11 މެއި 2024
ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ހިނގަމުން އަންނަނީ "ވަރަށް ރަހުމަތްތެރިކޮށް" ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ހިނގަމުން އަންނަނީ "ވަރަށް ރަހުމަތްތެރިކޮށް" ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގެންދިއުމާ އެކު، އެ އޮޕަރޭޝަންގެ މައުލޫމާތު މީޑިއާ އަށް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ދެ ފަރާތުން ހުށަހަޅާ ކަންތައްތަކަށް ދެ ފަރާތުން ވެސް އިޖާބަ ދީގެން ކުރިއަށް ދަނީ،" ދެ ގައުމުގެ ގާތް ގުޅުމާ ބެހޭ ގޮތުން ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ތާރީހީ ގޮތުން ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ހަނދާން އާ ކޮށްދެއްވި އެވެ. އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތް އިރު ވެސް އިންޑިއާގެ އެހީތެރިކަން ލިބުނުކަން ޒަމީރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ މިހާރު އޮތް އިރު މިހާ ހިސާބަށް ވެސް ރާއްޖެ އަށް އެހީތެރިވުމުގައި އެންމެ ގިނަ ދުވަސް ވަންދެން ދެމިއޮތީ އިންޑިއާ އެވެ. މިނިސްޓަރު ފާހަގަކުރެއްވި އެއްކަމަކީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތް ކުރުމުގައި ވެސް އިންޑިއާ އިން ލިބުނު އެހީތެރިކަމެވެ.
ޒަމީރު ވިދާޅުވީ، އުދުވާނީ ހަމަލައިން ރާއްޖެ ސަލާމަތް ކޮށްދިނުމަށް އިންޑިއާ އިން ފޮނުވި ސިފައިން ވެސް ދިވެހި ސަރުކާރުން އެދުމުން ނޮވެމްބަރު 1989 ގައި އަނބުރާ ގެންދިޔަ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޒަމީރު ވާހަކަ ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް
"އަދިވެސް ރާއްޖެ އަށް ދިމާވާ ކަންކަމުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވަނީ މި ސަރުކާރު ވެރިކަމަށް އައި ފަހުން ފުރަތަމަ ރަސްމީ ދަތުރެއްގައި މިިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް އިންޑިއާ އަށް ވަޑައިގެންފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ބޮޑު އިންތިހާބެއްގެ މެދުތެރޭގައި އިންޑިއާ މި ދުވަސްވަރު އޮތް އިރު ވެސް އެ ގައުމަށް ވަޑައިގަތުމުން ކިޔާފައި ވަނީ ވަރަށް ހޫނު މަރުހަބާއެއް ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގައި ބައްދަލުކުރައްވަނީ.
"އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވެސް ދިއްލީ އަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށް، އަޅުގަނޑާ އެކު މަޝްވަރާކޮށް، ކަންކަމުގައި އަޅުގަނޑުމެންނާ އެކު ކުރިއަށް ދާނެ މަގުތައް ރާވައި، މި ކަމުގައި ބައިވެރިވެފައި އަނެއްކާވެސް އެނބުރި ކެމްޕެއިނަށް ވަޑައިގަތީ. އެހެންވީމާ އަޅުގަނޑުމެންނާއި އިންޑިއާ އޮތީ ވަރަށް ގާތް ގުޅުމެއް،" ޒަމީރު ވިދާޅުވި އެވެ.
އޭނާ މިއަދު ވެސް ދެއްވި ޔަގީން ކަމަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވާ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ނުކުރާނެ ކަމެވެ. އިންޑިއާގެ ރަސްމީ ދަތުރުގައި އުޅުއްވަމުން އެ ގައުމުގެ މީޑިއާތަކުން ސުވާލު ކުރުމުން ވެސް ޒަމީރު ދެއްވީ އެ ޔަގީން ކަމެވެ. ވިދާޅުވީ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާ އަށް އިހާނެތިކޮށް ކުރިން ވާހަކަ ދައްކަވާފައިވީ ނަމަވެސް ދެން އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމަށެވެ.
އިންޑިއާއާ އެކު އެފްޓީއޭއެއް ހެދުމުގެ މަޝްވަރާތައް
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
އިންޑިއާއަށް ބަދުބަސް ބުނި މައްސަލަަ ތަކުރާރެއް ނުވާނެ
އެންމެ މަސްލަހަތު ހުރީ އެއްވިސްނުމަކަށް އައުން:އިންޑިއާ
ޒަމީރު އެންމެ އިސްކަން ދެއްވަނީ އިހުތިރާމް އިތުރުކުރަން
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ޒަމީރު، ޖައިޝަންކަރަށް؛ ހައްލު ހޯދަން ހިންގަވާ