Roadha Mihaaru

ލަންކާގައި އޮންނަ ޗައިނާ ބަނދަރުގައި އިންޑިއާގެ އަދާނީން ބިޔަ ކޮންޓެއިނާ ޓާމިނަލެއް ހަދައިފި

އިންޑިއާގެ އަދާނީ ގްރޫޕުން 800 މިލިއަން ޑޮލަރުގެ ކޮންޓެއިނާ ޓާމިނަލެއް، ސްރީ ލަންކާގައި ޗައިނާގެ ކުންފުންޏަކުން ހިންގާ އެފަދަ ފެސިލިޓީއެއްގެ ކައިރީގައި އިއްޔެ ހުޅުވައިފި އެވެ.

ލަންކާގައި އަދާނީގެ ބިޔަ ކޮންޓެއިނާ ޓާމިނަލެއް

އިންޑިއާގެ އަދާނީ ގްރޫޕުން 800 މިލިއަން ޑޮލަރުގެ ކޮންޓެއިނާ ޓާމިނަލެއް، ސްރީ ލަންކާގައި ޗައިނާގެ ކުންފުންޏަކުން ހިންގާ އެފަދަ ފެސިލިޓީއެއްގެ ކައިރީގައި އިއްޔެ ހުޅުވައިފި އެވެ.

ލަންކާގެ ކަނޑުގެ މައި ބަނދަރުގައި އަދާނީން ތަރައްގީކުރި މި ޓާމިނަލަކީ، ޗައިނާ ސްޓްރެޓެޖިކް ތަނެއްގެ ގޮތުގައި ބެލެވޭ ބަނދަރުގައި އިންޑިއާގެ ނުފޫޒާއި ބާރު ވެސް ބޭއްވުމަށް ހެދި ތަނެއްގެ ގޮތުގައި ސިފަކުރެވެ އެވެ.

އަދާނީން ހިންގާ މި ފެސިލިޓީ ހުޅުވާފައި މި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގައި ލަންކާއާ އެކު ދިފާއީ އަދި ހަކަތައިގެ އެއްބަސްވުންތަކެއް ގާއިމުކޮށް އެ ދަތުރު ނިންމާލިތާ އެއް ދުވަސް ފަހުންނެވެ.

"ސީޑަބްލިއުއައިޓީ [ކޮލަމްބޯ ވެސްޓް އިންޓަނޭޝަނަލް ޓާމިނަލް] ގައި މަސައްކަތް ފެށުމަކީ އިންޑިއާ އާއި ސްރީ ލަންކާއާ ދެމެދު ސަރަހައްދީ ގޮތުން ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ ބިލިއަނަރު، އަދާނީ ގްރޫޕްގެ ޗެއާމަން ގޯތަމް އަދާނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ސްރީ ލަންކާއަކީ ދުނިޔޭގެ އިރުމަތީ-ހުޅަނގު ކަނޑު މަގުގެ މެދުތެރޭގައި އޮންނަ، ދެކުނު އޭޝިއާގެ ބޮޑު ޓްރާންޝިޕްމަންޓް ހަބެކެވެ.

އެ ކުންފުނިން ބުނީ، 20 މީޓަރުގެ ފުންމިން ހުންނަ ގޮތަށް އަދި 1400 މީޓަރު ދިގު ބާތަކާ އެކު ހަދާ މި ތަނުގައި މިހާރު 600 މީޓަރު ނިމިފައިވާ ކަމަށާއި އެހެންވެ މިހާރުވެސް އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓުތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.