Roadha Mihaaru
ތަރުކާރީގެ ބައެއް ބާވަތްތައް ހުސްވެއްޖެ

ތަރުކާރީގެ ބައެއް ބާވަތްތައް ހުސްވެއްޖެ

29 މާޗް 2020

އިންޑިއާ އާއި ލަންކާއިން ރާއްޖެ އަށް އެތެރެކުރާ ތަރުކާރީގެ ބައެއް ބާވަތްތައް މާރުކޭޓުން ހުސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާ އާއި ލަންކާއިން ރާއްޖެ އަށް އެތެރެކުރާ ތަރުކާރީގެ ބައެއް ބާވަތްތައް މާރުކޭޓުން ހުސްވެއްޖެ އެވެ.

އާއްމުކޮށް އިންޑިއާ އާއި ލަންކާއިން ގެންނަ ތަރުކާރީގެ ތެރޭގައި ހިމެނެނީ ލީކްސް އާއި ކެޕްސިކަމް އާއި ބީންސް އަދި ބެލް ޕެޕާ ހިމެނެ އެވެ. މި ބާވަތްތައް މި ވަގުތު މާރުކޭޓުން ލިބެން ނެތް ނަމަވެސް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެ އެވެ.

މާރުކޭޓުގައި ތަރުކާރީ ވިއްކާ ބައެއް މީހުން ބުނި ގޮތުގައި ބޭރުން ގެންނަ ތަރުކާރީގެ ބާވަތްތައް ހުސްވެފައި ވަނީ ކޮވިޑާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމުންނެވެ. ނަމަވެސް ކާގޯ މަތިންދާ ބޯޓުތައް އަންނަން ފެށުމުން މި ބާވަތްތައް ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. ލަންކާ އާއި އިންޑިޔާ އިން މިހާރު ވަނީ އެއާޕޯޓްތައް ހުއްޓުމަކަށް ގެނެސްފަ އެވެ. ރާއްޖެ އަށް އާންމުކޮށް ތަރުކާރީގެ މި ބާވަތްތައް ގެންނަނީ އެއާފްރައިޓުންނެވެ.

ބާޒާރުގައި މިހާރު ވަނީ ބައެއް އެހެން ބާވަތްތަކުގެ ކާބޯތަކެތީގެ އަގު ވެސް އުފުލިފަ އެވެ. ނަމަވެސް އާ ޝިޕްމަންޓުތަކާ އެކު އަގުތައް ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ލަފާ ކުރެ އެވެ. އެކަމަކު މިހާރު އޮތް ހާލަތު ދިގުދެމިގެން ހިނގައްޖެ ނަމަ ކުރިއަށް އޮތްތާނގައި ވެސް އަގު އުފުލޭނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.

"މިއަދުން ފެށިގެން ބައެއް އެއްޗެހި އެބަ ލިބޭ. ލިބޭ ވަރަކުން އެ އެއްޗެއްގެ އަގު ދަށްވާނެ. ނަމަވެސް ހާލަތައް ބަލާފައި އަޅުގަނޑަށް ބުނެވޭނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އަގު އުފުލޭނެ ކަމަށް،" ވިޔަފާރިވެރިއަކު ބުންޏެވެ.

މިދިޔަ ހަފްތާގައި އަގު އުފުލުު ބައެއް ތަކެތީގެ ތެރޭގައި ބިހާއި އަލުވި އަދި ފިޔާ ހިމެނެ އެވެ. ބާޒަރުގައި މިއަދު ވެސް ފިޔާގެ އަގު ހުރީ ކިލޯއެއް 25ރ. އަށެވެ އަދި އަލުވި ކިލޯއެއް 15ރ. އަށް ހުރިއިރު ބިސް ކޭހެއް ލިބެނީ 550ރ. އަށެވެ. ބިހުގެ އަގު ބައެއް ފިހާރަތަކުގައި މިއަދު ވަނީ 330ރ. އަށް ވެއްޓިފަ އެވެ.

ބާޒާރުގައި އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ވިއްކާ އެއްވެސް ބާވަތެއްގެ އަގަކަށް ބަދަލެއް ނުގެނެ އެވެ. ނަމަވެސް އެ ކުންފުނިން ވެސް މިހާރު މި ބާވަތްތައް ވިއްކަމުން އަންނަނީ ލިމިޓު ކޮށްގެންނެވެ. މި ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.