Roadha Mihaaru

އަންނަ މަހު މޯދީ ލަންކާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އަންނަ މަހު ސްރީ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ލަންކާގެ އޮފިޝަލުން ބުނެފި އެވެ.

އަންނަ މަހު މޯދީ ލަންކާއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އަންނަ މަހު ސްރީ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ލަންކާގެ އޮފިޝަލުން ބުނެފި އެވެ.

ވާތުފިޔައިގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އޮފީހުގެ މެމްބަރަކު ވިދާޅުވީ މޯދީ އަކީ ޑިސެނަޔަކަ ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ލަންކަށް އަށް ވަޑައިގަންނަވާ ބޭރު ގައުމެއްގެ ފުރަތަމަ ލީޑަރު ކަމަށެވެ.

"ސެޕްޓެމްބަރު މަހު އިންތިހާބުވެވަޑައިގަތުމަށް ފަހު ރައީސް ޑިސަނަޔަކަ ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ކުރެއްވި ދަތުރަކީ ޑިސެމްބަރު މަހު ނިއު ދިއްލީއަށް ކުރެއްވި ދަތުރުކުރަން ވެސް ހަނދާންކުރަން ޖެހޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލް އޭއެފްޕީ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯދީއާ އެކު، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބައިލެޓަރަލް މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަނެއް ދުވަހު އެނބުރި ވަޑައިގަތުމުގެ ކުރިން ބުޑިސްޓުންގެ ދީނީ ސިޓީއެއް ކަމަށްވާ އަނޫރާދަޕޫރާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯދީގެ ދަތުރުގައި ލަންކާގައި އިންޑިއާއިން ފަށާ ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައި ވާއިރު އިންޑިއާއިން ދަނީ ޗައިނާގެ ނުފޫޒު ލަންކާގައި ގަދަވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސްގެ ހައިސިއްޔަތުން ދެވަނަ ފަހަރަށް ގައުމުން ބޭރަށް ކުރެއްވި ދަތުރުގައި ޑިސަނަޔަކަ މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ވަޑައިގަތެވެ. އަދި މިއީ ޗައިނާ އާއި އިންޑިއާގެ ވާދައިގެ ތެރޭގައި ލަންކާއިން ސިޔާސަތު ހަމަހަމަ ކުރުމަށް ކުރާ މަސައްކަތުގެ ގޮތުގައި ސިފަވި އެވެ.

ބޮޑެތި ލޯނުތަކާ އެކު ލަންކާގެ ބޭރުގެ ދަރަނި 46 ބިލިއަން ޑޮލަރަށް އަރައި އެ ފައިސާ ނުދެއްކި ބަނގުރޫޓުވިކަން އޭޕްރީލް 2022 ގައި އިއުލާނުކުރި އިރު ޗައިނާ އަކީ ލަންކާއަށް އެންމެ ގިނަ ލޯނު ދީފައި އޮތް ގައުމެވެ. ޗައިނާއަށް 14 ބިލިއަން ޑޮލަރު ދައްކަން ޖެހިފައި އޮތް އިރު ލޯނުތައް އަލުން ސްޓްރަކްޗާކޮށްދިން ފުރަތަމަ ގައުމަކީ ވެސް ޗައިނާ އެވެ.

ޗައިނާގެ ބޮޑު ލޯނެއް 2017 ވަނަ އަހަރު ނުދެއްކި، ސްރީ ލަންކާގެ ދެކުނުގެ ބަނދަރު ކަމަށްވާ ހަމްބަންޓޯޓާ 1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ވެސް ކޮށްފައިވެ އެވެ.