Roadha Mihaaru
އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ލަންކާގައި ދެނީ

އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ލަންކާގައި ދެނީ

16 މެއި 2024

އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ "ފޯންޕޭ" ލަންކާގައި ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ "ފޯންޕޭ" ލަންކާގައި ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

އިންޑިއާގެ "ފޯމްޕޭ" އެޕްލިކޭޝަން މެދުވެރިކޮށް މި ހިދުމަތް ލަންކާގައި ދެނީ ލަންކާގެ މަރުކަޒީ ބޭންކްގެ ޕޭމެންޓް ސިސްޓަމް "ލަންކާ ޕޭ" މެދުވެރިކޮށެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔޫޕީއައި އިފްތިތާހު ކޮށްދެއްވީ އިންޑިއާ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންތޯޝް ޖާ އާއި ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާ (ސީބީއެސްއެލް) ގެ ގަވަރުނަރު ޑރ ނަންދަލާލް ވީރަސިންހަ އެވެ.

ހައި ކޮމިޝަނަރު ސަންތޯޝް ވިދާޅުވީ، ޑިޖިޓަލް ޕޭމެންޓް ނިޒާމު ފުޅާކުރުމަށް އިންޑިއާ އިން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި އެފަދަ ބަދަލުތައް ލަންކާ އަށް ވެސް ގެންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ލަންކާގެ ޔުނިފައިޑް ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓާއި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގައި ވެސް އިންޑިއާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޔުޕީއައި ޕޭމެންޓް އިންޑިއާގައި ތައާރަފް ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އެއީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން ތަރައްގީކޮށްފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ.

އިންޑިއާގެ ޔޫޕީއައިގެ ހިދުމަތް އެންމެ ފުރަތަމަ ލަންކާގައި ތައާރަފްކުރީ މި އަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވި ވާޗުއަލް ރަސްމިއްޔާތެއްގަ އެވެ.

ފޯންޕޭ ޔޫޕީއައި އާ އެކު ލަންކާއަށް ދަތުރުކުރާ އިންޑިއާ މީހުންނަށް ޕޭމެންޓްތައް ހެދުމުގައި އިތުރަށް ފަސޭހަވާނެ އެވެ. އަދި ނަގުދު ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޕޭމެންޓުތައް ހެދޭނެ އެވެ.