Roadha Mihaaru
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން

ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ އިންޑިއާ އާއެކު އޮތް ރަހުމަތްތެރި ގުޅުން: ޒަމީރު

06 އެޕްރީލް 2024

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދިނުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ގާތް ގުޅުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދިނުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ގާތް ގުޅުން ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ވަނީ 2024-2025 ވަނަ އަހަރަށް ވެސް، ދެ ގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭފައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ.

އަލަށް ދިން މުއްދަތުގައި އެތެރެކުރުމަށް ހުއްދަ ދިން އަދަދު ވެސް ވަނީ ކުރީގެ އެއްބަސްވުމުގެ އަދަދަށް ވުރެ ފަސް ޕަސެންޓަށް އިތުރުކޮށްފަ އެވެ.

އެކަމާ ގުޅިގެން އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ޒަމީރު އެކްސްގައި ވިދާޅުވީ މި ކަމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށެވެ.

"...އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެ ގައުމުން ވެސް ބޭނުންވާ މިންވަރު އަންގައިދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ހުއްދަދީފައިވާ ބާވަތްތަކުގެ ތަފްސީލު

ބިސް: 428 މިލިއަން

އަލުވި: 21،000 މެޓްރިކް ޓަނު

ފިޔާ: 36،000 މެޓްރިކް ޓަނު

ހަނޑޫ: 124،000 މެޓްރިކް ޓަނު

ފުށް: 109،000 މެޓްރިކް ޓަނު

ހަކުރު: 64،000 މެޓްރިކް ޓަނު

މުގު: 224 މެޓްރިކް ޓަނު

ހިލަ: އެއް މިލިއަން މެޓްރިކް ޓަނު

ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު

ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ޒަމީރު ފާހަގަކުރައްވާފައިވާއިރު، އިންޑިއާ އާއެކު ނުތަނަވަސްކަމެއް އުފެދިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ދެ ގައުމުގެ ގުޅުން މި ފަހުން އެންމެ ބޮޑަށް ގޯސްވީ، އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީޕް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ކެމްޕޭނެއް ފެށި، ސޯޝަލް މީޑިޔާގައި ހިނގި ވަރުގަދަ އަރައިރުމެއްގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ނިސްބަތްކޮށް ރާއްޖޭގެ ޑެޕިޔުޓީ މިނިސްޓަރުންތަކެއް ބަދުބަސްތަކެއް ރައްދުކުރުމުންނެވެ.

އެކަމާ އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއިރު، ދިވެހި ސަރުކާރުން ވަނީ އެކަމުގައި ތިން ޑެޕިޔުޓީ މިނިސްޓަރުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑުކޮށްފަ އެވެ. އެކަމަކު އޭގެފަހުން، ރާއްޖެ ބޮއިކޮޓު ކުރަން ގޮވާލައި އިންޑިއާގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ކުރި ވަރުގަދަ ކެމްޕޭނުގައި އެ ގައުމުގެ މަޝްހޫރު ތަރިންވެސް ވެސް ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅު ވަރުގަދަ ކެމްޕޭނެއްގެ މަތީގައި ވެރިކަމަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާ ސަރުކާރާ އެކު އެ މަޝްވަރާތައް ފަށައި، މިދިޔަ މަހު އިންޑިއާ ސިފައިންގެ ބަޔަކު އަނބުރާ ގެންގޮސްފަ އެވެ. މި މަހު ވެސް އެއް ބައި، އަދި އަންނަ މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބާ، އޭގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން އިންޑިއާއިން ހަދިޔާކޮށްފައިވާ އަސްކަރީ ވައިގެ އުޅަނދުތައް އޮޕަރޭޓުކުރަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.