Roadha Mihaaru

އަގުބޮޑުވިޔަސް މޭވާ އާއި ތަރުކާރީގެ ސަޕްލައިއަށް ބޮޑު ބަދަލެއް ނެތް

ކާބޯތަކެތި ހިމެނޭހެން އަސާސީ މުދަލުގެ އަގު ބޮޑުވެ އަދި މޭވާގެ އަގު ވަކިން ބޮޑުވެފައި ވިޔަސް އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރަށް މިދިޔަ މަހު ވެސް މާބޮޑު ބަދަލެއް ނާންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އަގުބޮޑުވިޔަސް މޭވާ/ތަރުކާރީގެ ސަޕްލައި ހިފެހެއްޓިފައި

ކާބޯތަކެތި ހިމެނޭހެން އަސާސީ މުދަލުގެ އަގު ބޮޑުވެ އަދި މޭވާގެ އަގު ވަކިން ބޮޑުވެފައި ވިޔަސް އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރަށް މިދިޔަ މަހު ވެސް މާބޮޑު ބަދަލެއް ނާންނަ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްޕީއެލް އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި މިދިޔަ ހަފުތާގައި މާލޭ ވިޔަފާރި ބަނދަރުން 1،359 ޓީއީޔޫ ކްލިއާ ކުރި އެވެ. އެއީ 20 ފޫޓްގެ 553 ކޮންޓެއިނަރާއި 40 ފޫޓްގެ 403 ކޮންޓެއިނާ އެވެ.

އޭގެ އިތުރުން ކްލިއާ ކުރި ޕެރިޝަބަލް ކާގޯ (ފަސޭހައިން ހަލާކުވާ ބާވަތްތަކުގެ) ގެ ތެރޭގައި 14،540 ކޭސް ބިހާއި 116،17 ބަސްތާ ފިޔާ، 5،415 ބަސްތާ ކަރާ، 3،672 ކޭސް ޓޮމާޓޯ، 1،819 ކޭސް އަލަނާސި، 2،257 ބަސްތާ ކެބެޖް، 2،087 ގަނޑު ދޮންކެޔޮ، 806 ބަސްތާ ބަރަބޯ އަދި 539 ބަސްތާ ސްވީޓްމެލަން ހިމެނެ އެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށް އެމްޕީއެލް އިން އެ ބާވަތްތައް ކްލިއާކުރި އަދަދު ހުރީ އާއްމުކޮށް ހަމަ މި ރޭންޖުގަ އެވެ. ބައެއް ހަފުތާތަކުގައި ބައެއް ބާވަތްތައް ތަންކޮޅެއް މަދުވި ނަމަވެސް ހަމަ އެއާ އެކު އެހެން ބާވަތްތައް އިތުރުވުމުން، ޖުމްލަ ގޮތެއްގައި ކްލިއާ ކުރި ޕެރިޝަބުލްގެ އަދަދަށް ބޮޑު ބަދަލެއް އައިސްފައެއް ނެތެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސް އިން އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ އަގުތަކާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް ދެ ޕަސެންޓް (1.96 ޕަސެންޓް) އުފުލިފަ އެވެ. އީސީޕީ ގައިވާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ވެސް ދަނީ އުފުލެމުންނެވެ. ކާބޯތަކެތީގެ އަގު މިދިޔަ މަހާ އަޅާބަލާއިރު 1.62 ޕަސެންޓު މައްޗެވެ.

އައިސީޕީގައި ފާހަގަކޮށްފައިވާ ގޮތުގައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުން 5.38 ޕަސެންޓުން އުފުލިފައިވާ ކަމަށް ތަފާސްހިސާބާ ބެހޭ އިދާރާގެ ސާވޭއިން ދައްކަ އެވެ.

ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ބުއިންތަކުގެ އަގު މިދިޔަ ޖުލައިމަހާ އަޅާބަލާއިރު އޮގަސްޓް މަހު ކޮންމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު އެ ބާވަތްތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. އެއީ 1.58 ޕަސެންޓަށެވެ.

ރީތިވާ ސާމާނާއި އެ ނޫން ވެސް "ޕާސަނަލް ކެއާ" ކެޓަގަރީގައި ހިމެނޭ ތަކެތީގެ އަގު ވެސް މިދިޔަ އަހަރަށް ވުރެ 4.33 ޕަސެންޓް ބޮޑުވެފައިވާ ކަމަށް ވެސް އީސީޕީއައި އިން ދައްކަ އެވެ.

ޒަރޫރީ ތަކެތީގެ ތެރެއިން އަގަށް ބަދަލެއް އައިސްފައިނުވަނީ ގޭހާއި ތެލަށެވެ.