އަލުވި ކެބެޖު އަދި ކަރާ މިހާރު ވަނީ ހުސްވެފަ އެވެ. ނަމަވެސް ޕާކިސްތާނުން އެތެރެކުރި އަލުވި އެބަހުއްޓެވެ.

މާލޭގެ ބާޒާރުމަތީގައި ފިހާރަތައް ހިންގާ ވިޔަފާރިވެރިން "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި މުދާ ހުސްވީ ފާއިތުވި ހަފުތާގައި ކަނޑު ގަދަވުމުގެ ސަބަބުން މުދާ ގެންނަ ބޯޓުތަކަށް ރާއްޖެ އައުމުގައި ލަސްވުމުން ކަމަށެވެ. އޭގެ ތެރެއިން އެއް ބޯޓު، ދަތުރު ނުކުރެވިގެން އެނބުރި އިންޑިއާ އަށް ދިޔަ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

އެ މީހުން ބުނިގޮތުގައި މިއަދު އިންޑިއާގެ ބޯޓެއް ރާއްޖެ ބަނދަރު ކުރާނެ އެވެ. މިއާއެކު ބައެއް މުދާ މާދަމާ އިން ފެށިގެން ބާޒާރުން ލިބެން ހުންނާނެ ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

ލޯކަލް މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުނީ، މާދަމާ މުދާ ލިބުނު ނަމަވެސް އެ ތަކެތީގެ އަގު އުފުލޭނެ ކަމަށެވެ. އެހެންވެ، ކަރާ ކިލޯއެއްގެ އަގު ވެސް 25ރ. އަށް ވުރެ ބޮޑުވާނެ ކަމަށް އޭނާ ލަފާކުރެ އެވެ.

"ހުރިހާ އެއްޗެއް ވެސް ބޮޑުވާނެ. މިހާރު ދެން ހުސްވެފައި ހުރީމާ އެ ވިއްކާ އަގަށް ވުރެ ކުޑަވެދާނެ. އެކަމަކު އެވްރެޖުކޮށް ކުރިން ވިއްކި ވަރަށް ވުރެ އަގު ބޮޑުވާނެ. މި ހަފުތާ އެއްކޮށް މި ދިޔައީ މިގޮތަށް،" އޭނާ ބުންޏެވެ.

ބާޒާރުގައި ބިސް،، ފިޔާ، ކެބެޖު އަދި ކަރާ ހުސްވެފައި ހުރި ނަމަވެސް މާލޭގެ ބައެއް ފިހާރަތަކުން އަދި ވެސް މި ތަކެތި ލިބެން އެބަހުއްޓެވެ.