Roadha Mihaaru

މޯދީ ލަންކާގެ އެންމެ މަތީ އިއްޒަތް؛ ދިފާއީ އަދި ހަކަތައާ ބެހޭ އެއްބަސްވުންތަކެއް ހައްދަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާއަށް ވަޑައިގެން ދިފާއީ އަދި ހަކަތައިގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުންތަކެއް މިއަދު ހައްދަވައިފި އެވެ.

އިންޑިއާ-ލަންކާގެ ދިފާއީ އަދި ހަކަތައިގެ އެއްބަސްވުމެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާއަށް ވަޑައިގެން ދިފާއީ އަދި ހަކަތައިގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުންތަކެއް މިއަދު ހައްދަވައިފި އެވެ.

ވާދަވެރި ޗައިނާގެ ނުފޫޒާ ދެކޮޅަށް އިންޑިއާއިން އަވަށްޓެރިންނާ އެކު އެއްބަސްވުންތައް ހަދަމުން ދާއިރު ސްރީ ލަންކާއިން މިއަދު ވަނީ އެ ގައުމުގެ މަދަނީ އެންމެ މަތީ އިއްޒަތް މޯދީއަށް އަރުވައިފަ އެވެ. އެއީ މޯދީ އަމިއްލަ ގޮތުން ލަންކާއާ މެދު ބާއްވާ ގާތް ގުޅުމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަށް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންގެ ސަލާމަތީ މަސްލަހަތުތައް ގުޅިފައިވާ ކަމަށް،" ޓީވީ މެދުވެރިކޮށް ބޭއްވި ދެއްކި ރަސްމިއްޔާތެއްގައި މޯދީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަލާމަތީ ކަންކަން ވަނީ އެއްގައުމު އަނެއް ގައުމާ ގުޅި ލާމެހިފައި."

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްރީ ލަންކާ ސިފައިން އިންޑިއާގައި ތަމްރީނުކުރުމުގެ އިތުރުން މައުލޫމާތާއި ޓެކްނޮލޮޖީ ވެސް މި މުއްދަތުގައި ހިއްސާކުރާނެ އެވެ.

ލަންކާގެ ރައީސް ޑިސެނަޔަކަށް ވަނީ އިންޑިއާ އަކީ ހަމައެކަނި ސަރަހައްދީ ބާރެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ބާރަކަށް ވަމުން ވެސް އަންނަ ގައުމެއް ކަމަށް ވިދާޅުވެ ތައުރީފްކުރައްވައިފަ އެވެ.

"ސްރީ ލަންކާގެ ސަރަހައްދު އިންޑިއާގެ ސަލާމަތަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއްގައި ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ވާނީ މޯދީއަށް ތަކުރާރުކޮށް ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

ލަންކާގެ ބަނދަރަށް ޗައިނާގެ ސަބްމެރިންތަކާއި ރިސާޗް އުޅަނދުތަކުން އައި މައްސަލައިގައި އިންޑިއާ އިން މީގެ ކުރިން ވެސް ވަނީ ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅުހަދައިފަ އެވެ. އިންޑިއާގެ މި ނުރުހުމާ ހެދި 2014 އިން ފެށިގެން ލަންކާއިން ވަނީ ޗައިނާގެ ސަބްމެރިންތައް ލަންކާ އަށް ވަނުމުގެ ހުއްދަ ނުދީފަ އެވެ.

އަދި މިދިޔަ އަހަރު ލަންކާއިން ވަނީ ބޭރުގެ ރިސާޗް އުޅަނދުތައް އެ ގައުމަށް ވަނުން މަނާކޮށްފަ އެވެ. އެއީ ޗައިނާގެ އުޅަނދުތައް އިންޑިއާއަށް ޖާސޫސް ކުރަން ބޭނުންކުރާ ކަމަށް އިންޑިއާއިން ކުރި ތުހުމަތާ ގުޅިގެންނެވެ.